Advertisement

އޭޑީއެޗްޑީއަށް ފަރުވާ ކުރަން ބޭނުންވާ ޒަރޫރީ ބޭހެއް ރާއްޖެއަށް އެތެރެނުކުރެވޭތީ އެމްއެފްޑީއޭގެ ކަންބޮޑުވުން

18 އޮގަސްޓު 2025 - 14:05 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އޭޑީއެޗްޑީއަށް ފަރުވާ ކުރަން ބޭނުންވާ ޒަރޫރީ ބޭހެއް ރާއްޖެއަށް އެތެރެނުކުރެވޭތީ އެމްއެފްޑީއޭގެ ކަންބޮޑުވުން

18 އޮގަސްޓު 2025 - 14:05 1

ރާއްޖޭގެ ގާނޫނު މިހާރު އޮތް ގޮތުން، އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ތަހައްމަލު ކުރާ މީހުންނަށް ބޭނުންވާ ޒަރޫރީ ބޭހެއް ރާއްޖެއަށް އެތެރެނުކުރެވޭތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެމްއެފްޑީއޭގެ ޑިރެކްޓާ އޮފް ފާމަސޫޓިކަލްސް، އައިޝަތު ޖަލީލާ ވިދާޅުވީ އޭޑީއެޗްޑީއަށް ފަރުވާ ދިނުމަށް ދޭ މެތައިލްފެނިޑޭޓް ބޭސް ނުލިބުމުގެ ޝަކުވާ އެ އޮތޯރިޓީއަށް ބަލިމީހުންގެ ފަރާތުންނާއި ޑޮކްޓަރުންގެ ފަރާތުން ވެސް ލިބެމުންދާ ކަމަށެވެ.

"ސިޓީގައި ފާހަގަކުރައްވާފައިވާ އެއް ބޭހެއް އެއީ މެތައިލްފެނިޑޭޓް ދެއްތޯ. އެ ބޭސް ނުލިބޭކަމުގެ ޝަކުވާ އެބައޮތް ވަރަށް ބޮޑަށް ހަމަ. ޕޭޝަންޓުންގެ ސައިޑުން ވެސް އަދި ޑޮކްޓަރުންގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް ލިބެމުންދާ ޝަކުވާއެއް،" އޭނާ ވިދާޅުވި އެވެ.

ޖަލީލާ ވިދާޅުވީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރީޓްމަންޓެއްގެ ގޮތުގައި ސައިންޓިފިކަލީ ވެސް ރަނގަޅު އެ ބޭސް ރާއްޖެއަށް އެތެރެނުކުރެވެނީ މަސްތުވާތަކެތީގެ ގާނޫނު މިހާރު އޮތް ގޮތުން ކަމަށެވެ. އެކަމަކު އެ ބޭހަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިގޮތުން މަސްތުވާތަކެތީގެ ގާނޫނުގައި އޭޑީއެޗްޑީގެ އެ ބޭސް ރާއްޖެއަށް އެތެރެކުރުން މަނާ ކަމަށް މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި ކަނޑައަޅާފައިވާ ކަމަށާއި ބޭހުގެ ގޮތުގައި ބޭނުން ނުކުރެވޭ މަސްތުވާތަކެތީގެ ޖަދުވަލު ދޭއްގައި ވެސް އެ ބޭސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެތައިލްފެނިޑޭޓްއަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރީޓްމަންޓެއް ގޮތުގައި ޔޫޒްކުރަން ހަމަ ސައިންޓިފިކަލީ ޕްރޫވަން ހަމަ ރަނގަޅު މެޑިސިންއެއް. އެކަމަކު ރާއްޖޭގައި މިވަގުތު މި ބޭސް ޕޭޝަންޓުންނަށް ލިބުމުގައި އޮތް ދަތިކަމަކީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައި ވެސް މި ބޭސް އެބަ ހިމެނޭ އަދި ޖަދުވަލު 2 ގައި ވެސް މި ބޭސް އެބަ ހިމެނޭ،" ޖަލީލު ވިދާޅުވި އެވެ.

ޖަލީލާ ވިދާޅުވީ އެމްއެފްޑީއޭ އިން އެ ބޭސް ރާއްޖެއަށް އެތެރެކުރުމަށް ގާނޫނު އިސްލާހުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މަޖިލީހުގައި އެދިފައި ވަނީ ޖަދުވަލު އެކަކުން އެ ބޭސް އުނިކޮށް، ޖަދުވަލު ދޭއްގައި ބޭނުން ކުރެވޭ ބޭހެއް ގޮތުގައި ހެދުމަށް ކަމަށެވެ.

ތަކުރާރުކޮށް ޝަކުވާތައް އެމްއެފްޑީއޭއަށް ލިބޭތީ ޖުލައި 13، ގައި ވެސް ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ސިޓީއެއް ފޮނުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިއުރޮލޮޖިކަލް ޑިސްއޯޑާސްގެ ތެރެއިން އޭޑީއެޗްޑީއަކީ ރާއްޖޭގައި އެންމެ ގިނަ އެއް ބައްޔެވެ. ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކިޔެވުމުގެ ދަތިތައް ދިމާވާ ޒާތުގެ ކަންކަން ހުރި 3640 ކުދިންގެ ތެރެއިން ގާތްގަނޑަކަށް 1400 ކުދިންނަކީ އޭޑީއެޗްޑީއަށް ޑަޔަގްނޯޒްކޮށްފައިވާ ކުދިންނެވެ.