31 ޖުލައި 2025 - 13:42 2
ސާއިފް ޝިޔާދު
މި މައްސަލާގައި ދައުވާ އުފުލި ޖަޔަލަތު ކޮޑިއަޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ ކޯޓަށް ހާޒިރު ކުރުމަށް ފަހު ކަރެކްޝަންސްގެ ވޭނަށް އަރުވަނީ. އޭނާގެ މައްޗަށް ކުށް ސާބިތު ނުވެ ވަނީ މިނިވަންވެފައި
31 ޖުލައި 2025 - 13:42 2
ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއަޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42، ގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުމްކޮށްފި އެވެ.
އެ މާރާމާރީގައި މަރުވީ ހަމަ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި، 24، އެވެ. މި ހާދިސާ ހިނގީ މީގެ ހަ އަހަރު ކުރިން ޖެނުއަރީ 10، 2019، ގަ އެވެ. ތަހުގީގުގައި ޖަޔަލަތު ޕެރޭރާ އިއުތިރާފްވި ނަމަވެސް އޭނާ ވަނީ ޝަރީއަތުގައި އެ ދައުވާއަށް އިންކާރުކޮށް، ކައްކާ މަރާލުމަށް ގަސްތުގައި އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ.
އޭނާގެ މައްޗަށް ކުރި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅީ ކުށުގު އުންސުރުތައް ހަމަނުވުމުންނެވެ. އެއީ މެރުމުގެ ގަސްދު އޮވެގެން ކައްކާ މަރާލުމުގެ އަމަލު ހިންގި ކަމަށް ސާބިތު ކުރެވޭނެ މިންވަރަށް ޝަރީއަތަށް ހެކި ހުށަހެޅިފައި ނުވާތީ އެވެ.
މި މައްސަލައިގައި އެ މަންޒަރު ލޮލަަށް ފެނުނު ހެކީން ޝަރީއަތަށް ހާޒިރުކޮށް ހެކި ބަސް ނެގިފައެއް ނުވެ އެވެ. އެއީ ޝަރީއަތް ދިގުލައިގެން ދިޔުމުގެ ސަބަބުން އެ ހެކީން ރާއްޖެ ދޫކޮށް ދިޔުމުންނެވެ. އެއީ އެއްލައިދޫގައި މަސައްކަތްކުރި ލަންކާގެ ހަ މީހެކެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ހެކިންގެ ހެކިބަސް ނަގަން ކޯޓުން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. އޭގެ އިތުރުން، އެ ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް ދައުލަތުން ކޯޓަށް ހުށަހެޅިއިރި، ދައުވާ ފޯމުގެ ޖަދުވަލު ދޭއްގައި ބަޔާންކޮށްފައިވާ ހެކިތައް ހުށަހަޅާފައި ނުވާކަން ކޯޓު ހުކުމުން އެނގެ އެވެ.
"ދައުވާ ލިބޭ މީހާގެ އިއުތިރާފް އެއްފަރާތްކުރާ ހާލަތުގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށުގެ އުންސުރުތައް ސާބިތު ކުރެވޭނެ އެހެން ހެއްކެއް ނެތް،" ނިޔާ ކަނޑައަޅުއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާން ލިޔުއްވި އެވެ.
ދައުލަތުން ކޯޓަށް ހުށަހެޅީ ޖަޔަލަތު ޕެރޭރާ ފުލުހުންގެ ތަހުގީގަށް ދީފައިވާ އިއުތިރާފް ބަޔާނާއި އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ މުއްދަތު މަޖިލީހަށް އޭނާ ދިން ބަޔާނެވެ.
އޭގެ ތެރެއިން މަހިބަދޫ ކޯޓަށް އޭނާ ދިން އިއުތިރާފް ބަޔާނަކީ އިޖުރާއަތާ އެއްގޮތަށް ނަގާފައިވާ ބަޔާނެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުން އެނގެ އެވެ. އޭނާ ތަމްސީލުކުރަން ވަކީލެއް ވެސް ބައިވެރިނުވާ ކަމަށާއި އެ މަޖިލީހުގައި އޭނާ ދެއްކި ވާހަކަ ތަރުޖަމާކޮށްފައި ވަނީ ފުރިހަމައަށް ނޫން ކަމަށްވާތީ އެ ހެއްކަށް ބުރަދަން ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ޖަޔަލަތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނަނީ، ހާދިސާ ހިނގި ރޭ 21:30 ހާއިރު، މަރުވި ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ. އެ ޒުވާބުގެ ތެރެއިން، ރައިސް ކުކަރުގައި އޮތް ދޭފަތެއް ޕަތުމް ދިލްޝަން ނަގައި، ޖަޔަލަތުއާ ދިމާލަށް ދިޔުމުން، އަތުޖެހޭ ހިސާބުގައި އޮތް ހައެއްކަ އިންޗީގެ ވަޅިއެއް އޭނާ ނަގައި، ދިލްޝަންގެ ކަރުން ތިރިން މޭމައްޗަށް ހަރައިލި ކަމަށެވެ.
ޕަތުމް ދިލްޝަން މަރުވީ އެ ހަމަލާގައި ލިބުނު ޒަހަމަށް ފަރުވާދެމުން ގެންދަނިކޮށް ހަމަ އެ ރޭ އެއްލައިދޫ ރިސޯޓުގެ ކުލިނިކުގެ ތެރޭގައި ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. އޭނާ މަރުވީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައި ކަމަށް ދައުލަތުން ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment