Advertisement

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފަށައިފި

22 ޖުލައި 2025 - 14:16 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފަށައިފި

22 ޖުލައި 2025 - 14:16 1

ދިވެހިރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ގާއިމުކުރަން މަޝްވަރާ ކުރަމުންދާކަން އިންޑިއާގެ ސަރުކާރުން ކަށަވަރު ކޮށްދީފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށްދާކަން ކަށަވަރު ކޮށްދީފަ އެވެ.

އޭގެ އިތުރުން އިންވެސްޓްމަންޓު ޓްރީޓީއެއް އެކުލަވާލުމަށް ވެސް މަޝްވަރާ ކުރަމުންދާކަން އިންޑިއާގެ ސަރުކާރުން ކަށަވަރު ކޮށްދިނެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން އިންޑިއާ ސަރުކާރުން އިސްވެ އެދުނު ކަމަށް ދިވެހި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މެއި 25، 2024 ގައި އިއުލާނު ކުރި އެވެ.

އެހެން ނަމަވެސް އެފަދަ އެއްބަސްވުމަކަށް އިސްވެ އެދިފައި ނުވާނެ ކަމަށާއި އޭގެ މަޝްވަރާއެއް ވެސް ކުރިއަށްނުދާ ކަމަށް މެއި 31، 2024 ގައި އިންޑިއާ ސަރުކާރުން ހާމަކުރި އެވެ.

މިއީ އިންޑިއާގެ ސަރުކާރުން ރާއްޖެއާއެކު މިފަދަ މަޝްވަރާއެއް ކުރިއަށްދާކަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ. އަންނަ ހުކުރު ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 2004 ގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ސޮއިކުރި އެވެ. އެއީ ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) އެވެ.

މި ސަރަހައްދު އިގުތިސޯދީ ގޮތުން ބާރުވެރިކޮށް ވިޔަފާރިއަށް ފަހިކުރުމުގެ ގޮތުން ސޮއިކުރި އެ އެއްބަސްވުމުގައި ރާއްޖޭގެ ބައިވެރިވުން ވެސް އޮވެ އެވެ. ނަމަވެސް, ވަކިވަކި ގައުމުތަކާ އެކު ރާއްޖޭން އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވެ އެވެ.