about 3 hours 0
މުހައްމަދު ޝަހްޒާން
ވޮލީބޯލް އެސޯސިއޭޝަންގެ ހެޑް ކޯޗު، ސޮފްވާން އަހުމަދު -- ފޮޓޯ: އަދަދު
about 3 hours 0
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހެޑް ކޯޗު، ސޮފްވާން އަހުމަދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ސޮފްވާންގެ މައްޗަށް ކުރެވެނީ އަންހެން ކުޅުންތެރިއަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދޭތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމުރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
"ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމުރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ކުށެއްގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން މިހައިތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސޮފްވާންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ވީއޭއެމް އިން މިދިޔަ އޮކްޓޯބަރު މަހު ވަނީ އޭނާ ފަސް އަހަރަށް ސަސްޕެންޑުކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. ސޮފްވާންގެ މައްސަލަ ބެލުމަށް ވީއޭއެމްއިން އެކުލަވައިލި އެޑްހޮކް ކޮމިޓީން ތައްޔާރު ކުރި ރިޕޯޓަށް ބަލައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ނިންމީ އޭނާއަށް މައިގަނޑު ހަތަރު ފިޔަވަޅެއް އެޅުމަށެވެ.
އެއީ، އަންހެން ޓީމުގެ ކޯޗުގެ މަގާމުން ސޮފްވާން ވަަކިކުރުމަށާއި އެ ފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރު ނުނެގުމަށާއި ވީއޭއެމް އިން އިންތިޒާމްކުރާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް ކުރިއަށް އޮތް ފަސް އަހަރު ބައިވެރިނުވެވޭ ގޮތަށް ނިންމުމުގެ އިތުރުން، ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ކުރިއަށްދާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް މަސައްކަތް ނުކުރެވޭ ގޮތަށް ނިންމުމެވެ.
މީގެ އިތުރުން، ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުން ސޮފްވާން ވަކިކުރުމަށް ފަހު، ކުރިއަށް އޮތް ފަސް އަހަރު، ވީއޭއެމްގެ އިންތިހާބީ އެއްވެސް މަގާމަކަށް ސޮފްވާނަށް ނާދެވޭ ގޮތަށް އަދަބު ދޭން ވަނީ ނިންމައިފަ އެވެ.
މެއި 2024 ގައި ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސޮފްވާންއާ ގުޅޭ މައްސަލައެއް ވީއޭއެމް އިން ބެލީ އޭނާ މަގާމުގެ ޒިންމާތަކުން އެކަހެރިކޮށްފަ އެވެ. އެ މުއްދަތުގައި، ގައުމީ އަންހެން ޓީމުގެ ޓްރެއިނިން ކުރިއަށްގެންދިޔައީ ކޯޗު، މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުންނެވެ.
މީގެ ކުރިން ވެސް ސޮފްވާންގެ މައްޗަށް އެކި ތުހުމަތުތަކެއްގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ތިލަވެ، ބައެއް ކުޅުންތެރިން ވެސް ސޮފްވާންގެ ޝަކުވާ އެސޯސިއޭޝަނާ ހިއްސާކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް، މީގެ ކުރިން ސޮފްވާންއަށް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment