about 2 hours 1
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ބޭރުގައި ކިޔަވާ ދިވެހި ކުދިންގެ ހާލަތާ ގުޅިގެން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ: އަދަދު ފައިލް
about 2 hours 1
ބޭރުގައި ކިޔަވާ ދިވެހި ކުދިންނަށް ސަރުކާރުން ފައިސާ ނުފޮނުވައިގެން ދިމާވެފައިވާ ހާލަތާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޓޫޑެންޓް ލޯނުގައި އަދި ސްކޮލާޝިޕްތަކުގައި ތިބި ދިވެހި ކުދިންނަށް ސަރުކާރުން ފޮނުވަންޖެހޭ ފައިސާ ނުފޮނުވައިގެން ކޯސްތައް ކެންސަލްވެސް ވެފައި އެބަހުރި ކަމަށެވެ.
މީގެ ފަސް ވަރަކަށް މަސް ކުރިން އެހެން މީހުން އަތުން ފައިސާ ހޯދައިގެން ޓިކެޓް ނަގައިގެން ކޯހަށް ދިޔަ ކުދިންނަށް ވެސް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބިގެން އަދާކުރަން ޖެހޭ ފައިސާ އަދާނުކުރެވި އެބަހުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި ދިވެހި ކުދިން ކޯސް ފައިސާ ނުފޮނުވިގެން ކޯސް ކެންސަލްވެފައި ތިބި ކުދިން އެބަތިބި. ރަޖިސްޓްރީ ނުކުރެވިފައި ތިބި ކުދިން އެބަތިބި. މީގެ ހަތަރު ފަސް ދުވަސް ކުރިން އަމިއްލައަށް އެހެން މީހުން އަތުން ލާރި ނަގައިގެން ޓިކެޓް ނަގައިގެން ކޯހަށް ދިޔަ ކުދިން އަނބުރާ އެ ފައިސާ ނުދެއްކިގެން ރިފަންޑް ނުލިބިގެން ތިބި ކުދިން އެބަތިބި،" ޝާހިދު ވިދާޅުވި އެވެ.
ބޭރުގައި ކިޔަދާ ދިވެހި ކުދިންނަށް ބޭނުންވާ ޓިއުޝަން ފީ ނުވަތަ ސްޓައިޕެންޑް ނުލިބިގެން ތަކުރާރުކޮށް މިނިސްޓްރީއަށް ގުޅުމުން ފޯނަށް ޖަވާބު ނުދީވެސް އެބަހުރިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ފޯނަށް ޖަވާބު ދޭ ފަހަރަކު އެކަމެއް ބަލަމުންދާ ކަމަށް ބުނެ ހަބަރެއް ނުވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ބޭރުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ ދިގުލައިގެންދާތީ އެކަމާ ގުޅިގެން މީޑިއާއިން ސުވާލުކޮށްފިނަމަ، އެކަން މިނިސްޓްރީން ދޮގުކޮށް ކުދިންނަށް ފައިސާ ނުދޭކަން ސިއްރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކިތައް ކުދިންތޯ މިއަދު އެކުދިންގެ ޓިއުޝަން ފީ ނުލިބިގެން އެކުދިން ދިރިއުޅުމަށް ބޭނުންވާ ސްޓައިޕެންޑް ނުލިބިގެން ތަކުރާރުކޮށް މިނިސްޓްރީއާ ގުޅަނީ. ތަކުރާރުކޮށް މިނިސްޓްރީއާ ގުޅަނީ. ދެކަމެއް މިނިސްޓްރީ ތެރެއިން ހިނގަނީ. އެއް ކަމަކީ ފޯނަށް ޖަވާބު ނުދިނުން. އަނެއް ކަމަކީ ފޯނަށް ޖަވާބު ދީފިއްޔާ ތިޔަކަންތައް މިހާރު މިބަލަނީއޭ ވިދާޅުވުން. މީޑިއާއިން ސުވާލުކޮށްފިއްޔާ އެއީ ދޮގެކޭ. އެކަހަލަ އެއްވެސް ކަމެއް ނުހިނގައޭ،" ޝާޙިދު ވިދާޅުވި އެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ ވާނުވާ ނޭނގި މުޅި 2025 ވަނަ އަހަރު ނިންމާލީ ކަށިކުނބުރު ވަލެއް ތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވީ އަތަކަށް ޖެހިލައިފިއްޔާ ހެރެނީ ކަށްޓެއް ކަމަށާއި ހަނު ހުއްޓަސް ހެރެނީ ގަޔަށް ކަށްޓެއް ކަމަށެވެ.
"ހަމަ ވާއެއް ނުވާއެއް ނޭނގޭ. އެނގޭތޯ. އަތަކަށް ޖެހިލައިފިއްޔާ ގަޔަށް މި ހެރެނީ ކަށްޓެއް. ހަނު ހުއްޓަސް މި ހެރެނީ ކަށްޓެއް. ކަށިކުނބުރު ވަލެއްގެ ތެރޭގައި ފަންސަވީސްވަނަ އަހަރު އަޅުގަނޑުމެން މި ހޭދަކުރީ،"
މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ދެ އަހަރު ފުރިގެންދިޔައިރު ކޮންމެ އަހަރަކުވެސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލިބެންޖެހޭ ސްޓައިޕެންޑް ނުވަތަ ޓިއުޝަން ފީ ލިބުން ލަސްކަމަށް ދަރިވަރުން ޝަކުވާ ކުރެ އެވެ. އެ ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މިނިސްޓްރީން ފޯނަށް ޖަވާބު ނުދިނުމެވެ.
މި އަހަރު ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކުރަން ބަޖެޓުގައި ޖެހީ 768 މިލިއަން ރުފިޔާ އެވެ. އޮކްޓޯބަރު ފަހު ހަފުތާއާ ހަމައަށް ދޫކުރީ 453 މިލިއަނެވެ. ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ އެ ދަރިވަރުންނަށް ލޯނާއި ސްކޮލާޝިޕްގެ ސްޓައިޕެންޑު ޖަމާނުވާ ކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނަމުންނެވެ.
Comment