Advertisement

ބަންދުގައި ހުންނެވި ރަނިލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފަށައިފި

23 އޮގަސްޓު 2025 - 19:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބަންދުގައި ހުންނެވި ރަނިލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފަށައިފި

23 އޮގަސްޓު 2025 - 19:11 0

ސްރީލަންކާގެ ފުލުހުންގެ ބަންދުގައި ހުންނެވި އެ ގައުމުގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކޮލޮމްބޯ ނެޝަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މިއްލަ ދަތުރެއްގެ ހަރަދުތައް ހަމަޖައްސަން ދައުލަތުގެ ފައިސާ ބޭނުންކުރި މައްސަލެއްގެ ތުހުމަތުގައި އިއްޔެ ރަނިލް ހައްޔަރުކުރުމަށްފަހު މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން އަމުރުކުރީ އޮގަސްޓް 26، ގެ ނިޔަލަށް ރިމާންޑުގައި ބެހެއްޓުމަށެވެ.

އެގޮތުން ރޭ ރަނިލް ޖަލަށް ގެންގޮސް މެޑިކަލް އެސަސްމެންޓް ހެދުމަށްފަހު ޖަލުގެ ހޮސްޕިޓަލުގައި އެޑުމިޓުކުރި އެވެ. ނަމަވެސް އޭނާ އެޑްމިޓުކުރީ ސިއްހީ ކޮން މައްސަލައެއް ދިމާވެގެންކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

ރަނިލް ކޯޓަށް ގެންދިޔަ ވަގުތު އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވި އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ރިމާންޑަށް ގެންދިޔައީ ބިޑިއަޅުވައިގެންނެވެ.

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު އަމާޒުވާ ދަތުރުގައި ރަނިލް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ލަންޑަނުގައި އޮތް ޔުނިވާސިޓީއެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކަށެވެ. އޭނާ އެ ރަސްމިއްޔާތަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 23، 2023 ގަ އެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ އިންވެސްޓިގޭޓަރުންނާ ހަވާލާދީ ލަންކާގައި ނިއުސްވަޔާގައި ވަނީ، ރަނިލް ލަންޑަނަށް ވަޑައިގެންނެވީ އެހެން ގައުމުތަކަކަށް ކުރެއްވި ރަސްމީ ދަތުރެއްގެ ތެރެއިން ކަމަށެވެ.

ރަނިލްއަކީ ލަންކާގައި ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. އޭނާ ވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަން ފަސް ފަހަރެއްގެ މަތިން ކުރައްވާފަ އެވެ.

ލަންކާގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރުން އަންނަނީ އެ ގައުމުގައި ހިންގާފައި ހުރި ހިޔާނާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންނެވެ.