Advertisement

އަމީން މިއާގެ މަރު: ސްރީލަންކާ މީހާގެ ބަންދަށް 45 ދުވަސް އިތުރުކޮށްފި

18 ފެބުރުވަރީ 2026 - 19:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އަމީން މިއާގެ މަރު: ސްރީލަންކާ މީހާގެ ބަންދަށް 45 ދުވަސް އިތުރުކޮށްފި

18 ފެބުރުވަރީ 2026 - 19:29 0

ކ. ތިލަފުށި ސައިޓެއްގައި ހައިމާކަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ޖެނުއަރީ 26، ގައި މަރުވި ބަނަގްލަދޭޝް މީހާގެ މައްސަލައިގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް 45 ދުވަސް މިއަދު އިތުރުކޮށްފި އެވެ.

ވެމްކޯގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ އަމީން މިއާ، 24، މަރުވި މި މައްސަލައިގައި ހައްޔަރުކުރީ ސްރީލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32، އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މިއަދު އޮތް މުއްދަތު މަޖިލީހުގައި އެ މައްސަލައިގެ މިދިޔަ ދެ މުއްދަތު މަޖިލީހުގައި ވެސް އެދުނު ގޮތަށް ސްރީލަންކާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ފުލުހުން އެދުނެވެ. ނަމަވެސް ގާޒީ ނިންމެވީ 45 ދުވަހަށް މުއްދަތު ޖެހުމަށެވެ.

ޖުމްލަ 45 ދުވަހުގެ މުއްދަތެއް ޖަހަން ގާޒީ ނިންމެވީ މައްސަލައިގެ ބަޔާންތައް ނަގައި ޕީޖީއަށް ފޮނުވަން ނަގާނެ މުއްދަތު ވެސް ސާފުކުރެއްވުމަށްފަހު ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީން ފެންނަ ގޮތުގައި ހައިމާކުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް، ހުއްޓުމެއް ނެތި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ.

ސްރީލަންކާ މީހާ ހައިމާކު އޮޕަރޭޓްކޮށްފައިވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ތުހުމަތުކުރާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރަނީ ގަސްތަކާނުލައި މީހަކު މެރުމުގެ ކުށް ކުރި ކަމަށެވެ.

މި މައްސަލައިގައި ހެއްކެއްގެ ބަޔާނަށް ރިޔާޔަތްކޮށް ފުލުހުން ކޯޓުގައި ކުރިން ބުނީ ސްރީލަންކާ މީހާ ފިލައިގެން ދާން އުޅުނު ކަމަށް ބެލެވޭ ކަމަށެވެ. އޭގެއިތުރުން އޭރު އޭނާ މަސައްކަތް ކުރަމުންދިޔައީވެސް ގަވާއިދާ ހިލާފަށް ކަމަށް ފުލުހުން ބުންޏެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އަމީން މިއާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓްކުރީ ދެ ދުވަސް ފަހުންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ރިޕޯޓްކުރި ދުވަހު ހޯދުމުގެ މަސައްކަތް ކުރަނިކޮށެވެ.

އޭނާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓުނުކޮށް ލަސްކުރީ ކީއްވެގެން ކަމެއް ވެމްކޯއިން ހާމައެއް ނުކުރެ އެވެ. އެ ކުންފުނިން ބުނީ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދިނުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.