Advertisement

ބްރިޖު މަތީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެއްޖެ، އަނިޔާވި މީހުންނަށް އެހީތެރިވެދިނީ މިނިސްޓަރު އިހުސާން

1 ޑިސެންބަރު 2025 - 23:24 0

ސިނަމާލެ ބްރިޖުގައި ބަޔަކު ވެހިކަލްތަކެއް ދުއްވަނީ: ގައިންގަޔަށް ނާރާ ބަލިތަކުގައި ދިވެހިން އެންމ ގިނައިން މަރުވާ އެއް ސަބަބަކީ އެކްސިޑެންޓު -- ފޮޓޯ: އަދަދު ފައިލް


ބްރިޖު މަތީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެއްޖެ، އަނިޔާވި މީހުންނަށް އެހީތެރިވެދިނީ މިނިސްޓަރު އިހުސާން

1 ޑިސެންބަރު 2025 - 23:24 0

ސިނިމާލޭ ބްރިޖު މަތީ މިރޭ ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެ، ދެ މީހަކަށް އެކި ވަރުގެ އަނިޔާތަކެއްވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އެކެއްގެ މޫނުމަތި ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ސައިކަލު ދުއްވި ދެ މީހުންގެ ވެސް އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓު ހިނގީ ހޯމް މިނިސްޓަރު އަލީ އިހުސާން އޭނާގެ ކާރުގައި ހުޅުމާލެއަށް ވަޑައިގަންނަވަނިކޮށެވެ. އެކްސިޑެންޓު ހިނގި ސަރަހައްދަށް އިހުސާން ހުއްޓައި، އަނިޔާވި ދެ މީހުންނަށް އެހީތެރިވެދިން ކަމަށް ފުލުހުން ބުނެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އަނިޔާވި ދެ މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާނުގެ ކާރުގަ އެވެ.

ސިނަމާލެ ބްރިޖަކީ މުޅި ރާއްޖޭގައި ވެސް އެންމެ ގިނައިން އެކްސިޑެންޓު ހިނގާ އެއް ތަނެވެ. ބްރިޖުގައި ހިނގި އެކްސިޑެންޓުތަކުގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

އެކްސިޑެންޓުތަކަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުން ނޫން ގޮތަށް އެންމެ ގިނަ ޒުވާނުން މަރުވާ އެއް ސަބަބެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރު، 2024، އާ ހަމައަށް ރާއްޖޭގައި ހިނގި އެކްސިޑެންޓުތަކުގައި 115 މީހަކު ވަނީ މަރުވެފަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ގިނަ އެކްސިޑެންޓުތައް ހިނގާ ސަބަބަކީ ބާރަށް ދުއްވުމެވެ. އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ ތެރޭގައި އުޅަނދު ދުއްވާ މީހުންނާއި މަގު ހިނގާ މީހުން ވެސް ހިމެނެ އެވެ. އެކްސިޑެންޓުތަކުގެ މައްސަލަ ހައްލު ކުރަން ވޯލްޑް ހެލްތު އޯގަނައިޒޭޝަނ ނުވަތަ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު "ނެޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން 2019-2023" ގެ ނަމުގައި ކަރުދާހެއް ވެސް ޝާއިއުކޮށްފައިވެ އެވެ.