24 ޖުލައި 2025 - 20:42 0
މުހައްމަދު ޝަހްޒާން
އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އަދަދުއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
24 ޖުލައި 2025 - 20:42 0
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި އިންޑިއާ އާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން އެމަނިކުފާނު ގަބޫލު ކުރެއްވި ވާހަކަ ކަމަށް އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
އަދަދު އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހަމަޖެއްސުމަށް މޯދީއަށް ދައުވަތު ދެއްވުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހު އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރަށް އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސް ޑރ. މުއިއްޒު ދައުވަތު އެ ދެއްވީ އިއްތިފާގަކުން ނޫން. އެ ދެއްވި ދައުވަތުން އެ ވިދާޅުވަނީ ރާއްޖޭގެ ރައްޔިތުންގެ ގާތުގައި ވިދާޅު އެ ވަނީ ތިމަންމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން އެ ދެއްކެވި ވާހަކަތަކާއި އުޅުއްވުނު ގޮތަކީ އެއީ ގޯސް ގޮތްތަކެކޭ، ގޯސް ވާހަކަތަކެކޭ،" ޝާހިދު ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ވަޑައިގަންނަވާނީ ޖުލައި 25، ގަ އެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޖުލައި 26، ގައި މޯދީ ރާއްޖެއިން ފުރާވަޑައިގަންނަވާނެ އެވެ.
މޯދީއަކީ މި ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ އެންމެ ފުރަތަމަ ހެޑް އޮފް ސްޓޭޓް އެވެ. އަދި މިއީ ދިވެހިރާއްޖެއަށް މޯދީ ކުރައްވާ ތިން ވަނަ ޒިޔާރަތެވެ.
އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ނަމުގައި ކުރެއްވެވި ކެމްޕެއިނަކަށް ފަހު އެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއާއެކު ވަރަށް ގުޅުން ބަދަހި ކުރެއްވި އެވެ.
ޖެނުއަރީ 13، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު ހުޅުލޭގައި ހުންނަވައި، އިންޑިއާގެ ނަން ވިދާޅުވުނުވެ ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެއް ކަމަށެވެ. "ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ."
އިންޑިއާއިން ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުނު ކަމަށް ވެސް ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.
އެގޮތަށް ވާހަކަދެއްކެވުމަށްފަހު ވެސް މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގެ ޝަރަފުވެރި މެހެމާނަކަށް ހަމަޖެއްސުމަށް މޯދީއަށް ދައުވަތު ދެއްވުމުން އެނގެނީ އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ބިރުވެރިކަމެއް ކަމަށް މުއިއްޒު ވެސް ގަބޫލު ނުކުރައްވާކަން ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަދި އެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެއްވަމުން، މުއިއްޒު އެ އެދިވަޑައިގަންނަވަނީ އެމަނިކުފާނު އަމިއްލަފުޅަށް ދެއްކެވި ވާހަކަތަކަށާއި އުޅުއްވި ގޮތަށް ރައްޔިތުންގެ ކިބައިން މައާފަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"[އެކަމުން ދޭހަ ވަނީ] މިނިވަންކަމުގެ އިހުތިފާލު ކުރެވޭއިރު، އެ މިނިވަންކަމުގެ އިހުތިފާލުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އަޅުގަނޑުމެންގެ އެންމެ ގާތް އެންމެ އެކުވެރި އެންމެ އަވައްޓެރި ގައުމުގެ ބޮޑުވަޒީރު ގެންނަވައި ބޭންދުމަކުން ދިވެހި ދިދަ، ފެއްސާއި ރަތާއި ހުދުގެ ދިވެހި ދިދައިގެ މިނިވަންކަމަކަށް އެއްވެސް އަސަރެއް ނުކުރެޔޭ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިނިވަންކަމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދިނުމުގެ ލިބޭ އެންމެ މުހިންމު މެސެޖަކީ އެއީ ކަމަށެވެ.
Comment