Advertisement

ރިސޯޓެއްގައި މަރުވި ޒުވާނެއްގެ ހަށިގަނޑު ހަވާލުނުކޮށް އޮޓޮޕްސީ ހަދާތީ އާއިލާގެ ކަންބޮޑުވުން

30 އޮގަސްޓު 2025 - 00:11 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރިސޯޓެއްގައި މަރުވި ޒުވާނެއްގެ ހަށިގަނޑު ހަވާލުނުކޮށް އޮޓޮޕްސީ ހަދާތީ އާއިލާގެ ކަންބޮޑުވުން

30 އޮގަސްޓު 2025 - 00:11 4

ބ. އަތޮޅު ނޮޓިލަސް ރިސޯޓުގައި މަސައްކަތްކުރި ކ. ގުރައިދޫ، ތަނޑިރަތްމާގެ، އަދީލް އަހުމަދު، 20 މަރުވި މައްސަލައިގައި އާއިލާގެ އެދުމަށް ނުބަލައި އޭނާގެ އޮޓޮޕްސީ ހަދަން ނިންމުމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަދަދު އަށް އިތުބާރު ހިފޭ މަސްދަރަކުން އެނގިފައިވާ ގޮތުގައި އޮގަސްޓް 22، ގައި އަދީލް މަރުވީ ރިސޯޓުގެ ލޯންޗުގައި ދަންޖެހިގެންނެވެ. އޭނާގެ މަރާ ގުޅިގެން އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމީ ޝައްކު އުފެދޭ ކަންކަން ހުރުމުން ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އަދީލްގެ ބޭބެ އަސްލަމް އަހުމަދު މި ނޫހަށް މައުލޫމާތު ދެމުން ބުނީ އަދީލް މަރުވިތާ ހަފްތާއެއް ފަހުން އޭނާގެ އޮޓޮޕްސީއެއް ހެދުމަށް ނިންމިކަން ފުލުހުން އެންގީ މިއަދު ކަމަށެވެ.

އޮޓޮޕްސީ ހަދަން ބޭނުންވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެކަން ކުރަން އާއިލާއިން ބޭނުން ނުވާ ކަމަށް އަސްލަމް ބުންޏެވެ. އޭނާ ބުނީ އަދީލްގެ މަރަށް އިންސާފް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އޭގެ ބަދަލުގައި ހަށިގަނޑު ވަޅުލިޔަސް މާ ރަނގަޅުވާނެ ކަމަށެވެ.

މީގެއިތުރުން އަސްލަމް ބުނީ އަދީލްގެ މަރާ ގުޅިގެން ފުލުހުންނަށް އޭނާ ބަޔަކު މަރާލި ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށާއި ހެއްކެއް ހޯދޭނެ ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށެވެ.

"ތަހުގީގު ކުރާކަށެއް ބޭނުމެއް ނޫން. ތަހުގީގު ކޮށްގެން މި ރާއްޖޭގައި އެއްވެސް ބަޔަކަށް ނެތް ފައިދާއެއް ވެފައި. ބޭނުން ނުވަނީ މި މީހުންނަކަށް ނޭނގޭ ޝައްކު ކުރެވޭ މީހަކު. އެއްވެސް ކަހަލަ އެވިޑެންސެއް ނެތް. އިންސާފު ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން،" އޭނާ ބުންޏެވެ.

އަދީލްގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވަން ނިންމާފައި ވަނީ ސެޕްޓެމްބަރު 2، ގަ އެވެ. އޭނާގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު އަނބުރާ ރާއްޖެ ގެނައުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 7 ގަ އެވެ.

އަދީލްގެ މަންމަ ނާޖިދާ ބުނީ އޭނާގެ ދަރިފުޅަކީ ވަރަށް މަޑުމައިތިރިކޮށް އުޅޭ ބަސްއަހާ ކުއްޖެއް ކަމަށެވެ. އޭނާގެ މަރުގެ ހަބަރު ލިބުނީ ރިސޯޓަށް ދިޔަތާ މަހެއްވީ ފަހުން ކަމަށް ނާޖިދާ ބުންޏެވެ.

ނާޖިދާ ވެސް އެދެނީ އޭނާގެ ދަރިފުޅުގެ ހަށިގަނޑު ވީހާވެސް އަވަހަށް އާއިލާއާ ހަވާލުކޮށް، ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަން ފުލުހުން ފުރުސަތު ދިނުމަށެވެ. އޭނާ ބުނީ އަދީލްގެ މަރަށް އިންސާފް ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.