Advertisement

ރާއްޖެއަށް ހަ ކިލޯގެ ޑްރަގު އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި


ރާއްޖެއަށް ހަ ކިލޯގެ ޑްރަގު އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް ހަ ކިލޯއަށްވުރެ ގިނަ ޑްރަގް އެތެރެކުރި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ޔުތިޝް ރާޖް ރާޖަން، 27 އާއި އީޝްވަރުމުރިތީ ޝަންމުގަމް، 24 ކަމަށެވެ.

އެ ދެ މީހުންގެ ލަގެޖުން ޑްރަގް ފެނުމާއެކު އެ މައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ފުލުހުންނާ އެމީހުން ހަވާލުކޮށްފަ އެވެ.

މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަނީ ޖަހާފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ޔުތިޝް ރާޖް ރާޖަން މުއްދަތު މަޖިލީހުގައި ބުނީ އޭނާ ރާއްޖެ އައީ ފަތުރުވެރިއެއްގެ ގޮތުގައި ކަމަށާއި ލަގެޖުގައި ހުރި އެއްޗެއް ނޭނގޭ ކަމަށެވެ.

މީގެއިތުރުން އީޝްވަރުމުރިތީ ޝަންމުގަމް މުއްދަތު މަޖިލީހުގައި ބުނީ އޭނާ ރާއްޖެ އައީ ރައްޓެއްސެއް ބުނެގެން ކަމަށާއި އިތުރު އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ. އޭގެއިތުރުން ރާއްޖެ އައީ އޭނާއާއެކު ހައްޔަރުކުރި ޔުތިޝް ރާޖް ރާޖަން ބުނެގެން ކަމަށް އީޝްވަރުމުރިތީ ޝަންމުގަމް ކޯޓުގައި ބުންޏެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން މިދިޔަ ހުކުރު ދުވަހު އަތުލައިގަތެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެ އެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ފަސް ކިލޯއަށްވުރެ ގިނަ ކެނެބިސް ފަތުގެ އިތުރުން ހަ ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް ހިމެނޭއިރު، އެ ތަކެތީގެ މަގުމަތީ އަގު އަގު 9.6 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމުން ބުންޏެވެ.

ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ކަސްޓަމުން ދަނީ އަތުލައިގަންނެ، މައްސަލަ ތަހުގީގުކުރަން ފުލުހުންނާ ހަވާލުކުރަމުންނެވެ.