about 4 hours 2
މުހައްމަދު ޝަހްޒާން
ސްރީލަންކާއަށް އެހީތެރިވެދިނުމަށް ޔުނިވާސަލްއިން ފައިސާ ހަދިޔާ ކުރުމުގެ ތެރެއިން -- ފޮޓޯ: ސްރީލަންކާ ހައިކޮމިޝަން
about 4 hours 2
އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ކާރިސާއާ ގުޅިގެން ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެ ގައުމު އާރާސްތު ކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ދިވެހިރާއްޖޭގެ އަމިއްލަ ކުންފުނި، ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރު އެ ގައުމަށް ހަދިޔާކޮށްފި އެވެ.
ޔުނިވާސަލް އިން އެ ފައިސާ ހަވާލުކުރީ ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނާ އެވެ. ސްރީލަންކާ ހައިކޮމިޝަނުން ވަނީ އެ ގައުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ޔުނިވާސަލްއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކޮށްފަ އެވެ.
ތޫފާނު ޑިޓުވާގެ ސަބަބުން ސްރީލަންކާއަށް ކުރި ވިއްސާރައިގައި މިހައިތަނަށް އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 600 އަށްވުރެ މައްޗަށް ގޮސްފަ އެވެ.
ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ސްރީލަންކާއާ ހަމައަށް ފޯރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އެ ތޫފާނުގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ.
އެ ހާދިސާއާ ގުޅިގެން އެކި ގައުމުތަކާއި އަމިއްލަ ފަރުދުން ވެސް ދަނީ އެ ގައުމަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. އެގޮތުން ދިވެހި ސަރުކާރުން ވެސް ވަނީ އެ ގައުމަށް އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭހެއް ދޭން ނިންމައިފަ އެވެ.
Comment