Advertisement

މީރާއަށް އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުންޏަކަށް އެވޯޑު ދީފި

10 އޮގަސްޓު 2025 - 19:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަންފަނަރަ އެވޯޑު ވިލާ ޝިޕިން އެންޑް ޓްރޭޑިންއާ ހަވާލުކުރުން: ގިނައިން ޓެކްސް ދެއްކި ގިނަ ވިޔަފާރިތަކުން ހަރަކާތްތެރިވަނީ ޓޫރިޒަމް ސިނާއަތުގައި -- ފޮޓޯ: މީރާ


މީރާއަށް އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުންޏަކަށް އެވޯޑު ދީފި

10 އޮގަސްޓު 2025 - 19:16 0

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފާއިތުވެދިޔަ 15 އަހަރު ތެރޭގައި އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުންޏަކަށް ރޭ އެވޯޑު ދީފި އެވެ.

"ރަން ފަނަރަ" ގެ ނަމުގައި އެ އެވޯޑު ދިނީ ޖެނުއަރީ 1، 2011، އިން ފެށިގެން ޖޫން 30، 2025، ގެ ނިޔަލަށް މީރާއަށް އެންމެ ގިނައިން ފައިސާ ދެއްކި ކުންފުނިތަކަށެވެ.

އެންމެ ގިނައިން ޓެކްސް ދެއްކި ކުުންފުނިތަކުގެ ތެރޭގައި ގިނައީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމުގައި ޓޫރިޒަމްގައި ހަރަކާތްތެރިވާ ވިޔަފާރިތަކެވެ. އެވޯޑު ލިބުނު 15 ކުންފުނީގެ ތެރެއިން ހަތް ކުންފުންޏެއްގެ މައިގަނޑު ވިޔަފާރިއަކީ ޓޫރިޒަމެވެ.

މި ލިސްޓުގައި ދެން ހިމެނޭ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ދެ ބޭންކަކާއި މުވާސަލާތީ ހިދުމަތްދޭ ދެ ކުންފުންޏާއި އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ދެ ކުންފުންޏާއި ސަރުކާރު ހިއްސާވާ ދެ ކުންފުނި ކަމުގައިވާ އެސްޓީއޯ އާއި އެމްއޭސީއެލް އެވެ.

ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެވޯޑު ލިބުނީ އެމްއޭސީއެލްއަށް އެކަންޏެވެ. އެސްޓީއޯ ހިމެނޭހެން ހަތަރު ޕަބްލިކް ކުންފުންޏަކަށް، އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދިރާގާއި އުރީދޫއަށް، މި އެވޯޑު ލިބުނެވެ.

ރަން ފަނަރަ އެވޯޑު ލިބުނު ކުންފުނިތަކަކީ:

  • ބޭންކް އޮފް މޯލްޑިވްސް (ބޭންކިން)
  • ދިރާގު (ޓެލެކޮމިއުނިކޭޝަންސް)
  • އައި އެންޑް ޓީ މެނޭޖްމަންޓް (ޓޫރިޒަމް)
  • އިތާފުށި އިންވެސްޓްމަންޓް (ޓޫރިޒަމް)
  • ކާސާ ހޯލްޑިންގްސް (ޓޫރިޒަމް)
  • ކުރެއްދޫ ހޯލްޑިންގްސް (ޓޫރިޒަމް)
  • އެމްއޭސީއެލް (އެއާޕޯޓު މެނޭޖުމަންޓު)
  • އުރީދޫ މޯލްޑިވްސް (ޓެލެކޮމިއުނިކޭޝަންސް)
  • ގަތަރު އެއާވޭސް (އޭވިއޭޝަން)
  • ރީތިރަށް ރިސޯޓު (ޓޫރިޒަމް)
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ (ބޭންކިން)
  • އެސްޓީއޯ (ޓްރޭޑިން)
  • ޓީއެމްއޭ (އޭވިއޭޝަން)
  • ޔުނިވާސަލް (ޓޫރިޒަމް)
  • ވިލާ ޝިޕިން އެންޑް ޓްރޭޑިން (ޓޫރިޒަމް އާއި ޓްރޭޑިން)

އެވޯޑު ދިން ރަސްމިއްޔާތުގެ ތެރެއިން ފާއިތުވެދިޔަ 15 އަހަރު އަދި 10 އަހަރު ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑެއް ދިނެވެ. އަދި މިދިޔަ އަހަރު މީރާގެ އެންމެ މޮޅު މުވައްޒަފު، ޑެޕިއުޓީ މެނޭޖާ އޮފް ހިއުމަން ރިސޯސަސް، މަރިޔަމް ނީނާއަށް ވެސް އެވޯޑު ދިނެވެ.

އޭގެ އިތުރުން މީގެ ކުރިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ޔަޒީދު މުހައްމަދާއި ފަތުހުﷲ ޖަމީލުގެ އިތުރުން ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީޒާއި އަސްމާ ޝަފީއު ކޮށްދިން ހިދުމަތުގެ އަގުވަޒަން ކޮށްފައި ވެ އެވެ.