Advertisement

ސަރުކާރުން ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އުޅެނީ ކައުންސިލްތަކުގެ އަތްފައި ބަނދެގެން: ނިޔާ

5 އޮގަސްޓު 2025 - 13:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަލީ ނިޔާޒް: ސަރުކާރުން ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އުޅެނީ ކައުންސިލްތަކުގެ އަތްފައި ބަނދެގެން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ސަރުކާރުން ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އުޅެނީ ކައުންސިލްތަކުގެ އަތްފައި ބަނދެގެން: ނިޔާ

5 އޮގަސްޓު 2025 - 13:46 0

ސަރުކާރުން ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އުޅެނީ ކައުންސިލްތަކުގެ އަތްފައި ބަނދެގެން ކަމަށް އިދިކޮޅު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް (ނިޔާ) މިއަދު ވިދާޅުވެއްޖެ އެވެ.

އެެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިޔާޒް ވިދާޅުވީ ސަރުކާރުން ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ކައުންސިލްތަކަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްގެން އަތްފައި ބަނުމަށްފަހު ވަޒީފާ ބަހައިގެން އިންތިހާބު ކާމިޔާބުކުރަން އުޅޭ ކަމަށެވެ.

"ސަރުކާރުގެ މިހާރުގެ ވެސް ވިސްނުމަކަށް މިއޮތީ ކައުންސިލްތައް ހުއްޓުވާފައި ކައުންސިލްތަކުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރާ ގޮތަށް ދެ އަތާއި ދެ ފައި ބަނދެފައި ސަރުކާރުން ރަށްރަށަށް އަރައި ވަޒީފާ ބަހައިގެން އިންތިހާބު ކާމިޔާބުކުރުން،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ކައުންސިލްތަކަށް އެކަނި ގެންނަން އުޅޭ އިސްލާހަކީ ރިޔާސީ އިންތިހާބަށް ވެސް ގެންނަ އިސްލާހެއްނަމަ އެކަން ގަބޫލުކުރާނެ ކަމަށާއި އެކަމަކު ސަރުކާރުން އިސްލާހު މިހާރު ގެނެސްގެން އުޅެނީ ވަކި މަގްސަދެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ޕީއެންސީން ދާދި ފަހުން ރަށްރަށަށް ކުރި ދަތުރުތަކުން އެގުނު އެއްޗަކީ ކައުންސިލްތައް ހުއްޓުވައިގެން ނޫން ގޮތަކަށް އެ ޕާޓީއަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ކަމަށާއި އެއީ ސަރުކާރުން އެއްވެސް މަސައްކަތެއް ރަށްރަށުގައި ނުކުރާތީ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"ދޮޅު އަހަރު ދުވަސް ވެގެންދާއިރުގައި ސަރުކާރުން ރަށްތަކުގެ މަސައްކަތެއް. އެހެންނަމަވެސް ކައުންސިލްތަކުން އެބޭފުޅުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް ދައުލަތުން ދޭ ފައިސާއިން ބާކީކޮށް އަދި އެހެންގޮތްގޮތަށް ހޯދޭ އާމްދަނީން ރަށްރަށުގައި މަސައްކަތްތަކެއް އެބަކުރޭ،" އޭނާ ވިދާޅުވި އެވެ.

ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެންނަ ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.

އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ބިލު އަނބުރާ ގެންދަން ކައުންސިލްތަކުން އަދި ކައުންސިލްތަކުގެ ޖަމިއްޔާއިން ވެސް ވަނީ ގޮވައިލާފަ އެވެ.