3 އޮގަސްޓު 2025 - 09:58 1
ލީވާން އަލީ ނާސިރު
މާލޭ އުތުރު ފަރާތުގެ ބަނދަރު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް: ފޮޓޯ: އެމްޕީއެލް
3 އޮގަސްޓު 2025 - 09:58 1
މަސް ދޯނިތަކަށް ހާއްސަކޮށްފައިވާ ބަނދަރު ހިމެނޭ ގޮތަށް މާލޭގެ މުޅި އުތުރު ބަނދަރު އެމްޕީއެލްއިން ބަލަހައްޓާ ގޮތަށް ބަދަލުކޮށް އެކުލަވާލި އާ އުސޫލަށް އަމަލު ކުރަން ފެށުމުން، މަސް ދޯނިފަހަރު މިހާރު ބާއްވާ ގޮތަށް ބަނދަރުކޮށްފައި ބޭއްވުން މަނާވެއްޖެ އެވެ.
އެމްޕީއެލްއިން ކުރިން ބަލަހައްޓަމުން ގެންދިޔައީ މާލޭ އުތުރު ފަރާތުގެ ބަނދަރުގެ، އެމްޕީއެލްއާ ވީ ފަޅި އެވެ. ނަމަވެސް މި އޮގަސްޓު 1, އިން ފެށިގެން އެމްޕީއެލްއާ ހަމައިން ފެށިގެން މަސް މާރުކޭޓާ ހަމައަށް މުޅި ބަނދަރު ބެލެހެއްޓުން ސިޓީ ކައުންސިލުން އަތުލައި، އެމްޕީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ ކުންފުނިން އިން ބުނީ މުދާ އުފުލާ ބޯޓުފަހަރާއި މަސް ދޯނިފަހަރު މާލޭގެ އުތުރު ފަރާތުގެ ބަނދަރަށް ވަނުމާއި ބަނދަރުގެ ހިދުމަތްތައް ބޭނުން ކުރަން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. ސެޕްޓެމްބަރު 1، އިން ފެށިގެން ބަނދަރުގެ ހިދުމަތްތައް ދޭނީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަށެވެ. ބޯޓު ފަހަރުން ހޯދާ ހިދުމަތްތަކަށް ފީ ދައްކަން ޖެހޭނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.
މާލޭގެ މުޅި އުތުރު ބަނދަރު އެމްޕީއެލްއަށް ލިބުމުން އެތަން ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން މަސް ދޯނި ފަހަރަށް ވެސް އިތުރު ޖާގަ ލިބި، ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވި އެވެ.
"މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އަރުވަން،" އެމްޕީއެލްގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ރިޝްވާން ވިދާޅުވެފައިވެ އެވެ.
އުތުރު ބަނދަރު ބޭނުންކުރުމަށް ފީ ދައްކާ ގޮތަށް ނިންމާފައި އޮތަސް، މަސް ދޯނިތަކުން ފީ ނުނަގާނެ ކަމަށް އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ނޯތު ހާބަރު ސެކްޝަނުން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.
ނަމަވެސް އާ އުސޫލާއެކު، މިހާރު ބަނދަރުކޮށްފައި ބާއްވާ އުސޫލުން މަސް ދޯނިފަހަރަށް ގިނަ ދުވަސްތަކެއް ވަންދެއް މަސް މާރުކޭޓުގެ ކުރިމަތީގައި އަޅާފައި ނުބޭއްވޭނެ ކަމަށެވެ. މަސް މާރުކޭޓު ސަރަހައްދުގައި މިހާރު އަޅާފައި އޮންނަ ކުދި ދޯނި ފަހަރު ވެސް ރަޖިސްޓްރީ ނުކޮށް ދެން އެ ސަރަހައްދުގައި ނުބޭއްވޭނެ އެވެ.
މަސް ބާނައިގެން އަންނަ ދޯނި ފަހަރު ވެސް ބަނދަރުގައި އަޅާފައި ބޭއްވޭނީ އެމްޕީއެލްއިން ކަނޑައަޅައި ދީފައިވާ ވަކި ވަގުތަކަށެވެ. އެ ވަގުތު ހަމަވުމުން ބަނދަރުން ބޭރުކުރަން ޖެހޭނެ އެވެ.
"މިހާރު ވެސް ނޯތު ހާބަރު ބޭނުން ކުރަނީ ވަކި ވަގުތުތަކެއް ބޯޓު ފަހަރަށް ދީގެން. އެ އުސޫލު އޮންނާނީ މުޅި ބަނދަރަށް ވެސް،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މުދާ އުފުލާ ބޯޓުފަހަރާއި މަސް ދޯނި އެމްޕީއެލްގައި ރަޖިސްޓްރީކުރުމަށް، ދޯނީގެ ރަޖިސްޓްރީ އާއި ސަލާމަތީ ސެޓްފިކެޓާއި ދޯނި/ބޯޓުގެ ފޮޓޯތަކާއި، ކެޕްޕަން/ކެޔޮޅުގެ ލައިސަންސްގެ ކޮޕީ އެމްޕީއެލްއަށް ފޮނުވަން ޖެހެ އެވެ.
ރަޖިސްޓްރީ ކުރުމަށް ނުވަތަ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ މާލެ ނޯތު ހާބަރު އޮޕަރޭޝަންގެ ނަންބަރު 3006545 އާ އެވެ.
Comment