26 އޮގަސްޓު 2025 - 11:06 1
މުހައްމަދު ޝަހްޒާން
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
26 އޮގަސްޓު 2025 - 11:06 1
ހައްޖު ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރު ކުރަމުން ދަނީ އުނިއިތުރުތަކެއް ގެނެސްފައިވާ ސައްހަ ނޫން ލިސްޓެއް ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންދާ ލިސްޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝަކީލް ވިދާޅުވީ 2024 ގައި ފައިސާ ދެއްކި ބަޔަކަށް އަންނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ބުނެ ފަތުރަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"[ދައުރު ކުރަމުން ދަނީ] ސައްހަ ލިސްޓެއް ނޫން، އުނިއިތުރުތަކެއް ގެނެސްފައިވާ ލިސްޓެއް،" ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ފައިސާ ދެއްކި މީހުން ބަކީކޮށް، އެމީހުންނަށްވުރެ މާފަހުން ފައިސާ ދެއްކި ބަޔަކަށް އަންނަ އަހަރުގެ ލިސްޓުން ޖާގަ ދީފައިވާ ކަމަށް ބުނާ ވާހަކައަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
އެގޮތުން ހައްޖަށް ދާން ފައިސާ ދައްކާފައިވާ މީހެއްގެ ސިއްހީ ހާލަތަށް އަންނަ ބަދަލެއްގެ ސަބަބުން، ނުވަތަ ހައްޖަށް ދާން ނުކުޅެދޭ ނަމަ އޭނާ ފައިސާ ދެއްކި ސްލޮޓު އާއިލާ މީހަކަށް ބަދަލު ކުރުމުގެ ފުރުސަތު ގަވާއިދުގެ ތެރެއިން އޮންނަ ކަމަށެވެ. އަދި އެގޮތަށް ބަދަލުކޮށްފި ނަމަ، އެ ސްލޮޓުގައި ފަހުން ދާން ހަމަޖެއްސި އާއިލާ މީހާގެ ނަން ފެންނަން އޮންނާނީ އެ ބަދަލު ކުރި ތާރީހާއެކު ކަމަށް ޝަކީލް ވިދާޅުވި އެވެ.
"މިސާލަކަށް [ނަން އުނިކުރެވިފައި] ފައިސާ ދައްކާފައި މި އޮންނަނީ 2021 ގައި އިނގޭތޯ، ދައްކާފައި އޮއްވައި [ނަން] ގެ ބަލި ހާލަތު ހުރިގޮތުން، [ނަން] 2021 ގައި ފައިސާ ދެއްކިއިރުގައި ވެސް ހަމަ 2026 އާ ހިސާބަށް މި ދެވެނީ، ހުއްޓާ [ނަން] ގެ ބަލި ހާލަތު ހުރިގޮތުން [ނަން] އަށް ދެވޭގޮތް ނުވާތީވެ [ނަން] ގެ ސްލޮޓު ގަވާއިދު އިންނަގޮތުން ބަދަލު ކުރެވޭނެ އާއިލާގެ މީހަކަށް، ދެން އާއިލާ އޮންނާނެ ވަރަށް ސްޕެސިފިކް ކޮށް ޑިފައިން ކޮށްފައި، އާއިލާއަކީ ކޮބައިކަން މި ގަވާއިދުގައި، އެހެންވީމާ އާއިލާގެ މީހަކަށް އެ ސްލޮޓު އެ މީހަކަށް ބަދަލު ކޮށްލެވޭނެ،" ޝަކީލް ވިދާޅުވި އެވެ.
"އެހެންވީމާ އެގޮތަށް މިސާލަކަށް 2024 ވަނަ އަހަރު ތެރޭގައި މީހަކު އޭނާގެ ދަރިއަކަށް މި ބަދަލު ކުރަނީ އޭނާގެ ސްލޮޓު، ބަދަލު ކުރީމާ 2024 ވަނަ އަހަރު ގެނައި ޗޭންޖެއް ކަމަށް ފެންނަން އިންނާނީ، އަސްލަކީ ހަމަ 2021 ގައި ފައިސާ ދައްކާފައި މިއޮތީ، އެކަމަކު ސްލޮޓު ޗޭންޖު ކޮށްފައި މިއޮތީ 2024 ގައި، އެހެންވީމާ ނަންބަރެއް އައިސްފައި މި އިންނަނީ ފަހަތުކޮޅުގައި 2024."
މިސާލެއްގެ ގޮތުގައި ޝަކީލް ވިދާޅުވީ ހައްޖަށް ދާން ފައިސާ ދައްކާފައި އޮންނަ މީހަކު، ހައްޖަށް ދިޔުމުގެ ކުރިން މަރުވާ ހާލަތެވެ. އެ ހާލަތުގައި ޝަރުއީ ކޯޓަށް ގޮސް ވާރިސުންގެ ތެރެއިން މީހަކު ހައްޖަށް ދާން ވެސް ބައެއް ފަހަރު ނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ހާލަތްތަކުގައި ވެސް ލިސްޓުން ފެންނަން ހުންނާނީ މަރުވި މީހާގެ ބަދަލުގައި ހައްޖަށް ދާން ނިންމާ މީހާގެ ނަމަށް އެ ސްލޮޓު ބަދަލު ކުރި ތާރީހު ކަމަށް ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ ދައުރު ކުރަމުންދާ ހައްޖު ލިސްޓާ ގުޅިގެން މިއަދު އެ ކޯޕަރޭޝަނުން ރަސްމީ ބަޔާނެއް ވެސް ނެރޭނެ ކަމަށެވެ.
Comment