about 8 hours 0
ސާއިފް ޝިޔާދު
about 8 hours 0
މިވަގުތު ވެސް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށާއި އޭނާ ބަންދުކުރުމުގައި އަމަލުކުރި ގޮތް ހޯދުމަށް ފަހު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފި އެވެ.
މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާ ގޮތުން ޖިނާއި ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ މެންބަރަކު ތަހުގީގަކަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓު އަމުރެއް އޮންނަން ޖެހެ އެވެ. މެންބަރަކު ހައްޔަރުކޮށްފި ހާލަތެއްގައި މަޖިލީހުގެ ރައީސަށް އެކަން ލިޔުމުން އަންގަން ޖެހެ އެވެ.
މައުރޫފް ހައްޔަރުކުރީ މިއަދު މެންދުރުގެ ވަގުތެއްގައި ކަންނެލި އޮޑިއެއްގެ ވީލްހައުސްގައި ހުއްޓައި ގަދަކަމުން ބާރުގެ ބޭނުންކޮށްގެންނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަކަށް އެރުވުމަށްފަހު ގެންދިޔައީ ދޫނިދޫއަށް ކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާ ކުރީ ކޮން ޖިނާއީ ކުށެއް ކަމެއް އަދި އޭނާ ހައްޔަރުކުރުމަށް އަމުރެއް އޮތް ކަމަށް ފުލުހުން މިހާތަނަށް ނުބުނެ އެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ.
އެ މައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެހެންވެ މިރޭ އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ.
"އެންމެ ފަހުން ގުޅި މަޖިލިސް ރައީސް ވިދާޅުވީ އަދި ދޫނުކޮށްލާ ކަމަށް. އަޅުގަނޑުމެން ގަސްތުކުރަނީ އެ ހާދިސާ ދިޔަ ގޮތް ޕޮލިހުންނާއި، ކަމާ ބެހޭ އިދާރާތަކުން ހޯދައި އިތުރު ބައްދަލުވުމެއް ބޭއްވުމަށް،" އެ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ އަބްދުއްލަތީފް މުހައްމަދު ވިދާޅުވި އެވެ.
ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލު މަޖިލީހަށް ގެނައުމަށް ތާއިދުކޮށް ވާހަކަ ދައްކަވާފަ އެވެ.
ބީކޭއެމްޔޫ އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ ޑިސެމްބަރު 10، ގެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގަ އެވެ. އެ މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވި އެވެ. އެ އުޅަނދުތައް ހުޅުމާލެ ބަނދަރުން ނުކުމެގެން އައިސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ނަގިލި ލައިގެން ތިބީ މާލޭގެ ބޭރު ތޮށީގެ ބޭރުން ކަނޑުގަ އެވެ. އެހެން ތިއްބައި ޑިސެމްބަރު 11، ގެ ހެނދުނު ފުލުހުން ވަނީ ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް، މުޒާހަރާ ހުއްޓާނުލައި އަންނަނީ ހުޅުމާލޭ ފަޅުގައި ކުރަމުންނެވެ.
މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ. މިއީ ހައްތަހާވެސް މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރިއިރު މެނިފެސްޓޯގައި ލިޔެފައިވާ ވައުދުތަކެކެވެ.
އިހުތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ހައްގު ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ.
Comment