Advertisement

ނޫނު އަތޮޅުގައި 790 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ޓައުންޝިޕަށް ހުއްދަ ދީފި

9 ޑިސެންބަރު 2025 - 22:03 0

އަމަން ހަލީމް

އަމަން ހަލީމް

ދިގުފަރު ފަޅާއި ދެކެނަންފަރާއި ކުރަމާދޫ މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: މި ޕްރޮޖެކްޓުގެ ކުރިއަށް ދަނީ ބިން ހިއްކުމުގެ ބައި، ހިދުމަތް ދޭން ފަށަނީ 2028 ގައި --- ފޮޓޯ: ކޮޕާނިކަސް/ސެންޓިނެލް


ނޫނު އަތޮޅުގައި 790 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ޓައުންޝިޕަށް ހުއްދަ ދީފި

9 ޑިސެންބަރު 2025 - 22:03 0

ނޫނު އަތޮޅު ދިގުފަރު ފަޅާއި ދެކެނެންފަރާއި ކުރަމާދޫގައި ކްރިސްޓަލް ހޯލްޑިންސް ކުންފުނިން 790 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ ޓައުންޝިޕް ޕްރޮޖެކްޓަށް، ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ހުއްދަ މިއަދު ދޫކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއީ އެސްއީޒެޑު ގާނޫނުގެ ދަށުން ދޫކުރެވުނު ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ހުއްދަ އެވެ. އަދި، މި ބިޔަ އިންވެސްޓްމަންޓަކީ، އާންމުކޮށް ފެންނަ ޓޫރިޒަމަށް ބިނާވެފައިވާ މޮޑެލްތަކުން ބޭރުން، އެކި ސެކްޓަރުތައް ހިމެނޭ ޑިވެލޮޕްމަންޓުތައް ގެންނަން ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފުރަތަމަ ޓައުންޝިޕް ޕްރޮޖެކްޓުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ސަރުކާރުން އިޝްތިހާރުކުރަމުން އަންނަ އެއް ކަމަކީ އެ ތަނުގައި ހުންނާނެ ކަމަށް ބުނާ އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެވެ. މިއީ ޓައުންޝިޕުތަކުގައި ކޮންމެހެން ވެސް ހުންނަން ޖެހޭ ތަނެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، ލަގްޒަރީ އަދި ރެޒިޑެންޝަލް ކޮމްޕޯނަންޓުތައް ގުޅުވައިދޭ މި ޓައުންޝިޕުގައި ތަރައްގީކުރާ ހެލްތުކެއާ ފެސިލިޓީއާ އެކީ، މެޑިކަލް އަދި ވެލްނަސް ޓޫރިޒަމުގައި ޕްރީމިއަމް މަންޒިލެއްގެ ގޮތުގައި ފައިހަމަކުރަން ވެސް ފުރުސަތު ލިބިގެން ދާނެ އެވެ.

އޭގެ އިތުރުން، މި ޓައުންޝިޕްގައި ބައިނަލްއަގްވާމީ ހޮސްޕިޓަލިޓީ އަދި ލީޑަޝިޕް ސްކޫލަކާއި ކުރިއަރާފައިވާ ދަނޑުވެރިކަމާއި އެކުއާކަލްޗާ ނިޒާމުތަކަށް ހާއްސަ ރަށެއް ވެސް ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި، މި ތަނަށް ބޭނުންވާ ކަރަންޓުގެ 60 ޕަސެންޓު އުފައްދަނީ އިޔާދަކުރަަނިވި ހަކަތައިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ޓައުންޝިޕުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް އަންދާޒާ ކުރާ ތާރީހަކީ 2028 އެވެ. މިއީ އެކީ ވަޒިފާގެ ފުރުސަތުތަކާއި، ސަރަހައްދީ ވިޔަފާރި ހަރަކާތްތައް ސިންދަފާތުވެ، ގައުމީ ތަރައްގީގެ އަމާޒުތަކަށް ވާސިލުވާން ފަހިކޮށްދޭން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ މި އަހަރުގެ ޖެނުއަރީ 12، ގައި ނެރުއްވި ގަރާރަކުންނެވެ.

މި ގަރާރަށް ފަހު، "ޓައުންޝިޕް" މި ބަހަށް ރަސްމީ މާނައެއް ކަނޑައަޅައި، އެސްއީޒެޑުގެ އިންވެސްޓުމަންޓު ބޯޑުން އިއުލާނެއް ގެޒެޓުކުރީ މާޗު 18، ގަ އެވެ. ޖެހިގެން އައި ދުވަހު ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރަމުން އައި "ޕްރޮޖެކްޓު އައިލާ" އަށް ވަނީ، ޓައުންޝިޕެއްގެ ގޮތުގައި ތަރައްގީކުރަން އިނީޝަލް ޕާމިޓު ދޫކޮށްފަ އެވެ.