Advertisement

އޮސްޓްރޭލިޔާގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި މައްސަލަ ރެޑިޓުން ކޯޓަށް ހުށަހަޅައިފި

12 ޑިސެންބަރު 2025 - 09:33 0


އޮސްޓްރޭލިޔާގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި މައްސަލަ ރެޑިޓުން ކޯޓަށް ހުށަހަޅައިފި

12 ޑިސެންބަރު 2025 - 09:33 0

އޮސްޓްރޭލިޔާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލައި، މިދިޔަ ބުދަ ދުވަހު އަމަލުކުރަން ފެށި ގާނޫނާ ދެކޮޅަށް މަޝްހޫރު އޮންލައިން ޕްލެޓްފޯމް 'ރެޑިޓް' އިން އެ ގައުމުގެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި އާ ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ނުރައްކާތެރި ކޮންޓެންޓާއި އެލްގޮރިދަމްތަކުން ސަލާމަތްކުރުމަށްޓަކައި، ރެޑިޓް ހިމެނޭހެން 10 ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން 16 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓް ނުހުޅުވޭނެ ގޮތް ހެދުން ލާޒިމުކޮށްފައިވެ އެވެ.

ރެޑިޓްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން އޮސްޓްރޭލިޔާގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރަމުން ދިޔަ ނަމަވެސް، މި ގާނޫނަކީ އާންމުންގެ ޕްރައިވެސީއަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ގާނޫނެއް ކަމަށެވެ.

މިކަމާ ގުޅިގެން އޮސްޓްރޭލިޔާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އަނީކާ ވެލްސް ވިދާޅުވީ ބޮޑެތި ޓެކް ކުންފުނިތަކުން ދައްކާ ބިރަށް ނުވަތަ ގާނޫނީ އިންޒާރުތަކަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ އޮސްޓްރޭލިޔާގެ ބެލެނިވެރިންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރެޑިޓްގެ އިތުރުން، ނިއު ސައުތު ވޭލްސް އަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ދެ ކުއްޖަކު ވެސް ވަނީ މި ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އޮސްޓްރޭލިއާއިން އެކުލަވާލި މި ގާނޫނާ ޚިލާފުވާ ޕްލެޓްފޯމްތައް 50 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ލިބެ އެވެ.