Advertisement

ސަލާމަތީ ފިޔަވަޅުތައް އެޅިޔަސް ފައިމަގުގައި އިސްލާމީ މަރުކަޒަށް ނަމާދަށް އެރުމަށް މިއަދު އެއްވެސް ހުރަހެއް ނޯންނާނެ: އެމްއެންޑީއެފް

26 ޖުލައި 2025 - 13:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގާޑްއޮފް އޮނާ ދޭން ތައްޔާރުވެފައި -- ފޮޓޯ: ރައީސް އޮފީސް


ސަލާމަތީ ފިޔަވަޅުތައް އެޅިޔަސް ފައިމަގުގައި އިސްލާމީ މަރުކަޒަށް ނަމާދަށް އެރުމަށް މިއަދު އެއްވެސް ހުރަހެއް ނޯންނާނެ: އެމްއެންޑީއެފް

26 ޖުލައި 2025 - 13:18 0

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން ޖުމްހޫރީ މައިދާން ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް މެންދުރުފަހުން ފެށިގެން ވަރުގަދަ ކުރި ނަމަވެސް ފައިމަގުގައި އިސްލާމީ މަރުކަޒަށް ގޮސް ނަމާދު ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން މިއަދު މެންދުރުފަހު 1:00 އިން ފެށިގެން އެ ހަރަކާތް ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދަށް އާންމު އުޅަނދުފަހަރުގައި ވަދެ ނުކުމެ އުޅުން މަނާވާނެ ކަމަށެވެ.

"އެ ސަރަހައްދަށް އާންމު އުޅަނދުފަހަރު ވަދެނުކުތުމުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން. ނަމަވެސް އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެ ސަރަހައްދުގައި ހިންގަވާފައި އުޅުއްވުމުގައި އެއްވެސް ބޭފުޅަކަށް އެއްވެސް ވަގުތެއްގައި ހުރަހެއް ނޯންނާނެކަމުގައި ދަންނަވަން،" އެމްއެންޑީއެފްގެ ބަޔާނުގައި ބުންޏެވެ.

އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތަކާ ގުޅިގެން ޓްރެފިކަށް އުނދަގޫވެދާނެތީ މިސްކިތަށް ދާ މީހުންގެ އުޅަނދުތައް ގްރީން ޒޯނުން ބޭރުގައި ޕާކު ކުރުމަށް އެމްއެންޑީއެފްގެ ބަޔާނުގައި އެދިފައިވެ އެވެ.

އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް ފައިމަގުގައި އިސްލާމީ މަރުކަޒަށް ގޮސް ނަމާދުކުރުމަށް އެއްވެސް ހުރަހެއް މިއަދު ނޯންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފައި މިވަނީ، އިއްޔެ އަސުރު ނަމާދަށް އިސްލާމީ މަރުކަޒަށް އެރުން މަނާކުރުމުން އާންމުންގެ ފާޑުކިޔުން އިންތިހާއަށް އަމާޒުވެފައި ވަނިކޮށެވެ.

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދެއް އިއްޔެ ފުލުހުން އޮތީ ބަންދުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން 5000 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒުގައި އަސްރު ނަމާދަށް ބަންގި ގޮވިއިރު އިމާމު ފިޔަވައި ހުރީ އެންމެ މީހެކެވެ.

"އަސުރަށް ބަންގި ގޮވައިފިން، މިސްކިތުގައި އެންމެ މީހަކު. ދެރަ ދޯ؟،" އިމާމު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒުން ފެށިގެން، ބޮޑުތަކުރުފާނު މަގު ބީއެމްއެލް އާއި މުލީއާގެއާ ހަމައަށް އިއްޔެ އިރުއޮއްސި 6:00 ވަންދެން އެއްވެސް މީހަކަށް ވަދެ ނުކުތުން އޮތީ މަނާކޮށްފަ އެވެ.