14 އޮގަސްޓު 2025 - 20:54 2
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: މަޝްރޫއުތައް އެސްއޯއީތަކަށް އެކަނި ދޭތީ އަމިއްލަ ވިޔަފާރިތައް ދަނީ ފުނޑެމުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް
14 އޮގަސްޓު 2025 - 20:54 2
ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އެސްއޯއީތަކަށް އެކަނި ދޭތީ އަމިއްލަ ވިޔަފާރިތައް ފުނޑެމުންދާ ކަމަށް އެމްޑީޕީގެ ރައިސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމައެކަނި ދައުލަތުގެ ކުންފުނިތަކަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ދިނުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާ ލިބޭނެ ދޮރުތައް ބަންދުވެ، އިގްތިސާދުގައި ފައިސާ ދައުރުވުން މަދުވެ ރައްޔިތުންނަށް ވެސް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ.
"ތަރައްގީގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާއި ހަވާލު ނުކޮށް, ދައުލަތުގެ ކުންފުނިތަކަށް އެކަނި މަޝްރޫއުތައް ހަވާލު ކުރަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، އިގްތިސާދުގައި ދައުރުވާ ފައިސާ މަދުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދަނީ ކުރިމަތިވަމުން،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިހާރު އޮތް ހާލަތުން ކުދި އަދި މެދު ފަންތީގެ ކުންފުނިތައް ދަރަނިވެރިވެ، ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
މި ނާޒުކު ވަގުތުގައި މާލީ ގާބިލުކަން ނެތް ދައުލަތުގެ ކުންފުނިތަކަށް ތަރައްގީގެ މަޝްރޫއުތައް ދިނުން ހުއްޓާލައި، އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރަން ޝާހިދު ސަރުކާރަށް ގޮވައިލެއްވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެކި އަމިއްލަ ކުންފުނިތަކާއެކު ކުރީ ސަރުކާރުން ހަދާފައި އޮތް ގިނަ އެއްބަސްވުންތައް އުވައިލި އެވެ. އެއަށްފަހު އެ އެއްބަސްވުންތައް މި ސަރުކާރުން ހަވާލުކުރީ ސަރުކާރުގެ އެސްއޯއީތަކާ އެވެ.
މީގެއިތުރުން ރަށްރަށުގައި ހިނގާ ކުދި މަޝްރޫއުތަކުން ފެށިގެން ބޮޑެތި ގިނަ މަޝްރޫއުތައް ވެސް ސަރުކާރުން ހަވާލުކުރަމުންދަނީ އެސްއޯއީތަކާއިކަން ފާހަގަކޮށްލެވެ އެވެ.
އަމިއްލަ މެޝީނަރީ އާއި ފައިސާ ވެސް ނެތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެ ސްކޫލެއްގެ މަލްޓިޕާޕަސް ހޯލު އަދި ސްކޫލެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި، އެފްޑީސީއަކީ އެއްވެސް އާމްދަނީއެއް ވަންނަ ކުންފުންޏެއް ނޫނެވެ.
Comment