Advertisement

ދެ އިންތިހާބު އެއްކޮށްލަން އުޅެނީ އިންތިހާބުތައް ގަޑުބަޑުކުރަން: ޝާހިދު

5 ޖަނަވަރީ 2026 - 13:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ދެ އިންތިހާބު އެއްކޮށްލަން އުޅެނީ އިންތިހާބުތައް ގަޑުބަޑުކުރަން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


ދެ އިންތިހާބު އެއްކޮށްލަން އުޅެނީ އިންތިހާބުތައް ގަޑުބަޑުކުރަން: ޝާހިދު

5 ޖަނަވަރީ 2026 - 13:59 0

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ސަރުކާރުން އުޅެނީ އިންތިހާބުތައް ގަޑުބަޑުކުރަން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަނީ އިންތިހާބުތައް ގަޑުބަޑުކޮށް، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ވޯޓު ދިނުމުގެ ބާރު ނިގުޅައިގަތުމަށް ހީލަތްތެރިކަމާއެކު ރާވާ ނުބައި ރޭވުންތަކެއް ކަމަށެވެ.

"ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިހާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި. މިއީ ރައްޔިތުންނަށް ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރު، ވޯޓުގެ ބާރު، ނިގުޅައިގަތުމަށް ހީލަތްތެރިކަމާއިއެކު ރާވާ ނުބައި ރޭވުންތަކެއް،" ޝާހިދު ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށާއި އެކަމަށް ދައުރު ފެއްތުމުގެ ގޮތުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ސަރުކާރުގެ ފަރާތުން ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވައި ބިލެއް ވަނީ ހުށަހަޅާފަ އެވެ.

މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.

މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.

ވިހި ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.

މަޖިލީހުން މި ބިލު ފާސްކޮށް ތަސްދީގުކުރަން ފޮނުވުމުން މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. ބިލު ތަސްދީގުވާނީ ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންނެވެ.

މިހާރު އޮތް ގޮތަށް ބިލު ފާސްވެއްޖެނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއްކޮށެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރަސްމީކޮށް ވަކި ގޮތެއް އެމްޑީޕީން ނިންމާފައި ނުވެ އެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށްލަން ނަޝީދު ތާއީދުކުރައްވާފައިވާއިރު، އެކަމަށް ފައްޔާޒްގެ ހިޔާލު ތަފާތެވެ.