5 އޮގަސްޓު 2025 - 16:57 1
ލީވާން އަލީ ނާސިރު
5 އޮގަސްޓު 2025 - 16:57 1
ރައީސް މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ކުރީ ސަރުކާރުން ބިން ލިބުނު ރައްޔިތުންނަށް ބިން ލިބުނު ތަންތަން އެއް އަހަރު ދުވަސް ތެރޭގައި ވެސް ހިއްކާ ނިމިފައި ނުވާތީ ހުޅުމާލެ ފޭސް 3 ގެ ޔޫނިއަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހުޅުމާލެ ފޭސް 3 ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ލޯޔަރު އަލީ ހުސައިން ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރީ ސަރުކާރުން ދީފައި ހިއްކާފައި ނެތް ސަރަހައްދުތަކުން ގޯތި ދީފައި ހުރުމުން އެ ތަންތަން އަހަރެއް ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ކަމަށެވެ.
"ހިއްކަން ޖެހޭ ތަންތަނުން ގޯތި ލިބިފައިވާ މީހުންގެ ފަރާތުން އަޅުގަނޑުމެން މި ބުނާ ވާހަކައަކީ ރައީސް މުއިއްޒު އެބަ އޮތޭ އެހެން ވައުދެއް ވެސް ވެެވަޑައިގަންނަވާފައި. އެ ވައުދަކީ ވެރިކަމަށް ވަޑައިގަންނަވާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ހިއްކަން ޖެހޭ ހުރިހާ ތަނެއް، އެއީ ކުރީ ސަރުކާރުން ހަގީގަތުގައި ދިފައި ހުރި ނުހިކި ހުރި ގޯތިތައް ހިއްކާ ނިންމާނަމޭ،" އޭނާ ވިދާޅުވި އެވެ.
ދޮޅު އަހަރުވެގެން ސަރުކާރަށް ދެ އަހަރުވުމާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު މުއިއްޒު ވިދާޅުވި ގޮތަށް ގޯތިތައް ލިބުނު ތަންތަން ނުހިއްކާތީ އެކަމާ ގުޅިގެން ޔޫނިއަންގެ ފަރާތުން މުއިއްޒުއަށް ހަނދުމަކޮށް އަރުވާ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ގޯތި ދީފައި ހުރި ތަންތަން ހުރުމުން އެތަންތަން ހިއްކާނެ ކަމަށް ރައްޔިތުން އުންމީދުގައި ތިއްބާ، ވެރިކަމަށް ވަޑައިގަތުމަށްފަހު މިހާތަނަށް ގޯތި ދޫނުކުރާ ފުށިދިއްގަރުފަޅު ބޮޑު ހަރަދެއް ކޮށްގެން ކުރިއަށް ގެންދަން އުޅޭ ކަމަށެވެ.
"ވައުދުވެ ވަޑައިގެންނެވީ އެމީހަކަށް ގޯތި ލިބިފައިވާ ތަނަކުން ގޯތި ދޭނަމޭ އެނގޭތޯ. އެމީހަކު ބޭނުންވާ ޑިޒައިނަކަށް ގޯތި އަޅައިދޭނަމޭ. އެކަން ކުރުމަށްޓަކައި އެއް އަހަރު ދުވަހުގެ ތެރޭގައި ހިއްކަން ޖެހޭ ހުރިހާ ބިމެއް ތިމަންނަ ހިއްކާނަމޭ،" އަލީ ހުސައިން ވިދާޅުވި އެވެ.
"ރައްޔިތުންނަށް ގަބޫލުކުރެވޭނީ ރައީސް މުއިއްޒު ފުށިދިއްގަރުފަޅު ވާހަކަ ދެއްކިޔަސް އެކަން ކުރައްވާނީ އެއް އަހަރު ދުވަހުގެ ފަހުންނޭ. އެއް އަހަރު ދުވަހުގެ ފަހުން އެކަން ކުރައްވާނީ އެ ހިއްކަން ޖެހޭ ތަންތަން. ކުރީ ސަރުކާރުން އެ ގޯތި ދިންއިރު ނުހިކި ހުރި ތަންތަން ހިއްކާ ނިންމަވާފައި ދެނޭ ފުށިދިއްގަރުގެ ފަޅާ އުޅޭނީ."
ޔޫނިއަންތަކުގެ ފަރާތުން އަލީ ހުސައިން ވިދާޅުވީ ފުށިދިއްގަރު ފަޅު 600 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ސަރުކާރުން ކުރިއަށް ގެންދަން އުޅޭ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެކަން ވަގުތުން ވަގުތަށް ހުއްޓާލަން އެދޭ ކަމަށެވެ.
މީގެއިތުރުން އެވަރުގެ ބޮޑު ހަރަދެއް ކޮށްގެން ފުށިދިއްގަރުފަޅު އާބާދު ކުރެވޭނެ ދުވަހެއް ވެސް ނޭގޭ ކަމަށާއި އެއަށްވުރެ ގޯތި ދީފައި ހުރި ތަންތަން ހިއްކައިގެން އެތަންތަން އާބާދުކުރުން މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment