16 ފެބުރުވަރީ 2026 - 11:20 0
ހަސަން މުހައްމަދު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު މިދިޔަ ޑިސެމްބަރު މަހު މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ: ވިޔަފާރިތަކުން ބުނަނީ އަތްމަތި ދަތިވެ، ވިޔަފާރި ބަނގުރޫޓުވުމާ ހަމައަށް ކަންކަން ގޮސްފައިވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
16 ފެބުރުވަރީ 2026 - 11:20 0
ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ހޯދަން ފޮނުވާ އިންވޮއިސްތަކަށް ފައިސާ ނުލިބެނީސް އެ ބިލުތަކަށް ޖީއެސްޓީ ދައްކަންޖެހޭތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއްވެ، ބައެއް ވިޔަފާރިތައް ބަނގުރޫޓުވާނެ ކަމަށް ބެލެވިއްޖެ އެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދަރާފައިވާ ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. ޕެންޝަން އޮފީސް ބޭނުންކޮށްގެން ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ވެސް އެ ބިލުތަކަށް ފައިސާ ދެއްކުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ސަރުކާރުން ފަހުން ފައިސާ ދައްކާ ގޮތަށް ބައެއް ވިޔަފާރިތަކުން ވަނީ އެތައް މިލިއަން ރުފިޔާއެއްގެ މަސައްކަތް ކޮށްދީފަ އެވެ. އެ މަސައްކަތްތަކަށް އަގު ލިބެނީ އިންވޮއިސްއެއް ފޮނުވައިގެންނެވެ. އެ އިންވޮއިސް ފޮނުވާ ކުއާޓަރުގައި އެ ބިލަށްވާ ޖީއެސްޓީ ވިޔަފާރިވެރިޔާ ދައްކަންޖެހެ އެވެ. ޖީއެސްޓީ ދައްކަން މަޖުބޫރުކޮށްފައި އޮންނަނީ އިންވޮއިސްއަށް ފައިސާ ލިބުނަސް ނުވަތަ ފައިސާ ނުލިބުނު ވަރިހަމަކޮށްފަ އެވެ.
"އަހަރުމެން މަސައްކަތްކޮށްދީފައި ހުންނާނީ އިންސްޓޯލްމަންޓަށް ބަހާލައިގެން [ސަރުކާރުން] ފައިސާ ދައްކަންޖެހޭ ގޮތަށް. އެ ފަސޭހަ ގޮތަކަށް ހަމަޖައްސައިދިނީމާ ވެސް މިހާރު ދެ އަހަރު ވަނީ އެންމެ އިންސްޓޯލްމަންޓަކަށް ވެސް ފައިސާ ނުދައްކާތާ،" ކުރިމަތިވެދާނެ ގެއްލުމަކަށްޓަކައި ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް މެދު ފަންތީގެ ވިޔަފާރިވެރިއަކު ބުންޏެވެ.
މި ނޫހުން ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ، ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބޭތީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައި، މުވައްޒަފުންނަށް މުސާރަ ނުދެވި، ކުއްޔަށް ހިފާފައި ހުންނަ ތަންތަނުގެ ކުލި ނުދެއްކި، ސަރުކާރުގެ އިދާރާތަކަށް ދައްކަންޖެހޭ ޖޫރިމަނާތައް ފުނިޖެހެމުންދާ ކަމަށެވެ.
"މި ދާގޮތަށް މާ ގިނަ ދުވަހަކު [ވިޔަފާރިއެއް] ނުހިފެހެއްޓޭނެ. އަހަރުމެން އެކަންޏެއް ނޫން، ރާއްޖޭގެ ވަރަށް ބައިވަރު ވިޔަފާރިވެރިން ތިބީ މި ހާލަތުގައި. ހާދަ ގެއްލުމެކޭ މި ވަނީ،" ގިނަ އަދަދެއްގެ މުވައްޒަފުންނާއި ގުދަން ގެންގުޅޭ އެހެން ވިޔަފާރިވެރިއަކު ބުންޏެވެ.
ބައެއް ވިޔަފާރިވެރިން ބުނީ އިންވޮސް ކޮށްގެން ފައިސާ ނުލިބުމުން، އެތައް އެހެން ގޮތަކުން ފައިސާ ހޯދަން އޭނާ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ބޮޑަށް ބެލީ ސަރުކާރުގެ އޮފިޝަލެއް ނުވަތަ ސަރުކާރާ ގުޅުން އޮންނަ މީހަކާ ވާހަކަ ދައްކައިގެން ފައިސާ ހޯދޭތޯ ކަމަށް އޭނާ ބުންޏެވެ.
"ދެން ސަރުކާރާ ގުޅުން އޮންނަ ކޮންމެވެސް މީހެއް ކައިރިއަށް މި ދާންޖެހެނީ ފައިސާކޮޅު ހޯދަން. ހަމަ ދާއިރާއަށް އޭނަ އެބަ ބުނޭ ތި ފައިސާގެ 30 ޕަސެންޓު ދޭ މަތިން ހޯދައިދީފާނަމޭ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ. "އަހަރުމެން ބުރަ މަސައްކަތުން ހޯދާ ފައިސާ ވެސް ލިބެނީ ކަޓެއް ދިނީމަ. ކިހާ ދީނީ [މި ސަރުކާރު]."
އިންވޮއިސް ފޮނުވާ ހިސާބުން ފެށިގެން އެ ބިލަކަށް ޖީއެސްޓީ ދައްކަންޖެހޭ ގޮތަށް އޮތް އޮތުން އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރު މުހައްމަދު ނިއުޝާދު ޖޫން، 2025، ގައި ހުށަހެޅި އެވެ. ނަމަވެސް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން އެ ހުށަހެޅުމަށް ވޯޓު ދިނުމުން މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވި އެވެ.
ހަތަރު ބިލިއަން ރުފިޔާ އާއި ހަ ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ސަރުކާރުން ވިޔަފާރިވެރިންނަށް ނުދައްކާ ހުރި ކަމަށް އެސްޓިމޭޓު ކުރެވެ އެވެ. ނަމަވެސް ހާމަކަން ބޮޑު ގޮތަކަށް ދައުލަތުގެ މާލީ ހިސާބުކިތާބު އާންމު ނުކުރާތީ ސަރުކާރުން ދަރާފައި އޮތް ސީދާ އަދަދެއް ނޭނގެ އެވެ.
ސަރުކާރުން ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ ދައްކައި ހަލާސް ކުރަން ރައީސް މުހައްމަދު މުއިއްޒު ވަނީ ތަފާތު އެތައް ތާރީހެއް ދެއްވައިފަ އެވެ. ނޮވެމްބަރު، 2023، ގައި ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ވިޔަފާރިވެރިންގެ ބިލުތައް ސެޓްލް ކުރުމުގެ ވާހަކަ އެމަނިކުފާނު ދެއްވި އެވެ. އެންމެ ފަހުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ބިލުތަކަށް ފައިސާ ދައްކައި ނިންމަވާނެ ކަމަށެވެ.
"... އަދި ދެންހުރި ފައިސާ ވެސް މި ދެންނެވިހެން، ފުދޭވަރެއްގެ ގިނަ ފަރާތްތަކަކަށް މިމަސް ނިމޭއިރަށް، ބާކީ މި އޮތް ފަނަރަވަރަކަށް ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ، ޕޭކޮށްލެވޭތޯ. އަދި ހަމައެއާއެކީގައި، ޖަނަވަރީ މަސް ތެރޭގައި ބާކީ އެމައުންޓު ވެސް، ރޯދަމަހާ ހަމައަށް ދާންވާއިރަށް ކްލިއާ ކޮށްލެވޭތޯ މި ބަލަނީ،" ޑިސެމްބަރު، 2025، ގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.
Comment