13 އޮގަސްޓު 2025 - 10:04 0
ސާއިފް ޝިޔާދު
މުއިއްޒު އަދި ސައުދީގެ ފޭކް ޕްރިންސް ފަހުދު. އޭނާއަކީ ސައުދީގެ ޝާހީ ދަރިފަސްކޮޅަށް
13 އޮގަސްޓު 2025 - 10:04 0
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ހުޅުވުމަށް ރާއްޖެއަށް ޒިޔާރަތް ކުރި "ފޭކް ޕްރިންސް"، ފަހުދު ސައުދު އަލް ޝަލަން އާއެކު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ސައުދީ އެމްބަސީ ބައިވެރިނުކުރުމަކީ ރައީސް މުއިއްޒުގެ ނިންމެވުމެއް ކަމަށާއި، އެއީ ރައީސްގެ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.
ފަހަދުއަކީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ރައީސް އޮފީހުން އޭރު ބުނެފައި ވާއިރު، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހުރި ސައޫދީ އެމްބަސީގެ ބޭފުޅަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ. އޭނާއަކީ ޝަހީ އަމީރެއް ކަމަށް ބުނެފައި ހުރި ހަބަރާއި ފޮޓޯތައް ރައީސް އޮފީހުން ފަހުން ޑިލީޓްކުރި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރިނުވީ ކީއްވެގެންތޯ ފޮރިން މިނިސްޓަރާ ސުވާލުކޮށްފަ އެވެ.
"ނުރަސްމީކޮށް އަދި ރަސްމީކޮށް ވިޔަސް ބޭފުޅަކު ވަޑައިގަންނަވާއިރު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރުގައި އޮންނަ ކަމެއް ބައިވެރި ކުރާނީ ކޮންބައެއްތޯ ބައިވެރި ނުކުރާނީ ކޮން ބައެއްތޯ ވެސް. އާންމު ގޮތެއްގައި ރަސްމީކޮށް ވަޑައިގަންނަވާއިރު ކޮންމެ ބޭފުޅަކު ނިސްބަތްވާ ގައުމެއްގެ ހާރިޖިއްޔާ ތަމްސީލު ކުރައްވާ ފަރާތްތަކަށް ދައުވަތު ދެމުންދޭ،" ހަލީލް ވިދާޅުވި އެވެ.
އޭނާ ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ މަސައްކަތްތަކަށް އެކަމުގައި ހިމެނޭ އެހެން ބޭފުޅުންނާ އެކު ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި އޭނާއަކީ ސައުދީގެ ޝާހީ ދަރިފަސްކޮޅަށް ނިސްބަތްވާ އަމީރާއެއްގެ ދަރިކަލުން ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
"ތި ވިދާޅުވި ބޭފުޅަކު (ފަހުދު) ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއް ކަމަށްވާތީ، އެއީ ސައުދީ އެމްބަސީއަށް ވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރުން، އެމަނިކުފާނު ކަނޑައަޅުއްވާ ބޭފުޅުންތަކެއް ބައިވެރިވެގެން އެ ބައްދަލުވުން ކުރިއަށްގެންދެވުނު ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން،" ހަލީލް ވިދާޅުވި އެވެ.
އެ ކަމުގެ މައުލޫމާތު އެނގޭ އިސް އޮފިޝަލަކު އަދަދު އާ ވާހަކަ ދައްކަމުން ބުނީ، އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ކަމަށް ސަރުކާރުން ބުނަމުންދިޔަ މައްސަލައިގައި އެ ގައުމުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރި ކަމަށެވެ. އަދި އެކަން އިސްލާހުނުކޮށް، މައާފަށް ވެސް އެދިފައިނުވާތީ ސައުދީ ސަރުކާރުން މައްސަލަ ޖެއްސި ކަމަށްވެ އެވެ.
Comment