23 ޖުލައި 2025 - 14:17 1
ލީވާން އަލީ ނާސިރު
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ: ދައުލަތުން ބިލުތަކަށް ފައިސާ ނުދައްކާތީ ވިޔަފާރިތައް ދަނީ ފުނޑެމުން ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
23 ޖުލައި 2025 - 14:17 1
ދައުލަތަށް ހުށަހަޅާ ބިލުތަކަށް ފައިސާ ނުދައްކާތީ އަމިއްލަ ވިޔަފާރިތައް ފުނޑެމުންދާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ވިޔަފާރިތަކަށް ވުރެ، ރަށްރަށުގެ ވިޔަފާރިތަކަށް ފެނާއި ކަރަންޓު އަގު ބޮޑު މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ މިހާރު ކަންކަން ގޮސްފައި އޮތް ހިސާބަށް ބަލާއިރު ވިޔަފާރިތައް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށެވެ.
ސަރުކާރާއި އިދިކޮޅު ވެސް ގުޅިގެން ވިޔަފާރިތައް ފުނޑެމުންދާ މައްސަލައަށް ހައްލު ގެންނަން މަސައްކަތް ކުރަން ސައުދުﷲ ގޮވައިލެއްވި އެވެ.
"އިއްޒަތްތެރި ރައީސް ބިލުތަކަށް ފައިސާ ވިޔަފާރިވެރިން ވިޔަސް ކޮންޓްރެކްޓަރުން ވިޔަސް، އެ ހުށަހަޅާ ބިލަށް ދައުލަތުން ދޭން ޖެހޭ ފައިސާ ލިބުން ލަސްވުމަކީ އެ ވިޔަފާރިއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާ ކަމެއް. ތަކުރާރުކޮށް އަޅުގަނޑު ދަންނަވަން ޖެހޭ އެކަން އެގޮތަށްވީކީ މި ސަރުކާރަކުންނެއް ނޫން. އާދެ، އެހެންވީމާ އެތައް ސަބަބުތަކާ ހުރެ އެކަން އެގޮތަށް ދިމާވުމުން ވިޔަފާރިތައް ހަލާކުވެގެންދަނީ،" ސައުދުﷲ ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް ވިޔަފާރިތައް މިހާރު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. މިކަމުގައި އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑުމެންގެ އިދިކޮޅު ޕާޓީތަކާއި އަދި ސަރުކާރާ ގުޅިގެން ހައްލުތަކެއް ހޯދަން އެބަޖެހޭ. ގައުމެއްގައި އަމިއްލަ ވިޔަފާރިތައް ފުނޑިއްޖެއްޔާމުން އެ ގައުމެއް ދެމިއޮތުމަށް ވަރަށް ހަނި ފުރުސަތެއް އޮންނާނީ."
ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ކޮމާޝަލް ރޭޓުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަަރަންޓާއި ފެނުގެ ހިދުމަތަށް ކުރަންޖެހޭ ހޭދަ ބޮޑުވާ މައްސަލައިގައި އެމްޑީޕީން ހުށަހެޅި ގަރާރަށް ތާއީދުކުރައްވާ ސައުދުﷲ ވިދާޅުވީ ވިޔަފާރިތަކަށް ހަމަހަމަ ފުރުސަތުތައް ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިގޮތުން އޭނާ ވިދާޅުވީ މާލޭގައި ވިޔަފާރި ކުރިއަސް އަތޮޅު ތެރޭގައި ވިޔަފާރި ކުރިއަސް ދައްކަން ޖެހޭ ޓެކްސްއަށް ބަދަލެއް ނާންނަ ކަމަށާއި އެހެންކަމުން ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުގައި ވެސް ތަފާތެއް އޮވެގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ތާއީދުކުރާ ސަބަބަކަށްވަނީ ކޮންމެ ބަޔަކު ކޮންމެ ތަނެއްގައި ތިއްބެވި ކަމަށްވިޔަސް ވިޔަފާރި ކުރި ކަމުގައި ވިޔަސްވެސް އެމީހުންނަށް ހަމަހަމަ ފުރުސަތެއް ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަމަށްވެއްޖެއްޔާމުން އަޅުގަނޑުމެންގެ އިއްްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް މިކަން ފާހަގަކުރެވިއްޖެއްޔާ މިކަމަށް ހައްލެއް ގެނެސްދެއްވާނެ،" ސައުދުﷲ ވިދާޅުވި އެވެ.
"ސަބަބަކަށްވަނީ މާލޭގައި ވިޔަފާރި ކުރިއަސް އަތޮޅު ތެރޭގައި ވިޔަފާރި ކުރިއަސް ދައްކަން ޖެހޭ ޓެކްސްއަކަށް ބަދަލެއް ނާދޭ. ކޮންމެ ވިޔަފާރިއަކުން ދައްކަން ޖެހޭ އަށް ޕަސަންޓް. ޖީއެސްޓީ އަދި އެހެނިހެން ޓެކްސްތަކުގައި ވެސް ތަފާތެއް ނެތް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެއްޔާމުން ދައުލަތުން އެ ފޯރުކޮށްދޭން ޖެހޭ ކަންކަން ވެސް ހަމަހަމަވާންޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ."
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment