26 ނޮވެންބަރު 2025 - 10:01 1
26 ނޮވެންބަރު 2025 - 10:01 1
ސޯޝަލް މީޑިއާގެ ތެރޭގައި ތާށިވެ ނަފްސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ވަކިން ހާއްސަކޮށް ޒުވާނުން މި އަވައިގައި ޖެހޭ މިންވަރު، އެހެން އުމުރުފުރާތަކަށް ވުރެ ބޮޑެވެ. ޒުވާނުންގެ ތެރެއިން ވެސް، ސޯޝަލް މީޑިއާގެ އަޅުންނަށް ވަމުންދާ އެވްރެޖް އުމުރު ފުރަޔަކީ، 18 އަހަރާއި 24 އަހަރާ ދެމެދެވެ.
ޖާމާ ނެޓްވޯކް އޯޕެން ކިޔާ ޖާނަލްގައި، ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސޯޝަލް މީޑިއާ ބޭނުންކުރުން ހަފުތާއެއްގެ މުއްދަތަށް މެދުކަނޑައިލުމުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވެއެވެ. މި ދިރާސާ ހަދާފައިވަނީ ސޯޝަލް މީޑިއާ ބޭނުންކުރުން ހަފުތާއެއް ވަންދެން އަމިއްލައަށް މެދުކަނޑައިލި 259 މީހަކު، އެމީހުންނަށް ކުރެވުނު ތަޖުރިބާތަކަށް ބިނާކޮށް އަމިއްލައަށް އެކުލަވައިލި ރިޕޯޓްތަކެއް ދިރާސާކޮށްގެންނެވެ.
މި ގޮތަށް އަމިއްލައަށް ކުރެވޭ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، އޮންލައިން މަންސަތަކުގައި ހިއްސާކޮށްފައިވާ ހުރިހާ ރިޕޯޓްތަކެއްގައިހެން ބުނެފައި އޮންނަނީ، ސޯޝަލް މީޑިއާ ބޭނުންކުރުން މަދުކުރުން އެތައް ފައިދާތަކެއް ލިބޭ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާ ބޭނުންކުރުމާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާ ދެމެދުގައި ސައެންޓިފިކް ގުޅުމެއް ވާކަމާ މެދުގައި ކުރެވޭ ބަހުސުން އަދިވެސް ނަތީޖާއަކަށް ވާސިލެއް ނުވެވެއެވެ.
އެކަމާ ގުޅޭ ގޮތުން މީގެ ކުރިން ކޮށްފައި ހުރި ސައެންޓިފިކް ދިރާސާތަކުން ދައްކަނީ މަސްހުނި ނަތީޖާތަކެކެވެ. މާނައަކީ، ސޯޝަލް މީޑިއާ ބޭނުންކުރުން މަދުކުރުމުން ނުވަތަ ހުއްޓައިލުމުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުވާ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އެހެން ބައެއް ދިރާސާތަކުން ދައްކަނީ، އެ ދެ ކަންތަކުގައި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ބައެއް ދިރާސާތަކުގައި ބުނެފައިވަނީ، ސޯޝަލް މީޑިއާ ބޭނުންކުރުން މަދުކުރުމުން އެމީހާގެ ނަފްސާނީ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށެވެ.
މި ކަމާ ބެހޭ ގޮތުން މީގެ ކުރިން ވަކިވަކި ފަރުދުން އަމިއްލައަށް ހަދާފައިވާ ދިރާސާތައް ބިނާކޮށްފައި ހުންނަނީ، އެމީހަކު ސައްވީސް ގަޑިއިރުގެ ތެރޭގައި ސްކްރީން ބޭނުންކުރުމުގައި ހޭދަކުރާ ވަގުތު، އެމީހަކު އެހެން މީހުންނާ މުވާސަލާތު ކުރުމުގައި ގެންގުޅޭ ވައްޓަފާޅި، އެމީހެއްގެ ނިދުމުގެ އާދަތައް ހުންނަ ގޮތް އަދި އެމީހެއްގެ ޖިސްމާނީ ހަރަކާތްތެރިކަމުގެ މައްޗަށެވެ. ނަމަވެސް މިފަދަ ފަރުދީ ދިރާސާތަކަކީ އާންމު ގޮތެއްގައި އެމީހަކު ބުރަވާ ކަމެއްގެ މައްޗަށް ބިނާވާ ދިރާސާތަކަށް ވާތީ، މިއީ އިލްމީ ގޮތުން ބުރަދަނެއް ދެވޭ ވަރަށް ވުރެ ބަލިކަށި ދިރާސާތަކެކެވެ.
އެހެންކަމުން، އިތުބާރު ހުރި ސައެންޓިފިކް މިންގަނޑުތަކަކަށް ދިރާސާއެއް ހެދުމަށްޓަކައި، މި ދިރާސާ ކުރި ޓީމުން ބޭނުންކުރީ "ޑިޖިޓަލް ފެނޯޓައިޕިން" ކިޔާ މެތަޑެކެވެ. މި މެތަޑްގައި ބަލާ މިންގަނޑަކީ، އެމީހަކު ސްމާޓް ފޯނުގައި އެޕްލިކޭޝަންތައް ބޭނުންކުރާ މިންވަރާއި، އެމީހެއްގެ ޖީޕީއެސް ލޮކޭޝަން އާއި ފޯނުގެ އެކްސެލެރޯމީޓަރަށް އަންނަ ބަދަލުތައް، އަދި ސްމާޓް ފޯނުގެ ސްކްރީނަށް އަންނަ ބަދަލުތަކެވެ.
މި މެތަޑްގައި ސްމާޓް ފޯނުގެ ތިން ހަފުތާގެ މައުލޫމާތު އެއްކުރެއެވެ. ފުރަތަމަ ދެ ހަފުތާއަކީ ސޯޝަލް މީޑިއާ ބޭނުންކުރުން މަދުކުރަން ފެށުމުގެ ކުރީގެ ދެ ހަފުތާއެވެ. އެއަށް ފަހު ތިން ވަނަ ހަފުތާގައި، ދިރާސާގެ ބައިވެރިން މަސައްކަތް ކުރާނީ ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު މަދުކުރުމަށެވެ. މި ހަފުތާގެ ތެރޭގައި ފޭސްބުކާއި އިންސްޓަގްރާމާއި ސްނެޕްޗެޓާއި، ޓިކްޓޮކް އަދި އެކްސް (ޓްވިޓާ) ބޭނުންކުރުން މަދުކުރާނެއެވެ.
މި ތިން ހަފުތާގެ ތެރޭގައި ވެސް ކޮންމެ ބައިވެރިއަކު ކޮންމެ ދުވަހަކު ވެސް، އިކޮލޮޖިކަލް މޮމެންޓަރީ އެސެސްމެންޓް (އީއެމްއޭ) ކިޔާ އެސެސްމެންޓެއްގެ ޒަރީއާއިން، އެމީހެއްގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު، ދިރާސާ ޓީމާ ހިއްސާކުރަމުން ގެންދިޔައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އެއް ހަފުތާއަށް މަދުކޮށްލުމުން، އެމީހެއްގެ އެންޒައިޓީގެ ހާލަތު 16.1 އިންސައްތަ ކުޑަކޮށްދިނެވެ. ޑިޕްރެޝަންގެ ހާލަތު 24.8 އިންސައްތަ އަދި ނިދަން އުނދަގޫވުމުގެ ހާލަތު 14.5 އިންސައްތަ ކުޑަވެގެން ދިޔައެވެ. އޭގެ އިތުރުން، މިދިރާސާގައި ބައިވެރިވި މީހުންގެ 6.2 އިންސައްތަ މީހުން، ސޯޝަލް މީޑިއާ މަދުކުރާ މުއްދަތުގެ ތެރޭގައި އެއްގޮތަކަށް ވެސް ސޯޝަލް މީޑިއާ ބޭނުމެއް ނުކުރެއެވެ.
Comment