43 minutes 0
ލީވާން އަލީ ނާސިރު
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް
43 minutes 0
ހެކިވެރިން ހެކިބަސް ދިނުމަށް ފަސް ޖެހެމުންދާ ކަމަށާއި މިހާރަށްވުރެ ބޮޑަށް ހެކިވެރިންނަށް ރައްކާތެރިކަން ކަށަވަރުވާން ޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވެއްޖެ އެވެ.
ގދ. ފަރެސްާތޮޑާ، ކޮކާ، އިބްރާހިމް އާގިލްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތުގެ މައްޗަށް އިއްވި މަރުގެ ހުކުމުގައި އަލީ އާދަމް ވިދާޅުވީ ހެކިންގެ ސަލާމަތާ ރައްކާތެރިކަން އޮތް މިންވަރު މިހާރަށްވުރެ ބޮޑަށް ތަހުގީގީ އިދާރާތަކުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
"މިފަދަ މައްސަލަތަކުގައި ހެކިންނަށް ފުރިހަމަ ސަލާމަތާ ރައްކާތެރިކަން އޮތް މިންވަރު މިހާރަށްވުރެ ބޮޑަށް ހެކިމީހާއަށް ކަށަވަރުކޮށްދެވޭ މިންވަރު ތަހްގީގީ އިދާރާތަކާއި ކަމާގުޅުންހުރި މުއައްސަސާތަކުން ކަންކަން ހަމަޖައްސައިދޭންޖެހޭ،" ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ދައުލަތުން ހަމްދޫން ހަމްޒަތުގެ މައްސަލައިގައި ސިއްރު ހެކިންގެ ގޮތުގައި ގިނަ ބަޔަކު ހުށަހެޅި ނަމަވެސް، އެ ހެކިން ހާޒިރު ކުރުމަށް ގިނަ ދަތިތައް ކުރިމަތިވި ކަމަށެވެ.
އެގޮތުން އެންމެ ފަހުން އެ މައްސަލައިގައި ސިއްރު ހެކިންނަށް ޗިޓު ފޮނުވަން ދައުލަތުން އެދުުނު ކަމަށާއި އެގޮތަށް އަމަލުކޮށްފިނަމަ ސިއްރު ހެކިންގެ ސިއްރުވެރިކަން ގެއްލިދާނެ ކަމަށް ކޯޓުން ބުނި ކަމަށް ގާޒީ ވިދާޅުވި އެވެ.
ނަމަވެސް ދައުލަތުން އެގޮތަށް ތަކުރާރުކޮށް އެދުމުން ސިއްރު ހެކިން ކޯޓަށް ހާޒިރުކުރަން ޖެހުނީ ކޯޓުން ޗިޓު ފޮނުވައިގެންކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ ޗިޓު ފޮނުވައިގެން ވެސް ހެކިން ކޯޓުގައި ހެކިބަސް ދިނުމަށް ދިޔައީ ފަސް ޖެހެމުން ކަމަށެވެ.
ގާޒީ ވިދާޅުވީ ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކަށް އެ ސިއްރުވެރިކަން ހިފެހެއްޓޭނެ ގޮތަށް މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި އޮތުން ވެސް މުހިންމު ކަމަށެވެ.
"ތުހުމަތު ކުރެވޭ ފަރާތް ޖަލުގައި ހުރުމަކީ ހެކިންގެ އޮތް ރައްކާތެރިކަން ކަށަވަރުވެގެންދާ ކަމެއް ނޫން. ސިއްރުހެކިންގެ ގޮތުގައި ހެކިން ހުށަހަޅާއިރު، އެ ސިއްރުވެރިކަން ހިފެހެއްޓޭނެ، މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި އޮންނާންޖެހޭ. ހެކިންނަށް ރައްކާތެރިކަން ކަށަވަރުވާންޖެހޭ،" ގާޒީ ވިދާޅުވި އެވެ.
އޭގެއިތުރުން މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލާތުކުރާ ވަކީލުން އެކި ގޮތްގޮތަށް ހެކިންނަށް ބިރު ދައްކާކަން އެނގޭއިރު، އެއީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
Comment