Advertisement

ޓީއެމްއޭ ޕައިލެޓުންނާއި މުވައްޒަފުން އިހުތިޖާޖަށް ނުކުންނާތީ މަޓާޓޯ ކަންބޮޑުވެއްޖެ

20 ޖުލައި 2025 - 14:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޓީއެމްއޭ ސީޕްލޭނެއް ޖައްސަނީ. ފްލައިޓު އޮޕަރޭޝަންތައް ހުއްޓި ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް މަޓާޓޯއިން ބުނޭ --- ފޮޓޯ: އަދަދު ފައިލް


ޓީއެމްއޭ ޕައިލެޓުންނާއި މުވައްޒަފުން އިހުތިޖާޖަށް ނުކުންނާތީ މަޓާޓޯ ކަންބޮޑުވެއްޖެ

20 ޖުލައި 2025 - 14:27 0

ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅި ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތާ ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޑޮލަރުގެ ތާށިކަން ބޮޑުވެ، މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމުމާ ގުޅިގެން، ޕައިލެޓުން ހިމެނޭހެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމާފައިވާތީ މަޓާޓޯއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި މަހުގެ މުސާރަ ދޭއިރު، ރުފިޔާއިން މުސާރަ ދީފި ނަމަ އިހުތިޖާޖު ކުރަން ޓީއެމްއޭގެ މުވައްޒަފުން ތައްޔާރު ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ. ޕައިލެޓުންނާއި މުވައްޒަފުންގެ ޑިމާންޑާ އެއްގޮތަށް ޓީއެމްއޭގެ މެނޭޖުމެންޓުން އަމަލު ނުކޮށްފި ނަމަ މި މަހުގެ 29 ގައި އުދުހުން ހުއްޓާލަން ދަނީ ރާވަމުންނެވެ.

މަޓާޓޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއްވެސް ވަރަކަށް ޓީއެމްއޭގެ ހިދުމަތްތައް ހުއްޓުން ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމަށް ބްރޭންޑަށް ވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް މަޓާޓޯއިން ބުނެ އެވެ.

ޕައިލެޓުން މަސައްކަތް ހުއްޓާލުން ވެގެންދާނީ ޓޫރިސްޓުންނަށް ފްލައިޓުތައް ފުރާގަޑިއަށް އެއާޕޯޓަށް ނާދެވޭނެ ސަބަބަކަށް ކަމަށާއި އޭގެ އެއިރުން އުފެދޭ މައްސަލަތައް ހައްލު ކުރުން ވެގެންދާނީ ބޮޑު ގޮންޖެހުމަކަށް ކަމަށް މަޓާޓޯއިން ބުނެ އެވެ.

މަޓާޓޯއިން ވަނީ ސަރުކާރާއި، ޓީއެމްއޭ އަދި މުވައްޒަފުން މަޝްވަރާ ކޮށްގެން މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައިފަ އެވެ.

ސަރުކާރުން ތަންފީޒުކުރަން ފެށި ޑޮލަރުގެ ސިޔާސަތާ ގުޅިގެން 20 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުވާތީ، ޓީއެމްއޭއިން އެމްއޭސީއެލްއަށް ދައްކާ ބިމު ކުއްޔާއި ތެލުގެ އަގު ރުފިޔާއިން ގަބޫލު ކުރަން އެދުނު ކަމަށް، އެ މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

ނަމަވެސް ސަރުކާރުން އެ ހުށަހެޅުން ބަލައިނުގަތެވެ. އެކަމުގެ ނަތީޖާއަކީ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން މަޖުބޫރުވުން ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ޓީއެމްއޭގެ ސީނިއާ އޮފިޝަލަކު ބުންޏެވެ.

މުސާރަ ރުފިޔާއަށް ދޭން ޖެހިދާނެ ކަމަށް ބުނެ ޓީއެމްއޭގެ މެނޭޖުމެންޓުން މުވައްޒަފުންނަށް ފުރަތަމަ ސިޓީއެއް ފޮނުވީ މިދިޔަ ޖޫން 22، ވަނަ ދުވަހު އެވެ. އެއަށް ފަހު ޖޫން 30، ގައި ވެސް އެ މައުލޫއުގައި ސިޓީއެއް ފޮނުވި އެވެ.

ފަސްދޮޅުހަށް ވުރެ ގިނަ ސީޕްލޭން އޮޕަރޭޓުކުރާ ޓީއެމްއޭގައި 1500 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ.