Advertisement

ބޮޑު އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި

20 ޖުލައި 2025 - 12:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޖުލައި 13، ގައި މާލޭގައި ހިނގި އެކްސީޑެންޓުގެ ތެރެއިން: އެ އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި -- ފޮޓޯ؛ އަދަދު


ބޮޑު އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި

20 ޖުލައި 2025 - 12:38 0

ޖުލައި 13، ވަނަ ދުވަހު ބާރަށް ދުއްވި ސައިކަލަކުން މަގު ހުރަސް ކުރަން މަސައްކަތް ކުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ އެ ކުއްޖާ އިއްޔެ ހޮސްޕިޓަލުން ދޫކޮށްލީ ލިބުނު އަނިޔާތަކަށް ވޯޑުގައި ފަރުވާ ދިނުމަށްފަހު ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މަގު ހުރަސް ކުރި 40 އަހަރުގެ މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ވެންޓިލޭޓަރުން ނެގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މޭރީ ބްރައުން ކުރިމަތީގައި ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި ޔޫސުފް އަލްސަން މުހައްމަދު، 17، އެކްސިޑެންޓުވި ރޭ ވަނީ ނިޔާވެފަ އެވެ.

އަލްސަން ދުއްވި ސައިކަލު ގޮސް ޖެހުނީ ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކުރިމަތީ ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރަން މަސައްކަތް ކުރި އުމުރުން 40 އަހަރުގެ މީހެއްގެ ގައިގަ އެވެ. އެއީ ދުވަން ނުކުމެ އުޅުނު މީހެކެވެ.

އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.

އެކްސިޑެންޓު ހިނގި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ލީކުވެފައިވާއިރު އޭގެއިން ފެންނަނީ ދުވަން ނުކުމެ އުޅުނު މީހާ ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ބާރަށް އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލުން ނެއްޓެންވެގެން ތަންކޮޅެއް ބާރަށް ކުރިއަށްދާން އޭނާ މަސައްކަތް ކުރި އެވެ.

ދުވަން ނުކުމެ އުޅުނު މީހާގެ ގައިގައި ސައިކަލުން ޖެހުމުން އޭނާ ވިއްސައިގެން ގޮސް ޖެހުނީ ބިންމަތީގަ އެވެ. ސައިކަލު ޖެހުނީ ކުރިމަތިން އައި ޕިކަޕުގަ އެވެ.