Advertisement

ކުރީގެ ރައީސް ނަޝީދު އާއި އެމްޑީޕީގެ ރައީސް، ޝާހިދު ބައްދަލުކުރައްވައިފި

ކުރީގެ ރައީސް، މުހައްމަދު ނަޝީދު އާއި އަބްދުالله ޝާހިދު -- ފޮޓޯ: އަދަދު


ކުރީގެ ރައީސް ނަޝީދު އާއި އެމްޑީޕީގެ ރައީސް، ޝާހިދު ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު މިރޭ ބައްދަލުކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ ޝާހިދުގެ ގެކޮޅު ހ. ރަބީއު ވިލާގަ އެވެ.

ޝާހިދު އާއި ނަޝީދު ބައްދަލުކުރައްވާފައި މިވަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުންތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތަކެއް ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. ޝާހިދު އާއި ނަޝީދުއަކީ ވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ދެ ބޭފުޅުންނެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކާއެކު ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައި ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތްތަކެއް ކުރެއްވުމަށް ފަހު ނަޝީދު އާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން އެނބުރި އެމްޑީޕީއާ ގުޅުނީ މިދިޔަ ޖޫން މަހު އެވެ.

ޑިމޮކްރެޓްސްއިން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންނެވި މެންބަރުންނަށް އެމްޑީޕީން ހޫނު މަރުހަބާއެއް ކީ ނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލުގެ އިންތިހާބުގެ ޕްރައިމަރީގެ ވާދަވެރިކަމުގައި އަނެއްކާ ވެސް ޕާޓީގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު މާލެއަށް އެނބުރި ވަޑައިގަތުމާއެކު އެމަނިކުފާނާއެކު ވެސް ނަޝީދު ބައްދަލުކުރައްވާނެ އެވެ. އެ ބައްދަލުވުން ވެގެން ދާނީ، 2023 ވަނަ އަހަރަށްފަހު އެ ދެ ބޭފުޅުން ބައްދަލުކުރައްވާނެ ފުރަތަމަ ބައްދަލުވުމަށެވެ.