Advertisement

ލަންކާއަށް އެހީވާން ބޭއްވި ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ

2 ޑިސެންބަރު 2025 - 09:05 0

ސިލޯނާއެކު ޓެލެތޯން އިންތިޒާމް ކުރި މީޑިއާތަކުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން: ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިން -- ފޮޓޯ: ޕީއެސްއެމް


ލަންކާއަށް އެހީވާން ބޭއްވި ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ

2 ޑިސެންބަރު 2025 - 09:05 0

ތޫފާން ޑިޓުވާގައި ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކަށް އެހީވާން ބައެއް މީޑިއާތަކުން އިސް ނަގައިގެން ބޭއްވި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާއިން ބުނީ ދިވެހި ރުފިޔާއިން 11.4 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. އެއީ 209.5 މިލިއަން ސްރީ ލަންކަން ރުޕީސް އެވެ. އަދި 43،000 އެމެރިކާ ޑޮލަރު އެ ޓެލެތޯނަށް ލިބުނު ކަމަށް ވެސް ޕީއެސްއެމް އިން ބުންޏެވެ. އެއީ 13.2 މިލިއަން ސްރީ ލަންކަން ރުޕީސް އެވެ. އެހެންކަމުން ޓެލެތޯނުން ޖުމްލަ 222 މިލިއަން ސްރީ ލަންކަން ރުޕީސް ލިބިފައިވެ އެވެ.

ޓެލެތޯނަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައި ވަނީ ފުލުސް އޮފީހުންނެވެ. ފުލުހުން ވަނީ 2.4 މިލިއަން ރުފިޔާ ޓެލެތޯނަށް ހަދިޔާކޮށްފަ އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އިން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރި އެވެ.

ތޫފާނުގެ ސަބަބުން 390 މީހުން ލަންކާއިން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 352 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ތޫފާނުގައި 204،000 މީހުންގެ ގެދޮރު ގެއްލުނުއިރު ހާލުގައި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ އިތުރެވެ.

އޭގެ އިތުރުން، ޓެލެތޯނުގެ ބޭރުން ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިތަކުން ވެސް ލަންކާއަށް އެހީތެރިވެފައިވެ އެވެ. އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ސަން ސިޔާމް ގްރޫޕުން 200،000 ޑޮލަރު ހަދިޔާ ކުރި އެވެ. އެއީ 61.8 މިލިއަން ސްރީ ލަންކަން ރުޕީސް އެވެ. ސިޔާމް ގްރޫޕުން ރާއްޖޭގެ އިތުރުން ލަންކާގައި ވެސް ރިސޯޓެއް ހިންގަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ވިލާ ގްރޫޕުން ވެސް ވަނީ ލަންކާއަށް އެހީތެރިވެދީފަ އެވެ. ވިލާއިން ވަނީ ލަންކާއަށް 100،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. އެއީ 30 މިލިއަން ސްރީ ލަންކަން ރުޕީސް އެވެ.

އޭގެ އިތުރުން އެލިއާ އިންވެސްޓްމަންޓްސް އިން 20،000 ޑޮލަރު (ހަ މިލިއަން ސްރީ ލަންކަން ރުޕީސް) އަދި ކްރައުން އެންޑް ޗަމްޕާއިން 10،000 ޑޮލަރު (ތިން މިލިއަން ސްރީ ލަންކަން ރުޕީސް) ލަންކާއަށް ހަދިޔާ ކުރި އެވެ.