Advertisement

ރާއްޖޭގެ މައްޗަށް ކުރިހޯދައި ކިރްގިސްތާނުން ވިމެންސް ކާވާ ކަޕް ޗެމްޕިއަންކަން ހޯދައިފި

about 2 hours 0

ކިރްގިސްތާން ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ރާއްޖޭގެ މައްޗަށް ކުރިހޯދައި ކިރްގިސްތާނުން ވިމެންސް ކާވާ ކަޕް ޗެމްޕިއަންކަން ހޯދައިފި

about 2 hours 0

ފަހަތުން އަރައި 3-1 ސެޓުން ރާއްޖޭގެ މައްޗަށް ކުރިހޯދައި ކިރްގިސްތާނުން މާލޭގައި ކުރިއަށްދިޔަ ވިމެންސް ކާވާ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއާ އެކު، ކިރްގިސްތާނުން މި ވަނީ ދެ އަހަރެއްހާ ދުވަސް ތެރޭ ރާއްޖޭގައި ކުރިއަށްދިޔަ ކާވާގެ ތިން މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު ބޭއްވި ކާވާ 19 އަހަރުން ދަށުގެ އަންހެން މުބާރާތާއި ކާވާ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ. މިދިޔަ އަހަރު ކާވާ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ހޯދީ ލީގު ބުރުގައި ސީދާ ތިން ސެޓުން، އަދި ފައިނަލުގައި، 3-2 ސެޓުން ރާއްޖެ ބަލިކޮށްފަ އެވެ.

މި ފަހަރުގެ ވިމެންސް ކާވާ ކަޕްގައި، ރާއްޖޭން ލީގު ބުރުގައި، ފަހަތުން އަރައި 3-1 ސެޓުން ކިރްގިސްތާން ބަލިކުރިއިރު، މިއީ، ހަ އަހަރު ތެރޭގައި ކިރްގިސްތާން އަތުން ރާއްޖެ އަށް ލިބުނު ފުރަތަަމަ މޮޅެވެ. އަދި، ރާއްޖޭގައި ކުޅެގެން ހޯދި ފުރަތަމަ މޮޅެވެ. އެކަމަކު، ފައިނަލް މެޗުގައި ކިރްގިސްތާނުން މި ވަނީ ރާއްޖޭގެ ކިބައިން ބަދަލުހިފައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރާއްޖޭން މިރޭ ކުޅުނު މެޗުގެ ފުރަަތަމަ ސެޓުގައި ތަފާތު ދެއްކި އެވެ. އަދި، ހިތްވަރު ގަދަ ކުޅުމަކާ އެކު، ކިރްގިސްތާންގެ އެޓޭކްތަކަށް ޖަވާބުދެމުން ކުޅެ، 25-20 އިން ފުރަތަމަ ސެޓު ގެންދިޔަ އެވެ.

އެކަމަކު، ދެން ކުޅުނު ތިން ސެޓުގައި ވެސް ރާއްޖެ އަށް ދިމާވީ ޕްރެޝަރު ވަގުތުގައި ލީޑު ގެއްލުމާއި ޑިފެންސް ކުރުމުގަައި އަމިއްލަ އަށް ގޯސްތަކެއް ހެދުމުގެ މައްސަލަ އެވެ. ކިރްގިސްތާން ކުޅުންތެރިން ޕްރެޝަރު ހާލަތްތަކުގައި ރަނގަޅަށް ކުޅެ، ފުލުފުލުގައި ޕޮއިންޓްތަކެއް ހޯދައިގެން، ސެޓު ނިންމުމުގައި ކާމިޔާބު ހޯދީ އެވެ. ކިރްގިސްތާނުން ފަހުން ކުޅުނު ތިން ސެޓު ގެންދިޔައީ، 22-25، 17-25 އަދި 21-25 އިންނެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ރާއްޖޭގެ ހަތަރު ކުޅުންތެރިންނާއި ކިރްގިސްތާނުގެ ތިން ކުޅުންތެރިންނެވެ. އެ ގޮތުން، ރާއްޖޭން ހިމެެނެނީ، ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ)، ފާތިމަތު ޖޫޒާން ޒަރީރު، އައިމިނަތު ޝަހާ ޝާމިން އަދި ނަރީމާ އިދުރީސް (ނަންނި) އެވެ. އަދި، ކިރްގިސްތާނުން ހިމެނެނީ، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބޮލޮޓްބެކޯވާ ނޫރްޒަމާލްގެ އިތުރުން އަމިރަކުލޯވާ ސައކާލް އަދި ސެއިޓްބްލޯވާ އަސޭމާ އެވެ.


ޖުމްލަ ހަތަރު ގައުމު ވާދަކުރި ވިމެންސް ކާވާ ކަޕްގެ ފައިނަލާ ހަމައަށް އައިއިރު ރާއްޖޭން ކުޅުނު ހުރިހާ މެޗަކުން މޮޅުވި ނަމަވެސް ފައިނަލުގައި މި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. އަދި، ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން މި ވަނީ ބައިނަލްއަގުވާމީ ހަތަރު ފައިނަލަކުން ބަލިވެފަ އެވެ. އެއީ، 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތާއި 2023 ވަނަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕާއި މިދިޔަ އަހަރު މާލޭގައި ބޭއްވި ކާވާ ވިމެންސް ޗެލެންޖް ކަޕް އަދި މި އަހަރުގެ ވިމެންސް ކާވާ ކަޕް އެވެ.

މި ފަހަރުގެ ކާވާ ވިމެންސް ކަޕްގެ ތިން ވަނަ ހޯދީ ބަންގްލަދޭޝް އެވެ. އެއީ، މިއަދު ކުޅުނު ތިން ވަަނަ ހޮވާ މެޗުގައި، އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.