about 1 hour 0
ލީވާން އަލީ ނާސިރު
about 1 hour 0
ވ. ކެޔޮދޫ ކައިރިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންހާނިއާގެ ލޯންޗު އެކްސިޑެންޓުވި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއަން ނެޝަނަލް ރެލީ ޗެމްޕިއަން ހަރީ ސިންގު އާއި ބޯޓު ކެޕްޓަނެއް ކަމަށްވާ މަހޭޝް ރާމްޗަންޑުރަން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އެންޑީޓީވީން ބުނީ ގެއްލިގެން ހޯދަމުންދާ މަހޭޝްއަކީ ގޯތަމްގެ ސުޕަ ޔޮޓްގެ ކެޕްޓަން ކަމަށެވެ. ނެޝަނަލް ޑިފެންސް އެކަޑަމީން ގުރެޖުއޭޓުވެފައިވާ މަހޭޝްއަކީ ކުރީގެ ނޭވީ އޮފިސަރެއް ކަމަށް އެ ޓީވީން ބުންޏެވެ.
ގައުމީ މުބާރާތްތަކުންނާއި އޭޝިއަން ގޭމްސް އަދި ވޯލްޑް މިލިޓަރީ ގޭމްސް އިން މެޑަލްތައް ހޯދާފައިވާ މަހޭޝްއަކީ އެއް އިރެއްގައި މެޗް ރޭސިން ކުޅިވަރުގެ ދުނިޔޭގެ 15 ނަންބަރު އެތުލީޓުކަން ފާހަގަކޮށް އެންޑީޓީވީން ބުނީ އޭނާ ވަނީ ކުރިން ޔޮޓްސްމޭން އޮފް ދަ އިޔާކަން ވެސް ހޯދާފަ އެވެ.
ހަރީ ސިންގަކީ އެތައް ފަހަރެއްގެ މަތިން އިންޑިއާގެ ގައުމީ ރެލީ ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އިތުރުން އޭޝިއާ ޒޯން ރެލީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ އެތުލީޓެކެވެ.
ހަރީ އާއި މަހޭޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނައިރު، ހޯދަމުންދާ ދެ މީހުންގެ ވަނަވަރު ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ހާމަނުކުރެ އެވެ.
މި ލޯންޗު ބަންޑުންޖަހާލި ވަގުތު އެ އުޅަނދުގައި ހަތް މީހުން ތިއްބެވެ. އެއީ ގޯތަމް އާއި އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން މީހާ އާއި ރަޝިއާއަށް ނިސްބަތްވާ އަންހެނެކެވެ.
ލޯންޗު ހާދިސާއާ ގުޅިގެން ގޯތަމްގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ، އެކްސިޑެންޓެއްގައި އޭނާއަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މިހާރު އޭނާ މުމްބާއީގައި ފަރުވާ ހޯދަމުންދާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ ހާދިސާއަށްފަހު ފުރައިގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ ނިސްބަތްވާ ދެ ފިރިހެނުންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ. އޭގެތެރެއިން ފުރައިގެންދިޔަ އިންޑިއާ އެކަކުގެ އަތް ބުރިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން ހާދިސާއާ ގުޅިގެން އިތުރު ދެ މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެ ދެމީހުންގެ ހާލަތާ ގުޅިގެން އެއްވެސް އެއްޗެއް ޓްރީ ޓޮޕުން ހާމައެއް ނުކުރެ އެވެ.
މި ހާދިސާ ހިނގިތާ 24 ގަޑިއިރު ނުވަނީސް އަދި ތަހުގީގު ކުރިއަށްދަނިކޮށް ގޯތަމް ރާއްޖެ ދޫކޮށް ދިޔުމާ ގުޅިގެން އާންމުން ދަނީ ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ. އޭގެއިތުރުން އެކްސް ގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ވެސް ދަނީ އެކަމާ ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ.
ތަހުގީގު ނުނިމެނީސް ބައެއް މީހުން ފުރައިގެން ދިޔައީ ބޭސް ފަރުވާއަށް ކަމަށް ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް ލޯންޗު ދުއްވަން ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ގޯތަމް ފުރީ ފުލުހުން ހުއްދަ ދިން ފަހުންތޯ ނޫނީ އޭގެ ކުރިންތޯ ކަށަވަރެއް ނުވެ އެވެ.
މި ސުވާލު އުފެދުނީ ގޯތަމް ފުރިކަން ފުލުހުންނަށް އެނގުނީ މާ ފަހުން ކަމަށް މި ނޫހަށް މައުލޫމާތު ލިބިފަައިވާތީ އެވެ. މިކަން ކަށަވަރުކުރަން ފުލުހުންނާ ސުވާލުކުރި ނަމަވެސް އަދި އެ މައުލޫމާތެއް ނުލިބެ އެވެ.
ގޯތަމް ދުއްވަން ހުރި ސިނގިރޭޓު ރޭސިން މަރުކާގެ ލޯންޗުތަކަކީ ކަނޑު އުޅަނދުފަހަރުގެ ތެރެއިން އެންމެ ބާރަށް ދުވާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ލޯންޗެކެވެ. މީގެ އެންމެ ބާރަށް ދުވާ މޮޑެލްތަކުގެ ގަޑިއިރަކު 100 ނޯޓިކަލް މޭލު (189 ކިލޯމީޓަރު) ދުވާ ލޯންޗުތައް ވެސް ހުރެ އެވެ.
ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮންނަ ގޯތަމް އަކީ ބާރު ސްޕީޑުގައި ދުއްވާ ކާރާއި ލޯންޗު ފަދަ ތަކެއްޗަށް ލޯބިކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.
Comment