about 1 hour 0
އަމަން ހަލީމް
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު: މި ފަޅުގެ ފުން ސަރަހައްދު ހިމަނައިގެން 169 ހެކްޓަރުގެ ބިން ހިއްކާ --- ފޮޓޯ: މުހައްމަދު މުއިއްޒު
about 1 hour 0
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގިރާވަރު ފަޅު އަންނަ މަހު ހިއްކާ ނިމޭނެ ކަމަށް މުއިއްޒު މި ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 25، ގައި އެ މަނިކުފާނު ދެއްވި ތާރީހު ހަމަވީތާ މަސް ދުވަސް ވާން ގާތްވެފައި ވަނިކޮށެވެ. އޭރު މުއިއްޒު ވިދާޅުވީ އެ ތާރިހުން ފެށިގެން ދޭއް ނޫނީ ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރު ފަޅުގެ ބިން ހިއްކާ ނިމޭނެ ކަމަށެވެ.
ބިން ހިއްކާ ނިމޭނެ ކަމަށް ވިދާޅުވެ މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، ޖޫން މަހު ގޯތިތައް ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ގިރާވަރު ފަޅުގެ އެންމެ ފަހުގެ ލޭންޑް ޔޫސް ޕްލޭނުގައި އޮތް ގޮތުން، އެ ތަނުން 4،072 ގޯތި ދޫކުރާނެ އެވެ. މިއީ ކުރިން އެ ތަނުން ދޫކޮށްފައި ހުރި 1،360 ގޯތި ގުޅީފަޅަށް ބަދަލު ކުރުމަށް ފަހު ކަނޑައެޅި އަދަދެކެވެ.
ކުރީ ސަރުކާރުން ކަނޑައެޅި ޕްލޭނުގެ ދަށުން ގިރާވަރު ފަޅުން 5،432 ގޯތި ދޫކުރި އެވެ. މިހެން ނަމަވެސް މި ސަރުކާރުން ވަނީ އެ ސަރުކާރުގެ ޕްލޭނުގައި ތޮއްޖެހުން ބޮޑު ކަމަށް ބުނެ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރަން ނިންމާފަ އެވެ. މުއިއްޒުގެ ސަރުކާރުން ގިރާވަރަށް އެކުލަވާލި ފުރަތަމަ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައެޅީ 3،462 ގޯއްޗެވެ. މި އަދަދަށް ގޯތި ބަދަލުކުރަން އުޅުނު ޕްލޭން ބަދަލުކުރަން ޖެހުނީ ގުޅީފަޅުގެ ފުން ސަރަހައްދު ނުހިއްކާ ގޮތަށް ނިންމުމަށް ފަހުގަ އެވެ. ގިރާވަރު ފަޅުން ދޫކުރާ ގޯތިތައް - 1250 އަކަފޫޓުގެ 2603 ގޯތި - 1650 އަކަފޫޓުގެ 1214 ގޯތި - 2050 އަކަފޫޓުގެ 254 ގޯތި - 2450 އަކަފޫޓުގެ 01 ގޯތި އެންމެ ފަހުން އާންމުކޮށްފައިވާ، އަދި މިހާރު ގުރުނަގާ ވެސް ނިމިފައިވާ، ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގިރާވަރު ފަޅުން ދޫކުރަނީ 4،072 ގޯއްޗެވެ. މި ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިވަނީ 60،000 މީހުންގެ އާބާދީއަކަށް ރަނގަޅު ފެންވަރެއްގައި ދިރިއުޅެވޭނެ ވަސީލަތްތައް ހިމަނައިގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ގިރާވަރު ފަޅުން ދޫކުރާ ގޯތިތަކުގެ އަދަދު މަދުކުރި ނަމަވެސް މި ސަރުކާރުން ވަނީ އެ ފަޅުގެ ފުން ސަރަހައްދު ހިމެނޭހެން ބިން ހިއްކާ ސަރަހައްދު 120 ހެކްޓަރުން 169 ހެކްޓަރަށް ބޮޑުކޮށްފަ އެވެ. މިހާރު ހިއްކަމުން ދަނީ އެ ފަޅުގެ ފުން ސަރަހައްދެވެ.
ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ބިން މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅެވެ.
މިހާރު މި ޕްރޮޖެކްޓު ހިންގަމުން އަންނަނީ އެމްއޭސީއެލްގެ ސަބްސިޑަރީ މެރިން އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) އިންނެވެ. މިއީ ބިން ހިއްކުމަށާއި އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތަށް އެ ކުންފުނިން އުފެއްދި ދެ ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގައި ބޮސްކާލިސްގެ ދެ ޑްރެޖަރެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އެއީ ބޮސްކާލިސްގެ އޮރާންޖޭ އާއި ކުވީން އޮފް ނެދަލެންޑްސް އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ބޭނުމުގައި ހިއްކަން ފެށި ތަންތަނުގެ ތެރެއިން މިހާތަނަށް ހިއްކާ ނުނިމޭ ހަމައެކަނި ތަނަކީ ގިރާވަރު ފަޅެވެ. ގިރާވަރު ހިއްކަން ފެށުމުގެ ކުރިން ސަރުކާރުން ވަނީ ހުޅުމާލޭ ފޭސް ތިނެއް ހިއްކާ ނިންމާފަ އެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ނިމިއްޖެ އެވެ.
Comment