Advertisement

2025: ތިން އެސޯސިއޭޝަނަަަކަށް ހައްލެއް، ކުޅިވަރު ތަރިންތަކެއްގެ ވަކިވުމުގެ އަހަރެއް

about 2 hours 0


2025: ތިން އެސޯސިއޭޝަނަަަކަށް ހައްލެއް، ކުޅިވަރު ތަރިންތަކެއްގެ ވަކިވުމުގެ އަހަރެއް

about 2 hours 0

ފާއިތުވި 2025 ވަނަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގައި ގިނަ ކަންތައްތަކެއް ތަޖުރިބާކުރަން ޖެހުނު އަހަރެކެެވެ. ޒަމާންވީ މައްސަލަތަކެއްގެ ތެރޭގައި ތާށިވެފައި އޮތް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްސަލަތަކަށް ހައްލެއްގެ ކޮޅުމަތި ފެނުނުއިރު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ދުނިޔޭގެ ސަސްޕެންޝަނަކުން އަރައިގަނެ، އިންތިހާބެއް ބޭއްވިއިރު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަސާސީ ގަވާއިދަށް ބަދަލު ގެނެސް އާ ދައުރެއްގެ މަސައްކަތް ހިނގައިގަތް އަހަރެކެވެ. އަދި، ހިތާމައިގެ ތަޖުރިބާތަކެއް ކުޅިވަރު އާއިލާ އިން މި ނިމުނު އަހަރުގައި ކުރަން ޖެހުނީ ތިން ކުޅިވަރު ތަރިންގެ ވަކިވުމާ އެކުގަ އެވެ.

ހަމަ އިސްކޮޅަށް ތެދުވަން ރާއްޖޭގެ ފުޓްބޯޅައިގައި ފިޔަވަޅުތަކެއް ކުރިއަށް

މިދިޔަ އަަހަރު ފެށިއިރު، ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތް، އެފްއޭއެމް ހިނގަމުން އައީ ނޯމަލައިޒިން ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ނޯމަލައިޒިން ކޮމިޓީ އަށް އަހަރު ފެށުނުތަނުން ބަދަލުތަކެއް ގެނެވުނުއިރު، ޖުލައި 26 ވަނަ ދުވަހު އިންތިހާބެއް ބޭއްވި، 2016 ވަނަ އަހަރު ހަތަރު ވަރަކަށް މަހަށް އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވި، އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްގެ ރައީސަަކަށް އިންތިހާބުވެވަޑައިގެންނެވި އެވެ.

ޓޮމްގެ ޓީމުން މަގާމަށް އައީ ހުރިހާ ކްލަބެއްގެ ތާއީދާ އެކު އެވެ. ފީފާއާ އެކު ގާތްގުޅުމެއް ބާއްވަމުން އަންނަ ޓޮމް، ވަނީ އެ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް ވެސް އައްޔަނުކޮށްފަ އެވެ.

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އިންތިހާބުވި އެފްއޭއެމްގެ ހިންގާ ކޮމިޓީ.--- ފޮޓޯ: އަދަދު ސްޕޯޓްސް


ފުޓްބޯޅައިގެ ކުރިއަށްދިއުމަށް ރާއްޖޭން ކުރި މަސައްކަތުގައި ލިބުނު އެއް ހިތްހަމަޖެހުމަކީ، ތިން މަހުގެ ކޮންޓްރެކްޓެއްގައި ގައުމީ ޓީމާ ހަވާލުވި، މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ސްރީީ ލަންކާގައި ކުރިއަށްދިޔަ ސާފް ސުޕަ ކަޕް ކާމިޔާބުކުރެވުމެވެ. އެއީ، ސެޕްޓެމްބަރު މަހު، ކޮލަމްބޯގައި، ސުޕަ ކަޕްގެ ދެ މެޗު ކުޅެގެން ލަންކާ އެއް މެޗުން ބަލިކޮށް އަނެއް މެޗު އެއްވަރުކޮށްގެންނެވެ.

19 އަހަރު ތެރޭ ފީފާގެ ރައީސަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވި

މިދިޔަ އޮކްޓޫބަރު މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ރާއްޖެ ވަޑައިގަންނަވައިފަ އެވެ. އިންފަންޓީނޯ ހިމެނޭ ގޮތަށް ފީފާގެ ވަފުދެއް ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރެއްވުމުގެ ކުރިން އެފްއޭއެމްގެ މަސައްކަތަށް ވަނީ ތައުރީފުކުރައްވައިފަ އެވެ. އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވުން މިއީ، 2006 ވަނަ އަހަރު ފީފާގެ އޭރުގެ ރައީސް، ސެޕް ބްލެޓާ އަށް ފަހު، ފީފާގެ ރައީސަކު ރާއްޖެ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރެވެ.

މި ދަތުރުގެ ތެރެއިން އިންފަންޓީނޯ ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފަ އެވެ.

ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު, ފީފާގެ ރައީސް އިންފަންޓީނޯ ފޮޓޯއެއް ނަންގަވަނީ.


އެ ބައްދަލުވުމުގެ ތެރެއިން، އިންފަންޓީނޯ ވިދާޅުވީ، ރާއްޖޭގައި ފުޓްބޯޅަ އަށް އޮތް ފޯރި ވަރަށް ބޮޑަށް ފެނިގެންގޮސްފައިވާ ކަމަށެވެ. އަދި، ރާއްޖޭގައި މި އޮތް ފުޓްބޯޅައިގެ ޖޯޝް އާލާ ކުރުމަކީ ފީފާގެ އަށް އޮތް ޒިންމާއެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.

ސަސް ވެއްޓި، ނިއު އެއް ވަނަ ޑިވިޝަނަށް

ތަފާތު އެކި މައްސަލަތަކެއްގެ ތެރެއިން އެފްއޭއެމް އިން 2019 ވަނަ އަހަރު ސަސްޕެންޑްކުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސަސްޕެންޝަނުން ސަލާމަތްވެ، މީގެ ތިން އަހަރު ކުރިން އެނބުރި އައިސް ދެ ސީޒަނެއްގައި ދެ ވަނަ ޑިވިޝަނުގައި ވާދަކުރި އެވެ. އެކަމަކު، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތެއްނުވި އެވެ.

ނިއު އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބުނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ދިމާވެފައި އޮތް މާލީ ހާލަތުގެ ސަބަބުން އެ ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތުމުން އެ ޑިވިޝަނުން ވަކިވާން އެދުމުންނެވެ. ނިއު އަށް ޖާގަ ދިނީ އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. ލީގުން ވަކިވުމުން އެފްއޭއެމް އިން ވަނީ ސަސް، ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

ސަަރުކާރުގެ އެކި ކުންފުނިތަކުގެ އިސް ވެރިން ހިމެނޭ ގޮތަށް އެކުލަވާލައިފައި އޮތް ނިއު އާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ބޯޑުން ހަ އަހަރު ތެރޭ ފުރަތަމަ ޑިވިޝަނަށް އެނބުރި އަައިސް އަންނަނީ ބޮޑު ހަރަދުތަކެއްކޮށް ޓީމު ވަރުގަދަ ކުރަމުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްވުމާއި އެކަމުން އަރައިގަތް އަހަރެއް

ބީޑަބްލިއުއެފް އިން މެއި 16 ދުވަހު ރާއްޖެ ސަސްޕެންޑްކުރަން ނިންމައި، 20 ވަނަ ދުވަހު މީޑިއާގައި އެކަން އާންމުކުރި އެވެ. އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު ގުޅިގެން ނިންމާފައިވާ ގޮތަށް، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއްގެ ދަށަށް ބެޑްމިންޓަން އެސޯސިއޭޝަނުގެ ކަންކަން ގެންދިއުމަކީ ނުފޫޒު ފޯރުވުން ކަމަށް ދޭހަވާތީ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ހައިސިއްޔަތު ނަގަން ނިންމީ، ބީޑަބްލިއުއެފްގެ ބަހެއް ހޯދައިގެން، ބީއޭއެމްގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި އަލިމަގެއް ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބުނެ އެވެ. ބީއޭއެމްގެ މެންބަރުންގެ ބައިވެރިވުމާ އެކު، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމި އެވެ. އެ ކޮމިޓީގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް ރާއްޖެ ސަސްޕެންޑްކުރީ އެވެ.

ބީޑަބްލިއުއެފް އިން ސަސްޕެންޑްކުރިތާ ހަތް މަސް ފަހުން، ޑިސެމްބަރު މަހު ތިން ވަނަ ދުވަހު ރާއްޖޭގެ ސަސްޕެންޝަން އުވާލަން ނިންމައި، ޑިސެމްބަރު ފަސް ވަނަ ދުވަހު ވަނީ އެކަން އެ ޖަމިއްޔާގެ ވެބްސައިޓް މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ.

އެ ގޮތުން، ބީޑަބްލިއުއެފް އިން ބުނީ، ބީީއޭއެމްގެ ކަންކަން ރަނގަޅު މަގަށް ގެނައުމަށް އެ އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް އޭރުގެ ހިންގާ ކޮމިޓީ ތަމްސީލްކުރާ މެމްބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ބީޑަބްލިއުއެފްގެ މެމްބަރެއްގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕެއް މެދުވެރިކޮށް ކުރެވުނު މަސައްކަތުން އަސާސީ ގަވާއިދު އިސްލާހުކޮށް، އިންތިހާބެއް ބޭއްވިފައިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އާ ރައީސް އިޝްފާން (ކ) ބީޑަބްލިއުއެފް އިސް އޮފިޝަލް ތޯމަސް.


ނޮވެމްބަރު އެއް ވަނަ ދުވަހު، ބީއޭއެމްގެ އަސާސީ ގަވާއިދެއް ފާސްކޮށް، ނޮވެމްބަރު 22 ވަނަ ދުވަހު އިންތިހާބެއް ބޭއްވި އާ ހިންގާ ކޮމިޓީއެއް އިންތިހާބުކުރެވިފައިވާއިރު، މި ކަންކަން ކުރެވިފައިވަނީ، ބީޑަބްލިއުއެފްގެ އޮބްޒާވަރުންގެ ހާޒިރުގައި ކަން އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ. މި ހުރިހާ ކަމަކަށް ބަލައި، ރާއްޖޭގެ ސަސްޕެންޝަނުގެ ކަންކަން ވިލަރެސް ކުރާ ކައުންސިލް ޑެލިގޭޓެޑް ގްރޫޕުން، ނިންމާފައިވަނީ ރާއްޖޭގެ ސަސްޕެންޝަން އުވާލައި، އަލުން ބީޑަބްލިއުއެފްގެ މެމްބަރުކަން ދިނުމަށް ކަމަށެވެ. ބީޑަބްލިއުއެފް އިން ވަނީ، ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކަށް މި ކަމުގައި ޝުކުރު އަދާކޮށްފަ އެވެ. އޭގެ ތެރޭގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަދި ވޯކިން ގްރޫޕުން ކުރި މަސައްކަތް ބީޑަބްލިއުއެފް އިން ހާއްސަކޮށް ފާހަގަކޮށްފައިވެ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ މި އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު، ބީއޭއެމް އަތުން ގައުމީ ހައިސިއްޔަތު ނެގުމަށް ކުރި ނިންމުން ބަދަލުުކޮށް، އަލުން ބީއޭއެމަށް ގައުމީ ހައިސިއްޔަތު ދީފަ އެެވެ.

ބީއޭއެމް އިން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސަކަށް އިންތިހާބުވީ ކުރިން ބެޑްމިންޓަން ކުޅުމުގެ އިތުރުން، އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރި އިޝްފާން މުހައްމަދު (އިއްޕަ) އެވެ.

ސައްތާރު އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގައި އިތުރު ދައުރަކަށް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)، ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވީ ޖޫން މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރު، 2025-2029 އަށް ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުުމަށް ހުޅުވާލީ އޭޕްރީލް 22 އިން ފެށިގެންނެވެ. ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅަން ފުރުސަތު ހުޅުވާލި، މުއްދަތު ހަމަވިއިރު، އިންތިހާބުގައި ރައީސަކަށް ވާދަކުރަންވަން ކެނޑިޑެސީ ހުށަހެޅީ ސައްތާރު އެކަންޏެވެ. އެހެންކަމުން، އިންތިހާބުގައި ރައީސަކަށް، އިތުރު ފަރާތަކުން ކުރިމަތިލާފައިނުވާތީ، އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ސައްތާރަށް މަގާމުގައި ދެ ވަނަ ދައުރެއް ޔަގީންވީ އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ސައްތާރު: އޭނާ އަންނަނީ ހަތަރު ވަނަ ދައުރަކަށް ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ފުރުއްވަމުން.


އެންމެ ފަހުން، އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އިންތިހާބު ބާއްވާފައިވަނީ 2021 ވަނަ އަހަރުގަ އެވެ. ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރީ މޫސާ ނާޝިދު (މޫސަ) އާ ވާދަކޮށެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ކުރިއަށް ފިޔަވަޅެއް

ވީއޭއެމްގެ ރައީސްގެ މަގާމުގައި މުހައްމަދު ލަތީފް (ލަތީބެ)، އާ ދައުރެއް ފެއްޓެވީ، މިދިޔަ އަހަރު އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެންނެވެ. ވޮލީބޯލް އެސޯސިއޭޝަންގެ ރައީސަކަށް ލަތީފް އިންތިހާބުވެ ވަޑައިގެންނެވިއިރު، މިއީ މި މަގާމާ އޭނާ ހަވާލުވާނެ ތިން ވަނަ ފަހަރެވެ.

ލަތީފް، އެންމެ ފުރަތަމަ ވޮލީ އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބުވީ 2016 އަހަރު އެވެ. އެ އަހަރުން ފެށިގެން 2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެެވެ.

ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގެ ތެރެއިން.


އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ)، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. ރަނޭ، 2024 ވަނަ އަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހު އިސްތިއުފާ ދިނުމުން، އޭނާގެ ދައުރުގެ ބާކީ އޮތް އަހަރަށް ލަތީފް އިންތިހާބުވީކުރި އެވެ. އަދި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވީއޭއެމް އިން އިންތިހާބެއް ބާއްވައި، އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެން ލަތީފްގެ އާ ހަތަރު އަހަރުގެ ދައުރު ފެށުނެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ވީއޭއެމްގެ އާ އަސާސީ ގަވާއިދު ވެސް ފާސްކޮށްދީފަ އެވެ.

ބީޗްހޭންޑްބޯޅައިގައި ތާރީހީ އަހަރެއް

މީގެ އެއް އަހަރު ކުރިން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ހދ. ކުޅުދުއްފުށީގައި ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ހަރަކާތްތައް ހޭންޑްބޯޅައިގެ ބެލެނިވެރި ފަރާތް، ހޭންޑްބޯލް މޯލްޑިވްސް އިން ފެށީ ޕްލޭނަކާ އެކު އެވެ. އެއީ، ޕާކިސްތާނުގައި ފެބްރުއަރީ މަހުގައި ބާއްވަން އޮތް ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ކުޅުމަށެވެ. އެކަމަކު، އެ މުބާރާތް ޕާކިސްތާނުގައި ނުބޭއްވި ކެންސަލްކުރީ އެވެ.

އެކަމަކު، ހޭންޑްބޯލް މޯލްޑިވްސް އިން މަސައްކަތް ހުއްޓައިނުލައި، ޕާކިސްތާންުގެ ކޯޗު އާސިމް ރަޝީދުގެ ބެލުމުގެ ދަށުން ކުރިއަށްގެންގޮސް، މެއި މަހު އޮމާންގެ މަސްކަޓްގައި، ބޭއްވި އޭޝިއާގެ ބީޗްހޭންޑްބޯޅަ މުބާރާތުގައި ކުޅެން ނިންމި އެވެ.

އޭޝިއާގެ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ރޭންކިން ގަދަ އަށް ޓީމުގެ ތެރެއިން ރާއްޖެ އަށް ޖާގަ ލިބިގެންދިޔަ އެވެ. ރޭންކިން ބުރުގައި ހޮންގް ކޮންގް މައްޗަށް ރާއްޖޭން ކުރިހޯދިއިރު، މިއީ، ބައިނަލްއަގުވާމީ މުބާރާތެއްގައި ބީޗްހޭންޑްބޯޅައިގެ ފުރަތަމަ މޮޅެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުން ތިން ވަނަ ހޯދި ރާއްޖޭގެ ޓީމު.


އޭގެ ފަހުން، ސެޕްޓެމްބަރު މަހު، ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ހޯސްޓްކޮށް ރާއްޖޭން އެ މުބާރާތުގެ ތިން ވަނަ ހާސިލްކޮށް، ލޯ މެޑަލް ހޯދި އެވެ. ޖުމްލަ އެކު ހަ ގައުމު ވާދަކުރި މި މުބާރާުތުގައި ރާއްޖޭން ލޯ މެޑަލް ހޯދީ ފަހަތުން އަރައި، ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

ކުޅިވަރު ތަރިންތަކެއްގެ ވަކިވުން: ސާންތީ، އިފްރާހު އަދި ކޮއްކޮ

ފާއިތުވި އަހަރަކީ ރާއްޖޭގެ ކުޅިވަރު އާއިލާ އަށް ހިތްދަތި ތަޖުރިބާތަކެއް ވެސް ކުރަން ޖެހުނު އަހަރެކެވެ. މަޝްހޫރު ފުޓްބޯޅަ ކޯޗު، އަދި ކުޅިވަރުގެ ހިދުމަތްތެރިޔާ، އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު، އިފްރާހު އަރީފް އަދި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އިބްރާހިމް އާދިލް (ކޮއްކޮ) ވަނީ ދުނިޔެ ދޫކޮށް ގޮސްފަ އެވެ.

އުމުރުން 51 އަހަރުގައި ސާންތީ، މާޗް 23 ވަނަ ދުުވަހު، ނިޔާވިއިރު، އޭނާ އަށް އައީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފާއިތުވި އަހަރުތަކުގައި އޭނާ އައީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ. ބައްޔަށް ފަރުވާ ހޯދަމުން ދިޔައިރު ވެސް ވަގުތު ވީ މިންވަރަކުން ފުޓްބޯޅައިގެ އެކި ކަންކަމުގައި މަސައްކަތްތަކެއް ކުރެއްވި އެވެ.

މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރު ސާންތީ ބަލި ހާލަތު ގޯސްވެގެން، ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވި އެވެ. އެފްއޭއެމް މިހާރު ހިނގަމުން އަންނަ ނޯމަލައިޒިން ކޮމިޓީގެ ދަށުން އޮތް، ޓެކްނިކަލް ކޮމިޓީ އަށް ވެސް ސާންތީ ދިޔައީ އެހީތެރިކަަން ފޯރުކޮށްދެމުންނެވެ. އެންމެ ފަހުން ބޭއްވި، އެފްއޭއެމް ޔޫތު ލީގު 24/25 ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރުމުގެ އިތުރުން، 2024 ވަނަ އަހަރު 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ޓީމަށް ވެސް އެކި ގޮތްގޮތުން އެހީތެރިވެދިނެވެ.

ކޮއްކޮ (ކ)، ސާންތީ (މ) އަދި އިފްރާ (ވ)


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭން 2015 ވަނަ އަހަރު ވާދަކުރިއިރު، ކޮންޓިންޖެންޓްގެ ޝެފް ޑި މިޝަންގެ ޒިންމާ އަދާކުރި ސާންތީ ވަނީ، އެފްއޭއެމް ޓެނިކަލް ޑިރެކްޓަރުގެ މަގާމާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ. މީގެ އިތުރުން، ރާއްޖޭގައި ކުޅުންތެރިން ޑިވެލޮޕްކުރުމުގެ އިތުރުން ކޯޗުން އުފެއްދުމަށް ވެސް ސާންތީ ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު ގޯލްކީޕަރު، އިފްރާ އަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހުގެރޭގަ އެވެ. އުމުރުން 36 އަހަރުގެ އިފުރާހު އަށް ނިޔާވުމުގެ ދެ ދުވަހެއް ކުރިން، ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް ލޭ އެޅުނެވެ. ލޭތައް ނެގުމަށް އެ ދުވަހުން ދުވަހަށް ސާޖަރީއެއް ހެދި ނަމަވެސް އެއްކޮށް ލޭ ސާފުކުރެވޭ ގޮތެއްނުވި އެވެ. އެެހެންވެ، އިފުރާ ފަހުން އޮތީ، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގަ އެވެ. އަދި، ފަހުން، ފަރުވާ ވެންޓިލޭޓަރަށް ލައިގެން ފަރުވާދެމުން އައިއިރު، ހާލު ދެރަވެ ފަހުން ނިޔާވީ އެވެ.

ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިފްރާހު ބޮޑަށް ފާހަގަވާން ފެށީ، މާޒިޔާގަ އެވެ. ރާއްޖޭގެ އުމުރުފުރާގެ ގިނަ ގައުމީ ޓީމުތަކެއްގެ ގޯލު ބެލެހެއްޓި، އިފްރާހު ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. ގިނަ ކޯޗުންގެ ލޮލުގައި އަޅައިގަތް ކުޅަދާނަ ކީޕަރެއްގެ ގޮތުގައި ފެނިފައިވާ އިފުރާހު ވަނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން، އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ކުޅެފަ އެވެ. ސީނިއާ ގައުމީ ޓީމުގައި 2018 ވަނަ އަހަރު ކުޅުނު އިފްރާހު އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅުނީ 2019 ގައި ޓީސީ އަށެވެ.

މީގެ 11 ދުވަސް ކުރިން، 21 ޑިސެމްބަރުގައި، މަޝްހޫރު ވޮލީ ކުޅުންތެރިޔާ، ކޮއްކޮ ނިޔާވިއިރު އުމުރަކީ 48 އަހަރެވެ. ނިޔާވިއިރު، އާދިލް އައީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ދުވަހު ނޫސް "ހަވީރު" އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ، އާދިލް އަކީ ރާއްޖޭގެ ގައުމީ އިންޑޯ ވޮލީބޯޅަ ޓީމަށާއި ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ވިހި އަހަރަށް ވުރެން ގިނަ ދުވަހު މަތީ ފަންތީގައި ވޮލީބޯޅަ ކުޅުނު އާދިލް ވަނީ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތްތަކާއި އަތޮޅު ތެރޭގެ މުބާރާތްތަކުގައި ކުޅުމުގެ އިތުރުން، ވެޓަރަންސް ވޮލީބޯޅަ މުބާރާތްތަކުގައި ވެސް ދާދި ފަހުން ކުޅެފަ އެވެ.

ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ އާދިލް، އެންމެ ފަހުން ގައުމީ ލެވަލްގެ މުބާރާތެއްގައި ފާހަގަކުރެވުނީ، މީގެ ދެ ވަރަކަށް އަހަރު ކުރިން ކްލަބް ވެމްކޯ އަށް ކުޅުނުއިރު އެވެ. އޭނާ ވަނީ ރާއްޖޭގެ ވޮލީބޯޅައިގައި އެކި ޓީމުތަކަށް ކުޅެމުން ގިނަގުނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.