Advertisement

ހައްޖު ކޯޕަރޭޝަންގެ ނަމުގައި އިތުރު ފައިސާ ހޯދުމަށް ސްކޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

މާލޭގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ އޮފީސް -- ފޮޓޯ: އަދަދު


ހައްޖު ކޯޕަރޭޝަންގެ ނަމުގައި އިތުރު ފައިސާ ހޯދުމަށް ސްކޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

ހައްޖަށް ދިޔުމަށް އިތުރަށް ފައިސާ ދެއްކުމުން ޖާގަ ކަށަވަރުވާ ކަމަށްބުނެ ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް އެ ކޯޕަރޭޝަނުން ނުނަގާނެ ކަމަށެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޮނުވާ މިފަދަ މެސެޖުތަކާއި ކުރާ ފޯނުކޯލުތަކަށް ސަމާލުވުމަށް އެންމެހާ ބޭފުޅުންގެ ސަމާލުކަމަށް ދަންނަވަމެވެ،" ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައި ބުންޏެވެ.

ހައްޖުގެ މަތިވެރި އަޅުކަމާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ ކަންކަމާމެދު އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނުން މިހާރު ކަނޑައަޅާފައިވާ އަގަކީ 69،965ރ. އެވެ.

ހައްޖަށް ދިޔުމަށް ފައިސާ ދެއްކުމުގެ އުސޫލު އޮންނަނީ، ހައްޖު އެކައުންޓެއް ހުޅުވުމަށްފަހު، ހައްޖު ކޯޕަރޭޝަނުން އެއިރެއްގައި ކަނޑައަޅާފައިވާ ހައްޖުގެ އަގުގެ 75 ޕަސަންޓު ހަމަކުރުމުން ހައްޖަށް ދިއުމުގެ ޖާގަ ކިއުއިން ރިޒާވްކޮށް ލިސްޓުގައި ހިމެނޭ ގޮތަށެވެ.

ކިއު ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭއިރު، އެކައުންޓު ހުޅުވުމަށްފަހު އެ ފަރާތަކުން ބޭނުންވާ މިންވަރަކުން ފައިސާ ޖަމާކުރަމުން ގެންދެވޭނެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނާ އެއްގޮތަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހައްޖުގެ އަގުގެ ބައެއް ހަމަކުރުމަށް ޕެންޝަން ފައިސާ ބޭނުން ކުރެވިދާނެ އެވެ.