Advertisement

'ބޮޑެތި މައްސަލަތައް ހައްލުކުރަން' އެއްގަމު ދަތުރުފަތުރުގެ ގާނޫނު އަލުން އެކުލަވާލައި މަޖިލީހަށް ހުށަހަޅާނަން: އޭޖީ

14 ޖުލައި 2025 - 10:24 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ބޮޑެތި މައްސަލަތަކަށް ހައްލު ލިބޭ މުޅިން އައު އެއްގަމު ދަތުރުފަތުރުގެ ގާނޫނެއް އެކުލަވާލަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: އޭޖީ


'ބޮޑެތި މައްސަލަތައް ހައްލުކުރަން' އެއްގަމު ދަތުރުފަތުރުގެ ގާނޫނު އަލުން އެކުލަވާލައި މަޖިލީހަށް ހުށަހަޅާނަން: އޭޖީ

14 ޖުލައި 2025 - 10:24 1

ބޮޑެތި މައްސަލަތަކަށް ހައްލު ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އަލުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތާ ގުޅޭގޮތުން އަދަދު އިން ސުވާލުކުރުމުން އުޝާމް ވިދާޅުވީ މިހާރު އޮތް އެއްގަމު ދަތުރުފަތުރުގެ ގާނޫނަކީ އަދުގެ ހާލަތަށް ބަލާއިރު ދުވަސްވެފައި އޮތް ގާނޫނަކަށްވާތީ މުޅިން އައު ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު އޮތް އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނަކީ ތަންކޮޅެއް ދުވަސްވެފައި އޮތް ގާނޫނެއް މިހާރު އޮތް ހާލަތާ ބަލާއިރުގައި. އަޅުގަނޑުމެންގެ އޮފީހުން މުޅިން އައު އެއްގަމު ދަތުރުފަތުރުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން،" އޭޖީ ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރަން ފެށީ އޭޕްރިލް 15، 2009، ގަ އެވެ. އެ ގާނޫނަށް އެންމެ ފަހުން އިސްލާހު ގެނެސްފައިވަނީ 2020 ވަނަ އަހަރު އެވެ.

އުޝާމް ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުމުން މިހާރު އޮތް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ވެސް ފިޔަވަޅު އެޅިދާނެ ކަމަށެވެ. ނަމަވެސް އައު ގާނޫނު ވުޖޫދަށް އައުމުން އެޅޭނެ ފިޔަވަޅުތައް އިތުރަށް ސާފުވެގެންދާނެ ކަމަށް އޭޖީ ވިދާޅުވި އެވެ.

"މިހާރު ގާނޫނު ތެރެއިން ވެސް ފިޔަވަޅު އެޅިދާނެ. އެކަމަކު ވެސް ހަމަ މިހާރަށްވުރެ ބޮޑަށް އެކަން ކްލިއާ ކުރުމަށްފަހު އެއްގަމު ދަތުރުފަތުރުގެ ތެރޭގައި ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށް މިދިމާވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބޭ ގޮތަށް ތަންކޮޅެއް ކޮމްޕްރިހެންސިވް ރަނގަޅު ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން މިދަނީ،" އޭޖީ ވިދާޅުވި އެވެ.

އުޝާމް އިތުރަށް ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނު މިހާރު އޮތީ ފައިނަލް ޑްރާފްޓާ ހިސާބުގައި ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއް ތެރޭގައި ކަމާބެހޭ ފަރާތްތަކުގެ ކޮމެންޓަށް ފޮނުވާލާނެ ކަމަށެވެ.

މީގެ އިތުރުން އޭޖީ އޮފީހުން މަސައްކަތް ކުރަނީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ އައު ގާނޫނު ހުށަހަޅަން ކަމަށާއި ލަސްވެގެން މަޖިލީހުގެ އަންނަ ދައުރަށް އައު ގާނޫނު މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޓަކައި ގާނޫނުތަކަށާއި ގަވައިދުތަކަށް ބަދަލުތައް ގެންނަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ ސެޕްޓެމްބަރު 6، 2024، ގަ އެވެ.

ވެރި ރަށް މާލޭގައި ރޭ ބާރަށް ދުއްވި ސައިކަލަކުން މަގު ހުރަސް ކުރަން މަސައްކަތް ކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި ޔޫސުފް އަލްސަން މުހައްމަދު، 17، ވަނީ ނިޔާވެފަ އެވެ.