Advertisement

ޗީފް އޮފް ޑެފެންސް ފޯސް ހިލްމީ ލަންކާއަށް ވަޑައިގެން އެ ގައުމުގެ ނޭވީގެ ޗީފްއާ ބައްދަލުކޮށްފި

2 ޑިސެންބަރު 2025 - 15:27 1

އަހުމަދު އާއިދު

އަހުމަދު އާއިދު


ޗީފް އޮފް ޑެފެންސް ފޯސް ހިލްމީ ލަންކާއަށް ވަޑައިގެން އެ ގައުމުގެ ނޭވީގެ ޗީފްއާ ބައްދަލުކޮށްފި

2 ޑިސެންބަރު 2025 - 15:27 1

ދިވެހި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގެން އެ ގައުމުގެ ކަނޑުގެ ސިފައިންގެ އިސްވެރިޔާ އާއި ބައްދަލުކުރައްވައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ހިލްމީ، ލަންކާގެ ނޭވީގެ ޗީފް ރިއާ އެޑްމިރަލް ޑޭމިއަން ފަނާންޑޯ އާއި އެ ގައުމުގެ ނޭވީގެ މައި އިދާރާގައި ބައްދަލުކުރީ އިއްޔެ ކަމަށެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރި ކަމަށް ސިފައިން ބުނެފައިވެ އެވެ.

ލަންކާ ނޭވީ ގެ ވެބްސައިޓުގައި ބުނި ގޮތުގައި ބައްދަލުވުމުގެ ކުރިން އެ ގައުމުގެ ސިފައިން ވަނީ ހިލްމީގެ ޝަރަފުގައި ގާޑް އޮފް އޮނާ އެއް އަރުވާފަ އެވެ. ލަންކާގެ އަސްކަރިއްޔާ އިން ވެސް ބުނީ ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެވުނު ކަމަށެވެ.

ހިލްމީ ލަންކާއަށް ވަޑައިގެންނެވިއިރު، ދިވެހި ކޯސްޓުގާޑުގެ އުޅަނދު ހުރަވީ އޮތީ އެ ގައުމުގަ އެވެ. ލަންކާގެ ނޭވީއަށް 75 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރަވީ އިން ލަންކާއަށް ކުރި މި ދަތުރަކީ އެ އުޅަނދު ބޭރު ގައުމަކަށް ކުރި ފުރަތަމަ ދަތުރެވެ. މިއީ ދިވެހި ސިފައިންގެ ތާރީހުގައި ވެސް ކުރި މިފަދަ ފުރަތަމަ ދަތުރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ލަންކާ ނޭވީގެ އަހަރީ ދުވަހާއި ގުޅިގެން ނޮވެމްބަރު 30، ގައި ބޭއްވި މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދިޔައީ، ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯގައެވެ.

މި ހަރަކާތުގައި ދުނިޔޭގެ 20 ގައުމަކުން ވަފުދުތައް ބައިވެރިވި އިރު، އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކުގެ ކަނޑުގެ އުޅަނދުތައް ހިމެނެއެވެ.