17 ފެބުރުވަރީ 2026 - 11:11 1
ސާއިފް ޝިޔާދު
މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ބައެއް ވެރިންނާ މުއިއްޒު އިއްޔެ މުލިއާގޭގައި ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފިސް
17 ފެބުރުވަރީ 2026 - 11:11 1
ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދި، މަސައްކަތް ހުއްޓިފައި ވަނިކޮށް، ކައުންސިލް އިންތިހާބާ ދިމާކޮށް އެ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާގެ "އިނާޔަތެއް" ދޭތީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މުއިއްޒު މި ގޮތަށް ނިންމެވީ އިއްޔެ ހަވީރު މުލިއާގޭގައި އެ ފްލެޓްތަކުގެ ބައެއް އިސް ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހުއެވެ. މި ނިންމެވުން އައިސްފައިވަނީ ސިނަމާލެ އާއި މާލޭހިޔާ ތަޅާލައި އައު ފްލެޓް އަޅައިދޭނެ ކަމަށް ވިދާޅުވި ވައުދަށް އަމަލީ ސިފައެއް ނައިސް، ފްލެޓްތަކުގެ ސްޓްރަކްޗާ އިންތިހާއަށް ދަށްވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
- ފައިސާ ނުދެއްކިގެން މިހާތަނަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މައާފުކުރުން - ފްލެޓް ބައުވެފައިވާތީ ބަދަލެއްގެ ގޮތުގައި ކޮންމެ ފްލެޓަކަށް 100,000 ރުފިޔާ ދިނުން - ފްލެޓަށް ދައްކަންޖެހޭ ބާކީ ފައިސާއިން އެއްލައްކަ ރުފިޔާ އުނިކުރުމަށްފަހު، ބާކީވާ މިންވަރެއް އޮތްނަމަ އެ ފައިސާ ސީދާ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުން - ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ދިނުން.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް އެކަން ކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ކޮބާތޯ ހުޅުމާލޭގެ ފޭސް އެކެއްގައި ހުރި ފްލެޓުތައް. އެ ފްލެޓުތަކަށް ވެސް މާރާމާތު ބޭނުންވޭ، ބޮލަށް ވެއްޓެނީ. އެ ފްލެޓުތަކުގެ ވެރިންގެ ހައްގެއް ނެތީތޯ،" ޝަމްހީދު ވިދާޅުވި އެވެ.
ސަރުކާރުގައި ކަންކަން ކުރުމަށް ބޭނުންވާ ފައިސާ އެބަހުރި ކަމަށާއި އެކަން ސާބިތުވަނީ ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ވެރިންނަށް މުއިއްޒު ދެއްވަން ނިންމެވި އެއް ލައްކަ ރުފިޔާގެ އިނާޔަތު ކަމަށް އަމީން ވިދާޅުވި އެވެ.
"ނަރުހުންނަށް އޯޓީ ދޭނެ ފައިސާއެއް ނެތް، ޓީޗަރުންނަށް ދޭނެ ފައިސާއެއް ދައުލަތަކު ނެތް. މިއީ ގާނޫނުގައި ލިޔެފައި ހުރި މާއްދާތައް، ވަކި ގޮތަކަށް ލިޔެފައި، އޭގެ ދަށުން ހަދާ ގަވާއިދަކުން އެ ބޭފުޅުންގެ ހައްގެއް އުންޏެއް ނުކުރެވޭނެ،" އަމީން ވިދާޅުވި އެވެ.
ވަކި ބަޔަކަށް ދޭން ޖެހުމުން ފައިސާ ނެތް ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް އެ ކަންކަން ކުރެވޭ ވަރަށް ދައުލަތަށް ފައިސާ ވަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހައްގުތައް ހޯދުމަށް މުދައްރިސުންނާއި ޓީޗަރުން އިހުތިޖާޖު ކުރުމަށް އަމީން ގޮވާލެއްވި އެވެ.
ގާނޫނުތައް ހަދާފައި ހުންނަނީ އޭގެ މައްޗަށް އަމަލުކުރަން ކަމަށާއި އެއާ ހިލާފުވުމުން ކުރާ ޖޫރިމަނާ ފަސް އަހަރުގެ ތެރޭގައި މާފުކުރާނެކަން ރައްޔިތު މީހާއަށް މިއަދު އެނގޭ ކަމަށް އެމްޑީޕީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު ފިއްޓޭ ވިދާޅުވި އެވެ.
ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތަކަށް ފައިސާ ނުދައްކައިގެން އަރާފައިވާ އެއްކޮށް މާފުކުރަން މުއިއްޒު ވަނީ ނިންމަވާފަ އެވެ.
"މި މާލޭގައި ކުއްޔަށް އެތައް ހާސް ބަޔަކު އެބަ އުޅޭ. އެކިއެކި ސަބަބުތަކާ ހުރެ ނުކުންނަން އެ ޖެހެނީ. އެ މީހުންނަށް މާފުކުރާނެ މީހެއް ނެތް. ހުޅުމާލޭ ފޭސް 1، 2 ގައި އެތައް ފްލެޓެއް އެބަހުރި. ޖޫރިމަނާ ކޮށްފައި އެތައް ބަޔަކު އެބަތިބި،" ފިއްޓޭ ވިދާޅުވި އެވެ.
ސިނަމާލޭގެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓުގައި ޖުމްލަ 161 އެޕާޓްމަންޓު ހުރެ އެވެ. މުއިއްޒު ނިންމެވީ ކޮންމެ އެޕާޓްމަންޓެއްގެ ވެރި ފަރާތަށް 100،000 ރުފިޔާ ދިނުމަށެވެ. އެހެންކަމުން އެ އެންމެނަށް ފައިސާ ބަހަން ޖުމްލަ 16.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މިވަރުގެ ބޮޑު އިނާޔަތް ދޭން މުއިއްޒު ނިންމެވިއިރު، ދޫކުރި ސިނަމާލެ އަދި އެހެން ބައެއް ފްލެޓުތައް ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓު އަދި ބިމަށް ކުރިމަތިލެވޭނެ ކަމަށް ކުރީ ސަރުކާރު އޮތީ ނިންމައިފަ އެވެ.
Comment