Advertisement

ސިނގިރޭޓު މައްސަލަ: އަމަލީ ގޮތުން ބައިވެރިކަމުގެ ހެކި ނެތުމުން ބައެއް މީހުން ބަންދުން ދޫކޮށްލައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް -- ފޮޓޯ: ސޯޝަލްމީޑިއާ


ސިނގިރޭޓު މައްސަލަ: އަމަލީ ގޮތުން ބައިވެރިކަމުގެ ހެކި ނެތުމުން ބައެއް މީހުން ބަންދުން ދޫކޮށްލައިފި

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން އެކަމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެއްކެއް ނެތުމުން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިއަދު ބަންދުން ދޫކޮށްލާފައި ވަނީ މުހައްމަދު ވަހީދު، ދިގަލި، ބ. އޭދުފުށި އާއި އަހުމަދު އާރިފް، މއ. އެވާގްލޯރީ ގެ އިތުރުން ހަސަން އަބްދުއްރަހުމާން، ލިންކް، ކ. ތުލުސްދޫ އެވެ. އޭގެތެރެއިން ހަސަން އަބްދުއްރަހްމާން އަކީ ކޮންޓޭނަރު ވަގަށް ނަގައިގެން ގެންދިޔަ ކަމަށް ބުނާ ތިލަފުށީ ސައިޓާ ހަވާލުވެހުރި މީހާ އެވެ.

އެ ތިން މީހުން ވެސް ބަންދުން ދޫކޮށްލާފައި ވަނީ ޕީޖީ އޮފީހުން އެދިގެންނެވެ. އެ މީހުން ދޫކޮށްލީ ޝަރުތުކުރުމަށްފަހު އެވެ.

"...[އެ ތިން މީހުން] ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މި އޮފީހުން އެދުނު ގޮތަށް އެ މީހުންގެ ބަންދާމެދު ކޯޓުން ގޮތް ނިންމާފައިވޭ،" އެކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ވަހީދު އާއި އާރިފްގެ މައްޗަށް ތުހުމަތު ކުރެވެނީ ސިނގިރޭޓު ވައްކަން ރޭވުން ކަމަށެވެ. ނަމަވެސް، އެކަމުގައި އަމަލީގޮތުން އެ މީހުން ބައިވެރިވެފައިވާކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި، މިއަދު ދޫކޮށްލި ހަސަން ވެސް އެ ވައްކަމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މި ވަގުތު ބަންދުގައި ތިބީ ހަތް މީހުންނެވެ. އެއީ:

  • ޒިވާރު އިސްމާއިލް، މެދުރީގެ، ހއ. ވައިކަރަދޫ
  • އަހުމަދު ޝަހީމް، ނޫރަލީގެ، ހއ. ވައިކަރަދޫ
  • އަހުމަދު ފިރުސާން، ހ. ރުމޭނިޔާ، ކ. މާލެ
  • ހުސައިން ސާމިހު، ޗާނދަނީގެ، ސ. ހިތަދޫ
  • އާދަމް ވަހީދު، ކެނެރީގެ، ނ. މިލަދޫ
  • މުހައްމަދު އަލަމިން މިއާ، ބަންގްލަދޭޝް
  • މުއާޒު އަލީ، ހ. ނިއުހެޕިނެސް

އޭގެތެރެއިން ސާމިހު އާއި ޝަހީމްގެ އިތުރުން ޒިވާރުއަކީ ކަސްޓަމްސްގެ މުވައްޒަފުންނެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރުމާއެކު، ޒިވާރު ވަނީ ކަސްޓަމްސްގެ ވަޒީފާއިން ވަކިކޮށްފަ އެވެ.

މުއާޒު އަލީއަކީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މީހެކެވެ. މިފްކޯއިން ވަނީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ. އެ މަގާމުން އޭނާ ސަސްޕެންޑު ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.

ދެން އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އާދަމް ވަހީދުއަކީ ކޮންޓޭނަރު އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ދޯނީގެ ކެޕްޓަނެވެ.

ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ތިން މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.