Advertisement

ރާއްޖޭގައި ބާއްވަން ތާވަލުކުރި ބީޗް ވޮލީ ދެ މުބާރާތް ފަސްކުރަން ޖެހުނީ ބޫޓާނުން އެދުމުން

14 އޮގަސްޓު 2025 - 08:00 0

އަތޫފް އާތިފް

އަތޫފް އާތިފް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް، މުހައްމަދު ލަތީފް (ލަތީބެ)


ރާއްޖޭގައި ބާއްވަން ތާވަލުކުރި ބީޗް ވޮލީ ދެ މުބާރާތް ފަސްކުރަން ޖެހުނީ ބޫޓާނުން އެދުމުން

14 އޮގަސްޓު 2025 - 08:00 0

ރާއްޖޭގައި މި މަހު ބާއްވަން ތާވަލުކުރި ސެންޓްރަލް ޒޯން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ނޭޝަންސް ލީގް ބީޗް ވޮލީބޯލް މުބާރާތާއި، ނޭޝަންސް ލީގު، ނޮވެމްބަރު މަހަށް ފަސްކުރަން ޖެހުނީ ބޫޓާން އިން އެދުމުން ކަމަށް ކާވާ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް، މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެ އެވެ.

މި އަހަރު އިއުލާނުކުރި ކާވާގެ ކަލަންޑަރުގައި، ކާވާ ބީޗްވޮލީބޯލް ނޭޝަންސް ލީގު ބާއްވަން ތާވަލުކުރީ މި މަހު 9-11 އަށް އައްޑޫ ސިޓީގަ އެވެ. އަދި ކާވާ ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގު ބާއްވަން ތާވަލުކުރީ މި މަހު 13-15 އަށް އައްޑޫ ސިޓީގަ އެވެ.

އެކަމަކު، ކާވާގެ ކަލަންޑަރަށް މިހާރު ގެނަސްފައިވާ ބަދަލާއެކު މި ދެ މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ ނޮވެމްބަރު މަހަށެވެެ.

"އަދަދު ސްޕޯޓްސް" އިން ކަލަންޑަރަށް މި ގެނައި ބަދަލުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ލަތީފް ވިދާޅުވީ، މި ދެ މުބާރާތުގެ ތާރީހު ބަދަލުކުރަން ޖެހުނީ ބޫޓާންގައި ކުރިން ބާއްވަން ތާވަލުކުރި ކާވާ ބީޗް ވޮލީބޯލް ޗެލެންޖް ކަޕް އެ ގައުމުގައި ނުބޭއްވޭނެ ކަމަށް ބުނެފައިވުމުން ކަމަށެވެ.

އެކަމަކު، ބީޗް ވޮލީބޯލް ޗެލެންޖް ކަޕު ކާވާގެ ކަލަންޑަރުގައި ހިމަނާފައިވަނީ ސެޕްޓެމްބަރު މަހު ބޭއްވުމަށެވެ.

ލަތީފް ވިދާޅުވީ، މި މުބާރާތް އެގައުމުގައި ނުބޭއްވޭނެ ކަމަށް އެދުމުން، މުޅި ބީޗް ވޮލީބޯލް ކަލަންޑަރަށް ބަދަލުތަކެއް ގެންނަން ޖެހުނީ ކަމަށެވެ.

"ބޫޓާން އޮލިމްޕިކް ކޮމެޓީގެ ގޭމްސް އެއް އެ ގައުމުގައި އެ ދުވަސްވަރު ބާއްވަން ޖެހޭތީ، އެ ގައުމުގެ ފެޑެރޭޝަނުން އެބައޮތް އަންގާފައި. އެ މުބާރާތް (ކާވާ ބީޗް ވޮލީބޯލް ޗެލެންޖް ކަޕް) އެ ދުވަސްވަރު ބޭއްވެން ނެތް ވާހަކަ. އެހެންވެ ބީޗް ވޮލީބޯލް ކަލަންޑަރަށް ބަދަލު ގެންނަން މި ޖެހުނީ." ލަތީފް ވިދާޅުވި އެވެ.

ކާވާ ބީޗް ވޮލީބޯލް ޗެލެންޖް ކަޕް ރާއްޖޭގައި

ގެންނަން ޖެހުނު ބަދަލުތަކަށް ބަލައި، ލަތީފް ވިދާޅުވީ ބޫޓާނުން މި މުބާރާތް އެ ގައުމުގައި ނުބޭއްވޭނެ ކަމަށް އެންގުމުން، މިހާރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ ރާއްޖޭގައި ކަމަށެވެ.

ކާވާ ބީޗް ވޮލީބޯލް ޗެލެންޖް ކަޕަކީ ރާއްޖޭގެ އެތުލީޓުން، މީގެ ކުރިން ދެ ރަން މެޑަލް ހޯދި މުބާރާތެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އެއް ވަނަ ޕެއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރަން މެޑަލް ހޯދައިފަ އެވެ.

ލަތީފް ވިދާޅުވީ، މި މުބާރާތް ވަރަށް އަވަހަށް ކާވާގެ ކަލަންޑަރުގައި ރާއްޖޭގައި ބާއްވާނެކަން އިއުލާން ކުރާނެ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ބާއްވަން ތާވަލުކުރި ދެ މުބާރާތް އައްޑޫ ސިޓީގައި ބާއްވަން ތާވަލުކުރި ނަމަވެސް މި ދެ މުބާރާތް އައްޑޫ ސިޓީ ނޫން ތަނެއްގައި ބޭއްވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު، މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ އައްޑޫ ސިޓީގައި ބޭއްވުމަށް ކަމަށާއި، އަދި އައްޑޫގައި ބޭއްވުމުގެ ފުރުސަތު 90 އިންސައްތަ އެބައޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.