31 އޮގަސްޓު 2025 - 19:06 0
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު (ކ) އަދި މޯދީ (ވ) ބައްދަލުކުރެއްވުން -- ފޮޓޯ: މޯދީ/އެކްސް
31 އޮގަސްޓު 2025 - 19:06 0
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްއީއޯ) ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައިފި އެވެ.
މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒުއާ ބައްދަލުކުރައްވާފައިވާ ކަމަށާއި ރާއްޖެއާ ދެމެދު އޮތް ތަރައްގީގެ ގުޅުމަކީ އިންޑިއާގެ ރައްޔިތުންނަށް ފައިދާހުރި ގުޅުމެއް ކަމަށެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން މުއިއްޒު ވެސް އަދި ރައީސް އޮފީހުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފާހަގަކުރި ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ރާއްޖެއަށް ވަޑައިގެންނެވި އެވެ.
މިދިޔަ ހުކުރު ދުވަހު މުއިއްޒު ޗައިނާއަށް ވަޑައިގަތީ އެސްއީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އޭގެކުރިން މުއިއްޒު ވަނީ މިއަދު ޗައިނާގެ ރައީސް ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާފަ އެވެ.
ޝީއާއެކު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތައް އަވަސްކޮށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ސަމިޓުގެ ތެރެއިން ކުރިއަށްދާ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ވެސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެފަދަ ބައްދަލުވުމެއްގައި މުއިއްޒު ތަގުރީރެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ.އެ ޖަމިއްއްޔާ އުފެއްދީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment