Advertisement

ސަރުކާރުން މަސައްކަތް ކުރަނީ ނޫސްވެރިކަން މަރާލަން، މަރާލަންވީ ގޮތް ވެސް އެބަ ހާމަކުރޭ: ސޯލިހު

1 ސެޕްޓެންބަރު 2025 - 23:15 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: އަތޫފް އާތިފް / އަދަދު


ސަރުކާރުން މަސައްކަތް ކުރަނީ ނޫސްވެރިކަން މަރާލަން، މަރާލަންވީ ގޮތް ވެސް އެބަ ހާމަކުރޭ: ސޯލިހު

1 ސެޕްޓެންބަރު 2025 - 23:15 0

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު މަސައްކަތް ކުރަމުން ދަނީ ނޫސްވެރިކަން މަރާލަން ކަމަށާއި މަރާލަންވީ ގޮތް ވެސް ބައެއް ބޭފުޅުން ހާމަކުރަމުންދާ ކަމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި މިރޭ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ނޫސްވެރިކަމަކީ ޑިމޮކްރެސީއެއްގައި އޮންނަ އެންމެ މިނިވަން ބާރު ކަމަށެވެ. ނޫސްވެރިންނަކީ ވަކި ބައެއްގެ ނުފޫޒެއް ނެތި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ބައެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މިއަދު [ސަރުކާރުން] އެ މަސައްކަތް ކުރައްވަނީ ނޫސްވެރިކަން މަރައިލަން، ނޫސްވެރިކަން މަރައިލަން، ބައެއް ބޭފުޅުން ވިދާޅުވާގޮތުން އެ މަރާލަންވީ ގޮތް ވެސް އެބަ ސާފުކޮށް ހާމަ ކުރޭ،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ކުރިމަތިވެފައި އޮތް އެންމެ ނުރައްކާތެރި ކަމަކީ ނޫސްވެރިންނާ ދެކޮޅަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ކަމަށެވެ. އެ ބިލުގެ ބޭނުމަކީ ސަރުކާރުގެ ބާރުގެ ދަށަށް ހުރިހާ މީޑިއާތަކެއް ގެންދިޔުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އޭގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް މުޅި ނޫސްވެރިކަން ގެނައުން، ވަކިވަކި ނޫސްވެރިންނަށް ބޭނުން ވަގުތެއްގައި ފިޔަވަޅު އެޅުމުގެ، ނުރައްކާތެރި ފިޔަވަޅު އެޅުމުގެ ފުރުސަތު ހޯދުން، ޖުމުލަކޮށް ހުރިހާ ނޫސްތަކަކަށް، ހުރިހާ ނޫސް މީޑިއާއަކަށް ފިޔަވަޅު އެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ނެންގެވުން،" ސޯލިހު ވިދާޅުވި އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މިނިވަން މީޑިއާ ނައްތައިލާ ބިލަކީ އިސްލާހު ކުރެވޭނެ ބިލެއް ނޫން ކަމަށް ސޯލިހު ވިދާޅުވި އެވެ. އެ ބިލު އަނބުރާ ގެންދިޔުމަށް މުއިއްޒުއަށް ސޯލިހު ގޮވައިލެއްވި އެވެ.

މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފު އުފުލަން ޖެހިފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރަށް ދެ އަހަރު ވާން ކައިރިވާއިރު، ވެރިކަމާމެދު ހިތްހަމަޖެހޭ އެކަކު ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީން އިސްވެ ނުކުންނަން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.