ގިރާވަރު ފަޅުގެ ބިން ހިއްކާ ޑްރެޖަރަށް ގުޅާފައިވާ ހޮޅިން ވެލި އަޅަނީ: ގިރާވަރު ފަޅަކީ މާލޭ މީހުންނަށް ހަތަރު ހާހަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާ ތަނެއް --- ފޮޓޯ: އެމްއޭސީއެލް
ގިރާވަރު ފަޅު ހިއްކުމުގެ ފަހުގެ ޕްލޭނުގައި އޮތް ގޮތަށް، ހިއްކާ ސަރަހައްދުގެ ވަށައިގެން ވެލި އަޅާ ބަންދުކުރުމަށް ފަހު އެ ފަޅުގެ ފުން ސަރަހައްދު ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
ކުރީ ސަރުކާރުގައި ގިރާވަރު ފަޅުން ހިއްކަން ނިންމީ 120 ހެކްޓަރެވެ. ނަމަވެސް މި ސަރުކާރުން ވަނީ ހިއްކާ ސަރަހައްދު ބޮޑުކޮށް، ފުން ސަރަހައްދު ހިމެނޭ ގޮތަށް ގިރާވަރު ފަޅުން އިތުރު 49 ހެކްޓަރު ހިއްކަން ނިންމާފަ އެވެ.
ގިރާވަރު ފަޅުން ހިއްކާ ބިމުގެ ތެރެއިން 69 ހެކްޓަރަކީ ފުން ފަޅުގެ ސަރަހައްދެވެ. ތިލަ ފަރުން ހިއްކަނީ 97 ހެކްޓަރެވެ. މި ޕްލޭނާ އެއް ގޮތަށް މި ފަޅު ހިއްކާ ނިމޭއިރު ބިމުގެ ޖާގައިގައި 169 ހެކްޓަރު ހުންނާނެ އެވެ. މިއީ ހުޅުމާލޭ ފޭސް އެކަކަށް ހިއްކި 188 ހެކްޓަރާ ގާތްކުރާ ވަރުގެ ސަރަހައްދެކެވެ.
މީގެ ހަތަރު ދުވަސް ކުރިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ގިރާވަރު ފަޅުގެ ކުރީގެ ޕްލޭނުގައި އޮތް ސަރަހައްދުގެ ތެރެއިން، ހުޅަނގު ފަރާތުގެ އަތިރިމަތިން ހިއްކަން ޖެހޭ ސަރަހައްދުތައް ފިޔަވައި، އެހެން ސަރަހައްދުތައް އެކީ ކަހަލަ ގޮތަކަށް ހިއްކާ ނިމިއްޖެ އެވެ.
ފެބްރުއަރީ 24، 2026 ގައި ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ގިރާވަރު ފަޅުގެ ފުން ސަރަހައްދުން 50 ހެކްޓަރު ހިއްކާ --- ފޮޓޯ: ކޮޕާނިކަސް
ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު ގިރާވަރު ފަޅު ހިއްކަން އަލުން ފެށީ މި ޕްރޮޖެކްޓު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްގެންނެވެ. ކުރިން އެ މަސައްކަތް ކުރަމުން އައީ މޯލްޑިވްސް ފަންޑް މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ދަށުންނެވެ.
އެމްއޭސީއެލްއިން މި މަސައްކަތް ކުރުވަނީ އެ ކުންފުނީގެ ސަބްސިޑަރީ، މެރިން އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) އެވެ. މިއީ ބިން ހިއްކުމާއި ބޮޑެތި އިންފްރާސްޓްރަކްޗާ މަސައްކަތަށް ކުރަން ވެގެން އެމްއޭސީއެލްއިން ދެ ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ. އަނެއް ކުންފުންޏަކީ ޕެނިންސޫލާ އިންފްރާސްޓްރަކްޗާ އެވެ.
އެމްއޭސީއެލްއިން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، މިދިޔަ މަހުގެ 30، ގައި ގިރާވަރު ފަޅުން ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށި ފަހުން 15 ހެކްޓަރު ހިއްކާ ނިމިއްޖެ އެވެ. މި ޕްރޮޖެކްޓުގެ ފޭސް ތިނެއްގެ މަސައްކަތް ހުއްޓުނުއިރު ހިއްކާ ނިންމާފައި އޮތީ 56 ހެކްޓަރެވެ. މިހެންކަމުން ބާކީ ހިއްކަން އޮތީ 82 ހެކްޓަރުގެ ބިމެވެ.
ގިރާވަރު ފަޅުގެ ބިން ހިއްކުން
ގިރާވަރު ފަޅު ހިއްކުން އަވަސްކުރަން ވެގެން ސަރުކާރުން ވަނީ ބޮސްކާލިސްގެ ދެ ޑްރެޖަރު ބޭނުންކުރަން ފަށާފަ އެވެ.
އެމްއެފްއެމްސީން މި މަޝްރޫއު ހިންގި އިރު ވެސް ބޭނުންކުރީ ބޮސްކާލިސްގެ ޑްރެޖަރެކެވެ. އޭރު މި ޕްރޮޖްކެޓުގެ ކޮންޓްރެކްޓަރަކީ، ބޮސްކާލިސްގެ މި ސަރަހައްދުގެ އެޖެންޓުކަން އޮންނަ ސިވިލް މެރިން އިންޖިނިއަރިން ކޮމްޕެނީ (ސީއެމްސީ) އެވެ. މި ޕްރޮޖެކްޓާ އެމްއައިއައިޑީން ހަވާލުވީ ފަހުން، ސީއެމްސީން އަދާކުރާ ދައުރެއް ނޭނގެ އެވެ.
ގިރާވަރު ފަޅަކީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކޮށްފައިވާ ތަނެކެވެ. އެ ސަރުކާރުގައި މި ތަނުން 5432 ގޯތި ދޫކުރި އެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ގޮތަށް ބިން ދިނުމުން ތޮއްޖެހުން ބޮޑު ކަމަށް ބުނެ ގިރާވަރުން ދޭ ގޯތިތަކުގެ އަދަދު މަދުކޮށްފަ އެވެ.
އެ ގޮތުން ކުރީ ސަރުކާރުގެ ލޭންޑް ޔޫސް ޕްލޭނުގެ ބަދަލުގައި މި ސަރުކާރުން އެކުލަވާލި ފުރަތަމަ ލޭންޑް ޔޫސް ޕްލޭނުގައި ބިންވެރިޔާ ސްކީމަށް ކަނޑައެޅީ 3،462 ގޯއްޗެވެ.
މިކަމަށް ފަހި ކުރުމުގެ ގޮތުން 1،347 ގޯތި ގުޅީފަޅަށް ބަދަލުކުރަން ހުޅުވާލި އެވެ. އެއީ 1،250 އަކަފޫޓުގެ 193 ގޯއްޗާއި 1،650 އަކަފޫޓުގެ 663 ގޯއްޗާއި 2،050 އަކަަފޫޓުގެ 487 ގޯއްޗާއި 2،450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ. ފަހުން ހައުސިން މިނިސްޓްރީން ވަނީ 1،250 އަކަފޫޓުގެ ތިން ގޯއްޗާއި 1،650 އަކަފޫޓުގެ އިތުރު 20 ގޯތި އިތުރުކޮށް، 1،370 ގޯތި ގުޅީފަޅަށް ބަދަލުކުރަން އުޅެފަ އެވެ.
މިހެން ނަމަވެސް ގުޅީފަޅުގެ ފުން ސަރަހައްދު ހިއްކަން ގެންގުޅުނު ވިސްނުން ދޫކޮށްލުމާ ގުޅިގެން، ގިރާވަރުފަޅުން ބަދަލުކުރާ ގޯތިތަކުގެ އަދަދު ވަނީ 1،114 އަށް މަދުކޮށްފަ އެވެ.
ގިރާވަރު ފަޅުގެ އެންމެ ފަހުގެ ލޭންޑް ޔޫސް ޕްލޭނުގައި އޮތް ގޮތުން، އެ ތަނުގައި އޮންނަނީ 4،072 ގޯއްޗެވެ. ދިރިއުޅޭނެ ކަމަށް އަންދާޒާކުރާ އާބާދީއަކީ 60،000 އެވެ.
މި ތަން ހިއްކައި ނިންމަން އެތައް ކުރީ ސަރުކާރާއި މި ސަރުކާރުގައި ވެސް ތާރީހުތައް ދީފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން ދެއްވި ތާރީހަށް ވެސް ބިން ހިއްކާ ނުނިމެ އެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ދުވެލީގައި ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ބިން ހިއްކާ ނިމޭނެ ކަމަށް ބެލެވެ އެވެ.
Comment