17 ފެބުރުވަރީ 2026 - 10:52 0
ސާއިފް ޝިޔާދު
މެންބަރު ޝަމްހީދު، ސަރުކާރުން އަދިވެސް ކުންފުނިތަކަށް ފައިސާ ނުދައްކާ ކަމަށް ވިދާޅުވި --- ފޮޓޯ: މަޖިލިސް އިދާރާ
17 ފެބުރުވަރީ 2026 - 10:52 0
މި ހިނގަމުންދާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލި ސަރުކާރު ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވާ ޝަމްހީދު އެ ބިލުގައި ހުރި ބައެއް މާއްދާތަކަކީ ހީލަތްތެރި ބޭނުމެއްގައި ހިމަނާފައިވާ މާއްދާތަކެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"މި ސަރުކާރަކީ ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލި ސަރުކާރު. މިކަމަށް ދެބަސްވާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ. މިއީ ރޭވިގެން ކުރާ ކަމެއް،" ޝަމްހީދު ވިދާޅުވި އެވެ.
ސަރުކާރުން އާންމުން ކުރާ ވިޔަފާރިތަކަށް ވަންނަމުންދާތީ ޝަމްހީދު ފާޑުވިދާޅުވި އެވެ. އެގޮތުން، ޓެކްސީ ކުރުމާއި، ލޮޖިސްޓިކްސް ވިޔަފާރި އާއި އައިނު ހެދުން ފަދަ ވިޔަފާރިތަކަށް ސަރުކާރުން ވަންނަނީ ވިޔަފާރިތައް ފުނޑާލުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ކަބަޑު ޖަހަނީ ޗައިނާއިން. މިފަދަ ކަންކަމަކީ ކުދި ވިޔަފާރިތަކުން ކުރަމުން އައި ކަންކަން ރަށްރަށުގައި. މިއަދު ސަރުކާރުގެ އެސްއޯއީތައް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް ދީގެން މިކަންކަން ކުރަނީ. ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް ދިވެހި ވިޔަފާރިތަކަށް މި ސަރުކާރުން ދޭ އަނިޔާ ހުއްޓާލަން ޖެހޭ،" ޝަމްހީދު ގޮވާލެއްވި އެވެ.
މިއަދާ ހަމައަށް ވެސް 15 ބިލިއަނެއްހާ ރުފިޔާ ކުންފުނިތަކަށް ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ނުދީ އިތުރު ވައުދު މުއިއްޒު ވަމުންދާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދަރާފައިވާ ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. ޕެންޝަން އޮފީސް ބޭނުންކޮށްގެން ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ވެސް އެ ބިލުތަކަށް ފައިސާ ދެއްކުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ސަރުކާރުން ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ ދައްކައި ހަލާސް ކުރަން ރައީސް މުހައްމަދު މުއިއްޒު ވަނީ ތަފާތު އެތައް ތާރީހެއް ދެއްވައިފަ އެވެ. ނޮވެމްބަރު، 2023، ގައި ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ވިޔަފާރިވެރިންގެ ބިލުތައް ސެޓްލް ކުރުމުގެ ވާހަކަ އެމަނިކުފާނު ދެއްވި އެވެ. އެންމެ ފަހުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ބިލުތަކަށް ފައިސާ ދައްކައި ނިންމަވާނެ ކަމަށެވެ.
Comment