23 ޖުލައި 2025 - 06:40 0
މުހައްމަދު ޝަހްޒާން
ހުޅުމާލޭ ޗެނަލްގައި މުރަކަ އިންދުމުގެ މަސައްކަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޫދުގެ ތެރޭގައި ބަހައްޓާ ދަގަނޑު އޮނިގަނޑުތަކުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފު އާއި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް ނައީމް އަދި އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް މުރަހަ ހަރުކުރަނީ. -- ފޮޓޯ: އެޗްޑީސީ
23 ޖުލައި 2025 - 06:40 0
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު އޮންނަ ޗެނެލްގައި މުރަކައިގެ ބަގީޗާއެއް ހެއްދުމުގެ މަޝްރޫއުއެއް އިއްޔެ ފަށައިފި އެވެ.
އެޗްޑީސީން އާންމު ކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ އެންވަރަމެންޓް މެނޭޖުމެންޓް އެންޑް ސާވެއިން މެނޭޖަރު، ހައްސާން އަބްދުލް މުހްސިން ވިދާޅުވީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަސައްކަތް ކުރަމުން ދަނީ އެޗްޑީސީގައި ތިބި އެކަމުގެ މާހިރުންގެ ޓީމެއް އެކުލަވައިލުމަށް ކަމަށެވެ.
"ހުޅުމާލެއަށް އިތުރު ނަލަކަމެއް ގެނެސްދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށް މި ގެންދާ މުރައިގެ ބަގީޗާ ޕްރޮޖެކްޓަކީ ޗެނެލް އެކެއްގައި މުރަކަ އިންދާ އާލާ ކުރުމުގެ ޕްރޮޖެކްޓެއް، މިއީ އީޕީއޭ އާއި އެޗްޑީސީ އާއި އެކު ބައިވެރިވެގެން ކުރިއަށް ގެންދާ މަޝްރޫއުއެއް،" ހައްސާން ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ޗެނެލް އެކެއްގައި މުރަކަ އިންދާނީ އެ ސަރަހައްދުގައި މުރަކަ އިންދައިގެން އެއްވެސް ނޭދެވޭ ނަތީޖާއެއް ނުނިކުންނާނެކަން ކަށަވަރު ކުރުމަށްފަހު ކަމަށް ވެސް ހައްސާން ވިދާޅުވި އެވެ.
އަދި އެ ސަރަހައްދުގައި މުރަކަ އިންދުމަށްފަހު ނޭދެވޭ ކަމެއް ދިމާނުވާ ނަމަ އެ ބަގީޗާ އިތުރަށް ބޮޑުކޮށް އިތުރު ސަރަހައްދުތަކުގައި މުރަކަ އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވައްސާ ދެމެދު އޮންނަ ޗެނެލް އަކީ ފޭސްގެ ދެމެދުން އޮއި ދެމޭ ގޮތަށް ކަނޑާފައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދު މިހާރު އާންމުކޮށް ބޭނުން ކުރަނީ ހުޅުމާލޭ ރައްޔިތުން މޫދަށް އެރުމަށެވެ.
ހުޅުމާލެ ޗެނެލް އެކެއް ސަރަހައްދު ޕާކެއްގެ ގޮތުގައި ތަރައްގޫ ކުރުމުގެ މަސައްކަތްތަކެއް ވެސް އެޗްޑީސީން ކުރިން ކުރި އެވެ. ނަމަވެސް އެ މަސައްކަތް މިވަގުތަށް އޮތީ މެދުކެނޑިފަ އެވެ.
Comment