ނ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ވަޒީރުންނާއެކު މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ވަޑައިގަންނަވާނީ ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއަށެވެ
މި ދަތުރުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތުގެ އިތުރުން ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކާއި ގުޅޭ މަސައްކަތްތައް ވެސް އެމަނިކުފާނު ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެކެވެ.
ރައީސް ނ. އަތޮޅަށް ވަޑައިގަތުމަށް ކުރިން ރާއްވަވާފައި އޮތީ ޖުލައި މަހު ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ.
އޭރު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގެންނެވުމުގެ ބޭނުމަކީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު ވެރިކަން ކުރާ ޕީއެންސީ އަށް ހޯދުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
Comment