Advertisement

އެކި ސަރަހައްދުތަކުން ސިއްހީ ހިދުމަތްތަކާއި ބޭސް ނުލިބޭކަމުގެ ޝަކުވާ ބޮޑުވެއްޖެ


އެކި ސަރަހައްދުތަކުން ސިއްހީ ހިދުމަތްތަކާއި ބޭސް ނުލިބޭކަމުގެ ޝަކުވާ ބޮޑުވެއްޖެ

ރާއްޖޭގެ އެކި ކަންކޮޅުން ބޭސްހާއި ސިއްހީ ހިދުމަތްތައް ނުލިބޭކަމުގެ ޝަކުވާ ވަރަށް ބޮޑުވެއްޖެ އެވެ.

އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ހިޔާލުފާޅު ކުރަމުންދާ މީހުން ބުނަމުން ދަނީ އެންމެ އަސާސީ ބައެއް ބޭސްތައް ބޭސް އެތެރެކުރާ އެސްޓީއޯގެ ފިހާރަތަކުން ވެސް ލިބެން ނުހުންނަ ކަމަށެވެ.

ކުރީގެ މަޖިލިސް މެންބަރު، އިބްރާހިމް އިސްމާއިލް (އިބްރާ) ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިޓަމިން ސީ ގުޅައެއް ވެސް އެސްޓީއޯއިން ނުލިބުނު ކަމަށެވެ.

"އެއްޗެކޭ ނުބުނާން ލައްކަ ހުރެއްޖައިމެވެ. އެކަމަކު އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯ ފާމަސީން ވިޓަމިން ސީ ގުޅައެއް ނުލިބުނީމާ އެއްޗެއް ނުބުނެ ހުރުމަކީ ފާފައެކެވެ،" އިބްރާ ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ދިޔަ މަގުމަތިން ފެނުނީ ފަޅުތަކެއް ހިއްކުމަށް ވައުދުވެ ދަމާފައި ހުރި ބެނާތަކެއް ކަމަށެވެ. އެކަމާ ފާޑު ވިދާޅުވެ އިބްރާ ވަނީ އެ ބިންތައް ހިއްކުމުން އެ ތަންތަނުން ކަނޑާ ގޯތިތަކާ ހަވާލުވާނެ މީހަކު ހުންނާނެތޯ ސުވާލު އުފައްދަވައިފަ އެވެ.

"ތިޔަ ބިންތަކެއް ހިއްކާ ނިމޭއިރު އެ ބިމުން ގޯތި ނަގާން ދާނެ ރައްޔިތަކު ހުންނާނީވެސް ބަލިތަކަށް ފަރުވާ ކުރެވިގެންތާއެވެ،" އިބްރާ ލިޔުއްވާފައިވެ އެވެ.

އިބްރާގެ އިތުރުން، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު މައުމޫން (މާނު) ވެސް ވަނީ ބޭހާއި ސިއްހީ ހިދުމަތްތައް ނުލިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސޯޝަލްމީޑިއާގައި މާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫއިން އެކްސްރޭގެ ހިދުމަތް ނުލިބިގެން ބަލި މީހާ ކުޅުދުއްފުށްޓަށް ގެންދަން ޖެހޭ ކަމަށެވެ.

"ހަނިމާދޫގައި އެކްސްރޭ އެއް ނެތިގެން ކުޅުދުއްފުށްޓަށް، ޕޭޝަންޓު ސްޓޭބަލް ކޮށްލަން އިންޖެކްޝަން އެއް ނެތިގެން މާލެއިން އެމާޖެންސީކޮށް އިންޖެކްޝަން، އެވެސް ހަމައެކަނި ސެނެހިޔާއިން ލިބުނީ،" މާނު ލިޔުއްވާފައިވެ އެވެ.

"މިއީ އަހަރުމެންގެ ސިއްހީ ނިޒާމުގެ އަދުގެ ހިތި ހަގީގަތް، އަމިއްލަ ފައިކޭޓަށްވުރެ ތި ބޭފުޅުން ގައުމު އިސްކުރާނީ ކޮން ދުވަހަކުންތޯ؟"

ބޭސް ނުލިބޭކަމުގެ ޝަކުވާ މި ފާއިތުވި ދެ އަހަރެއްހާ ދުވަހު މެދުނުކެނޑި ސޯޝަލްމީޑިއާ އާއި އެ ނޫން ވެސް މަންސަތަކުގައި ރައްޔިތުން ފާޅު ކުރަމުންދެ އެވެ.

އެ މައްސަލައަށް އެކަށީގެންވާ ހައްލެއް މިއަދާ ހަމައަށް ވެސް ލިބިފައި ނުވާއިރު، ސަރުކާރުން ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެ ކުރަން ހާއްސަ ކުންފުންޏެއް މިދިޔަ ސެޕެޓެމްބަރު މަހު އުފައްދައިފަ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރީ ޑރ. ޝާހު މާހިރު އެވެ.

އެ ކުންފުނީގެ ދަށަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަދަލު ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެެވެ. ބޭސް ކުންފުނި ހިންގުމަށް މި އަހަރުގެ ބަޖެޓުގައި 107 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.