16 އޮގަސްޓު 2025 - 13:02 2
ސާއިފް ޝިޔާދު
ކޮމާންޑަރު ޝިނާންއާ މުއިއްޒު ދިދަ ހަވާލު ކުރައްވަނީ. އޭނާ ހުންނެވީ ލެފްޓިނެންޓް ކާނަލްގެ ރޭންކުގައި --- ފޮޓޯ: ރައީސް އޮފީސް
16 އޮގަސްޓު 2025 - 13:02 2
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު, ދަރުމަވަންތައިގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް ހަސަން ޝިނާން ހަމަޖައްސައިފި އެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރަށް ނަން ދީފައި ވަނީ ދިވެހިރާއްޖެ އިސްލާމްވިއިރު ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނުގެ ނަމުންނެވެ.
ދަރުމަވަންތަ ދިވެހިރާއްޖެއާ ހަވާލު ކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓު ކޮމާންޑަރު، އެޑްމިރަލް ކަދިރް ޔިލްޑްޒް އެވެ. އެ މަނަވަރާ ދިވެހިރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ލެފްޓިނެންޓް ކާނަލް ޝިނާންއާ ވަނީ ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ. އެވެ. އެ ދިދަ އެ މަނަރުގައި ރޭ ވަނީ ނަގާފަ އެވެ.
ތުރުކީން ހަދިޔާ ކުރި އެ މަނަވަރަކީ މިސައިލް ފޮނުވުމުގެ ގާބިލްކަން ހުރި މަނަވަރެކެވެ. ޖަރުމަނު ކުންފުންޏަކުން ފަރުމާކޮށްފައިވާ އެ މަނަވަރަކީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެކެވެ. އެއީ މެއި، 1984، އިން ފެށިގެން ތުރުކީ އަސްކަރިއްޔާއިން ޓީސީޖީ ވޮލްކަންގެ ނަމުގައި ބޭނުންކުރަމުން އައިސްފައިވާ އުޅަނދެކެވެ. އެ މަނަވަރު ރާއްޖެ ގެނައީ ރީފިޓިން ހެދުމަށްފަހު އެވެ.
އެ މަނަވަރު އޮޕަރޭޓުކޮށް، މަރާމާތު ކުރުމަށްޓަކައި ދިވެހި ސިފައިން ވަނީ ތުރުކީއަށް ގޮސް ތަމްރީނުވެފަ އެވެ. ދަރުމަވަންތަ ދުއްވާނީ ދިވެހި ސިފައިންނެވެ.
ތުރުކީ އަސްކަރިއްޔާއިން ޑޮލްގަން ކްލާސްގެ އެ މަނަވަރު ބޭނުންކުރަން ފެށީ މެއި 12، 1981، ގަ އެވެ. އެ މަނަވަރަށް އަންނަ މަހު 44 އަހަރު ފުރޭނެ އެވެ.
އެ މަނަވަރުގެ އިތުރުން އެހެން މަނަވަރެއް ދިވެހި ސިފައިންނަށް ހަދިޔާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ވެސް ޓީސީޖީ ވޮލްކަން ފަދަ "ޑޯގަން ކްލާސް" ގެ މަނަވަރެކެވެ. ތުރުކީ ސިފައިން މިހާރު ޓެސްޓިން އަދި ތަމްރީނުތަކުގައި ބޭނުންކުރާ އެ މަނަވަރުގެ ނަމަކީ ޓީސީޖީ ޓޭފުން އެވެ.
Comment